ބަންގްލަދޭޝްގެ ރައްޔިތަކާ އެކު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާއި އާންމުންގެ ގިނަ ބަޔަކު ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްކޮށް ފައިސާ ހޯދައި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ތަފްސީލް - ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނިގޮތުގައި މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހާދަތު ހުސެއިން، 34، އެވެ.
ތަހުގީގުގައި ޝަހާދަތުގެ ބައި ނިންމައި، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މި މައްސަލާގައި ހިމެނޭ އިމިގްރޭޝަންގެ އޮފިސަރުންނާއި އާންމުންގެ ބައި ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އަހުމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ ޝަހާދަތުއާ ގުޅިގެން، އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާއި އާމުންގެ ގިނަ ބަޔަކު ކުންފުނިތަކުގެ ނަމުގައި ކޯޓޭޝަން ނަގައި ބިދޭސީން އެތެރެކޮށް، އެ ބިދޭސީންނަށް ވަޒީފާ ނުދީ މާލެ ތެރެއަށް ދޫކޮށްލައި، އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާ ކަމަށް ބެލެވޭ ކަމަށެވެ.
ޝަހާދަތު އެކަން ކުރަނީ އިމިގްރޭޝަންގައި މަސައްކަތްކުރާ ބަޔަކާއި ބައެއް ދިވެހިންނާ ގުޅިގެންކަން އޭނާގެ ފޯނުން ފެނިފައިވާ ޗެޓް ލޮގުތަކާއި ލިޔެކިއުންތަކުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން:
ސައްހަ ނޫން ވޯކް ޕާމިޓް ހެދުމަށް ފަހު ބިދޭސީންނަށް ފޮނުވައި ބަންގްލަދޭޝްގެ އެކައުންޓަކަށް އެ މީހުން ލައްވައި ފައިސާ ޖަމާކުރުވާކަން ޝަހާދަތުގެ ފޯނުން ހޯދިފައިވޭ
އޮކްޓޫބަރު 2019 އިން ފެށިގެން 2024ވަނަ އަހަރާ ހަމަޔަށް އޭނާގެ ބޭންކް އެކައުންޓުތަކަށް 8 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ޖަމާވެ ދައުރުކޮށްފައިވޭ
ބިދޭސީންގެ ވޯކް ވިސާ ފީ ދެއްކުމަށް ޝަހާދަތުގެ އަމިއްލަ އެކައުންޓުން އެކްސްޕެޓް ޕޯޓަލްގެ ތެރެއިން 1.6 މިލިއަން ރުފިޔާ ދައްކާފައިވާކަން އެނގޭ
"އިމިގްރޭޝަންގެ ބަޔާއި [އެކަމުގައި ޝާމިލުވާ] ދިވެހި އާންމުންގެ ބައި ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރެވެމުން،" އަޒްމަތު ވިދާޅުވި އެވެ.
ފުލުހުން މިއަދު ހާމަކުރި މައުލޫމާތުތަކުން އެނގޭގޮތުގައި ޝަހާދަތު ހުސެއިން އަކީ، ހަތަރު ވޯކް ޕާމިޓެއްގައި 2014ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހެކެވެ.
އޭނާ 2019ވަނަ އަހަރު ބީއެމްއެލްގައި ހަ އެކައުންޓެއް ހުޅުވި އެވެ. އެއީ ދިވެހި ރުފިޔާގެ ތިން އެކައުންޓަކާއި ޑޮލަރުގެ ތިން އެކައުންޓެކެވެ.
އޭނާ މާލޭގައި ދިރިއުޅެފައިވަނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓުމަންޓެއް ކުއްޔަށް ނަގައިގެންނެވެ.
ޝަހާދަތު އެންމެ ފަހުން ވޯކް ޕާމިޓް ބަދަލުކޮށްފައިވާ ކުންފުނީގެ ވަޒީފާއެއްގެ ގޮތުގައި ޖަހާފައިވަނީ އޮފީސް ބޯއީ އެވެ. އެކަމަކު، އޭނާގެ ވަޒީފާ ހަމަޖެހުނުކަމުގެ ލިއުމުގައި އަދި އެކްސްޕެޓް ސިސްޓަމްގައި ވެސް އޮންނަނީ މުސާރައަކީ 3،000 ޑޮލަރު ކަމަށެވެ.
އެކްސްޕެޓް ސިސްޓަމްއިން ދައްކާގޮތުގައި އޭނާއަކީ ވޯކް ޕާމިޓް ފީ ނުދެއްކުމުގެ ސަބަބުން މިިދިޔަ އަހަރުގެ 27 ޖުލައިގައި ވޯކް ޕާމިޓުގެ މުއްދަތު ހަމަވެފައިވާ މީހެކެވެ.
އޭނާ ގެންގުޅޭ މޯބައިލް ފޯނާއި ލެޕްޓޮޕުން ހޯދި މައުލޫމާތަށް ބަލައި ފުލުހުން ހާމަކުރި ތަފްސީލްތަކުން އެނގޭ ގޮތުގައި ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެކުރަމުންދިޔައީ ވަރަށް ފުޅާ ދާއިރާއެއްގަ އެވެ.
އެގޮތުން:
އޭނާގެ ފޯނުންނާއި ލެޕްޓޮޕުން އެކި ކުންފުނިތަކުގެ ރަޖިސްޓްރީ އާއި ލޯގޯ ސްޓޭމްޕް، ބިދޭސީން ހިމެނޭ ގޮތަށް އެކި މީހުންގެ ސޮއި، ވޯކް ޕާމިޓް ނެގުމަށް ބޭނުންވާ ބިދޭސީންގެ ޕާސްޕޯޓު ކޮޕީ އަދި ބައެއް ދިވެހިންގެ އައިޑީ ކާޑު ކޮޕީ ފެނިފައިވޭ
ވޯކް ޕާމިޓް ސައިޓުތަކަށް ވަދެފައިވާކަމުގެ ވެބް ހިސްޓްރީ ފެނިފައިވޭ
އޭނާ އެތަކެއް ސަތޭކަ ވަގު އައިޑީ ގެންގުޅެފައިވޭ. އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ނަމުގައި 153 އެކައުންޓެއްގެ އައިޑީ، ބޭރުގެ ކުންފުނިތަކުގެ ނަމުގައި ހަތް އެކައުންޓެއް، ޕްރައިވެޓް ކުންފުނިތަކުގެ ނަމުގައި 283 އެކައުންޓު، އަމިއްލަ ފަރުންދުންގެ ނަމުގައި 126 އެކައުންޓެއް، ޕާޓްނާޝިޕްތަކުގެ ނަމުގައި އެކްސްޕެޓް ސިސްޓަމްތަކުގައި ގާއިމުކޮށްފައިވާ ފަސް އެކައުންޓް އައިޑީއެއް
"މިތަކެތި ފެނިފައިވުމުން ހާމަވާ ކަމަކީ ޝަހާދަތު ހުސެއިންއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެކަމުން މާލީ މަންފާ ހޯދާ ފަރާތެއްކަން،" އަޒްމަތު ވިދާޅުވި އެވެ.
އެކްސްޕެޓް ސިސްޓަމްގައި ގާއިމުކޮށްފައި ހުރި ނަންތަކާއި ޕާސްވޯޑް އަދި ބައެއް ފަރާތްތަކުގެ އީފާސް އެކައުންޓުތަކުގެ ލޮގިން އަކީ ޝަހާދަތު އަމިއްލައަށް ހޯދައި ނުވަތަ އުފައްދާފައިވާ މައުލޫމާތުތަކެއް ކަމަށް ނުބެލެވޭ ކަމަށް އަޒްމަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތުގެ ފަހަތުގައި އޭނާއާ އެކު ރާއްޖޭގެ އިމިގްރޭޝަންގައި މަސައްކަތްކުރާ ބަޔަކާއި ދިވެހި އާންމުންގެ އެތައް ބަޔަކު ހިމެނޭ ކަމަށެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ގެންނަން ބިދޭސީއަކާ އެކު އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާއި އާންމުންގެ ބޮޑު ނެޓްވޯކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ