ގާނޫނާ ޚިލާފު ކަމަށް ފިލްޒާ ވިދާޅުވިޔަސް ޖޭއެސްސީން އިޖުރާއަތްތައް ފުރިހަމަ ކުރި: ހުސްނީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން, ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވި ނަމަވެސް، ޖުޑިޝަރީ ކޮމިޓީން ދެކެނީ އެގޮތަށް ނޫން ކަމަށް ކޮމިޓީގެ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މުގައްރިރު ހުސްނީ މުބާރިކް މިރޭ ވިދާޅުވެއްޖެއެވެ. ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަދި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީއިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ. އެއަށް ފަހު ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް މިދިޔަ އާދިއްތައިގައި ފާސްކޮށްފައެވެ. އެއީ ދެ ފަނޑިޔާރުން ވެސް ކޮމިޓީގައި ޖަވާބުދާރީވާން އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތު ނުދީއެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ވެސް ކޮށްފައެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރެވޭނެއެވެ. https://sun.mv/205973 އެހެންނަމަވެސް، ޖުޑިޝަރީ ކޮމިޓީއަށް ފިލްޒާ ދެއްވި ލަފައެއްގައިވަނީ، ޖޭއެސްސީން އެ މައްސަލަ ބެލީ އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. އެ ލަފަޔާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ހުސްނީ ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީން ނިންމީ ފަނޑިޔާރުން ވަކިކުރަން ނޫން ކަމަށާއި އެ ކޮމިޓީން ދިރާސާކުރީ ޖޭއެސްސީގެ ރިޕޯޓް ރަނގަޅުތޯ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު: ދެ ބޭފުޅުން ވަކިކުރުމުގެ މަސައްކަތް މާދަމާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައި --- ފޮޓޯ/ ސުޕްރީމް ކޯޓް އޭނާ ވިދާޅުވީ ފިލްޒާ ދެއްވި ލަފަޔަކީ އެ ކަމަނާއަށް ގާނޫނު މާނަ ކުރެވޭ ގޮތް ކަމަށެވެ. އަދި ޖޭއެސްސީން މައްސަލަ ބަލަން ފެށިއިރު އިޖުރާއަތާ ޚިލާފުވެފައިވާ ކަމަށް ފިލްޒާ ވިދާޅުވި ނަމަވެސް ކޮމިޓީން ބެލިބެލުމުން، އެ މައްސަލަ ޖޭއެސްސީން ބެލީ އިޖުރާއަރާ އެއްގޮތަށްކަން އެނގުނު ކަމަށް ހުސްނީ ވިދާޅުވިއެވެ. މަހާޒާއި އަޒްމިރަލްދާ މަގާމުން ވަކިކުރަން ޖޭއެސްސީން ފާސްކުރީ، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި، އެއިރުގެ ފަނޑިޔާރު ހުސްނުއްސުއޫދާއެކު ސަސްޕެންޑުކުރުމަށް ފަހުގައެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ. އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، ތިން ބޭފުޅުން ވެސް ޖޭއެސްސީން ބަލާ މައްސަލައާއި އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ސުއޫދާއި އަޒްމިރަލްދާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި އޭގެ މަގުސަދަކީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް ތުހުމަތު ކުރައްވައިފައެވެ. https://sun.mv/205974 އެ މައްސަލައިގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި އިންޑިއާގެ ބާ އެސޯސިއޭޝަނާއި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ލޯ އޭޝިއާ)އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބޭރުގެ އެސޯސިއޭޝަންތަކުން ވަނީ، ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިނުކުރަން ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ