ސިއްހީ އިހުމާލުގެ މައްސަލަތަކަށް އައު ޓްރީޓްމެންޓް ގައިޑްލައިނެއް އެކުލަވާލަން އުޅޭ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުالله ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރޭ އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތް ފޯރުކޮށްދޭން ތިބީވެސް އިންސާނުން ކަމަށެވެ. އެހެންކަމުން ހިދުމަތް ހޯދާ އަދި ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް އެކަށީގެންވާ މިންވަރަކަށް ބެލެންސްކޮށްގެން ނޫނީ ސިއްހީ ނިޒާމު ހަރުދަނާ ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.
Advertisement
އެހެންކަމުން، މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތް ލިބިދޭ މީހުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ގާނޫނީ އިމުގެ ތެެރެއިން ހަރުދަނާ ކުރެވޭތޯ މިނިސްޓްރީ އިން މަސައްކަތް ކުރާނެ ކަމަށެވެ. މިވަގުތު މިކަން ފަހިވާ ވަރަށް ގާނޫނު ހެދިފައިނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަން ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ޓްރީޓްމެންޓް ގައިޑްލައިން އެކުލަވާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ސިއްހީ ނިޒާމް ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ ސްޓޭންޑާޑް ގައިޑްލައިންސް ހެދި ތަންފީޒުވަމުންދިއުން. މިއީ ދިވެހިރާއްޖޭގައި މާ ރަނގަޅަށް ތަންފީޒުވަމުންދާ ކަމެއް ނޫން. އެހެން ނަމަވެސް، ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން އަޅުގަނޑުމެންގެ ހެލްތް މިނިސްޓްރީން ބާރުލާފައި މިކަން ފަށައިފިން"
ހެލްތް މިނިސްޓަރ ޢަބްދުالله ނާޒިމް
އެހެންވީމާ، އައު ޓްރީޓްމެންޓް ގައިޑްލައިންތައް ދުނިޔޭގެ ކަމާއިބެހޭ މާހިރުންގެ އެހީއާއި ރާއްޖޭގެ ފަންނީ ޑޮކްޓަރުންގެ ލަފަޔާއިއެކު ދިވެހި މުޖުތަމައުއަށް ގެނެސްގެން ރާއްޖޭގައި މަސައްްކަތްކުރާ ޑޮކްޓަރުން އެ އުސޫލުތަކަށް އަހުލުވެރިކުރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ އެސްއޯޕީތަކަށް އަމަލުކުރަން ފެށުމުން ދިމާވާ އިހުމާލުގެ މައްސަލަތައްވެސް މަދުވެ، ފަރުވާކުޑަވުމުގެ ޖާގަ ހަނިވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެެވެ.
މީގެ އިތުރަށްވެސް މިނިސްޓަރ ވަނީ ޓެލެމެޑިސިންގެ ހިދުމަތް ރާއްޖެއަށް ގެނައުމުގެ މާސްޓާޕްލޭނެއް ކުރިއަށް އޮންނަ 2 މަސް ތެރޭ އެކުލަވާނެ ކަމަށް ރާވާފައިވާ ކަމަށްވެސް ހާމަކުރައްވާފައެެވެ.
ސިއްހީ އިހުމާލުގެ ވާހަކަތަކަށް މި ޕްރޮގްރާމްގައި އަލިއަޅުވާލާފައިވާއިރު ދާދި ފަހުންވެސް ގއ. ވިލިނގިލި ހޮސްޕިޓަލުގައި އެޑްމިޓްކުރި މާބަނޑު އަންހެނަކާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވުމުގައި ހޮސްޕިޓަލުން އިހުމާލުވިކަމުގެ މައްސަލައެއް ހެލްތް މިނިސްޓްރީ އިން ދަނީ ތަހުގީގުކުރަމުންނެވެ. މީގެ ކުރިންވެސް އެ ހޮސްޕިޓަލުން އެކި ފަހަރުމަތިން ބަލިމީހުންނަށް ފަރުވާދިނުމުގައި އިހުމާލުވާކަމުގެ ކަންބޮޑުވުން ރަށުގެ ގިނަ އާންމުން ފާޅުކޮށްފައި ވެެއެވެ.
ސިއްހީ އިހުމާލުގެ މައްސަލަތަކަށް އައު ޓްރީޓްމެންޓް ގައިޑްލައިނެއް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ