ދިވެހީންނަށް ޓިކްޓޮކުން އާމްދަނީ ލިބޭގޮތް ހަދަން މަޝްވަރާކޮށްފި
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މިހާރު އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ, ޓިކްޓޮކުން ދިވެހީންނަށް އާމްދަނީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދިވެހި ސަރުކާރާއި ޓިކްޓޮކުގެ އިސް ބޭފުޅުންނާ އެކު މަޝްވަރާތައް ފަށައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ ޓިކްޓޮކްގެ އިސް ވަފުދާ އެކު އެ މިނިސްޓްރީގެ އިސް ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި ޑިޖިޓަލް މޮނެޓައިޒޭޝަންގެ ތެރެއިން ދިވެހީންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ. https://x.com/moedmv/status/1911978629489369509 ޗައިނާގެ ޕްލެޓްފޯމެއް ކަމަށްވާ, ޓިކްޓޮކް ބޭނުންކުރާ މީހުން ފައިސާ ހޯދަނީ ކްރިއޭޓާ ފަންޑް ނުވަތަ ރިވާޑްސް ޕްރޮގްރާމާއި ލައިވްތައް ޖެއްސުމުން ލިބޭ ހަދިޔާއާއި ބްރޭންޑް ޑީލްތައް ފަދަ ކަންކަން މެދުވެރިކޮށެވެ. އަދި، އެކިއެކި ޕްރޮޑަކްޓްތައް ޕްރޮމޯޓްކޮށްގެންނާއި އަމިއްލައަށް ތަކެތި ވިއްކައިގެން ވެސް ފައިސާ ހޯދައެވެ. ބައެއް މީހުން ޓިކްޓޮކް ޝޮޕް މެދުވެރިކޮށް ސީދާ އެޕްލިކޭޝަންގައި އުފެއްދުންތައް ވިއްކައިގެން ނުވަތަ ޕްރޮމޯޓްކޮށްގެން ވެސް އާމްދަނީ ހޯދައެވެ. މީގެ ތެރެއިން ދިވެހީންނަށް މިހާރު އާމްދަނީ ހޯދެނީ ލައިވްތަކުގައި ލިބޭ ގިފްޓްތަކުންނެވެ. ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ރާއްޖޭގައި ވަރަށް މަގުބޫލު ޕްލެޓްފޯމްތަކެއް ނަމަވެސް އެހެން ގައުމުތަކުގެ ރައްޔިތުންނަށް އޮންނަ, އާމްދަނީ ހޯދުމުގެ ފުރުސަތު އަދި ދިވެހީންނަށް ފަހިވެފައެއް ނުވެއެވެ. އެހެންކަމުން އެ ފުރުސަތު ދިވެހީންނަށް ހޯދައި ދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ