ދަރިމައިވުމާއި، ކެންސަރުގެ ފަރުވާފަދަ، ދާއިރާތަކުން އެހީ ހޯދަން މާކް ފައުންޑޭޝަނާއެކު މަޝްވަރާކޮށްފި
ސިއްހީ ދާއިރާއިން ގުޅުން ބަދަހިކޮށް އެހީ ހޯދަން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް، މާކް ފައުންޑޭޝަނުގެ ޗެއާމަން ޑރ. ފްރޭންކް ސްޓޭންބާގް ހެވާކޭމްޕްއާއި އެ ތަނުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ހެލްތު މިނިސްޓްރީގައެވެ. އެ މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކޮށް، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ: ދަރިމައިވުމުގެ މައްސަލަތައް: އެ ދާއިރާއިން ޑޮކްޓަރުންނަށް ސްޕެޝަލިސްޓު ޓްރެއިނިން ދިނުމާއި، އުމްރާނީ ގޮތުން އެހީތެރިވެ ދިނުމުގެ އިތުރުން، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ކުރިޔަށް އޮތްތަނުގައި އެޅުމަށް ނިންމާފައިވާ އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަކުގެ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް -- ފޮޓޯ/ މިނިސްޓްރީ ކެންސަރުގެ ފަރުވާ: ގައިނެކޮލިޖިކް އަދި ޕެޑައިޓްރިކް އޮންކޮލޮޖީގެ ކެޕޭސިޓީ އިތުރުކުރުމާއިި، ނޭޝަނަލް ސްކްރީނިން އާއި ހޭލުންތެރިކަން އިތުރުކުރަން އެހީތެރިވެދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ނަފުސާނީ ދުޅަހެޔޮކަން: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މެންޓަލް ހެލްތު ގެޕް އެކްޝަން ޕްރޮގްރާމް މެދުވެރިކޮށް ކޮމިއުނިޓީ ބޭސްޑް މެންޓަލް ހެލްތް ސާވިސް ފުޅާކުރުމާ ގުޚޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. ތަމްރީނާއި ލީޑަޝިޕް އިތުރުކުރުން: ސިއްހީ މާހިރުންނާއި އެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ޚާއްސަ ޓެކްނިކަލް އަދި ލީޑަޝިޕް ޕްރޮގްރާމްތައް ހިންގުމާގުޅޭ މަޝްވަރާ ކުރައްވާފައިވެއެވެ. ސްކޮލަޝިޕާއި މެޑިކަލް ސްޕެޝާލިޓީ ކެޕޭސިޓީ އިތުރުކުރުން: 44 ސްޕެޝާލިޓީއަކުން އެޑްވާންސް ޓްރެއިނިން ދޭ، މާކް ފައުންޑޭޝަނުގެ ސްކޮލަޝިޕް ނެޓްވޯކަށް އެކްސެސް ދިނުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިވެއެވެ. ހެލްތް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގެ ސަބަބުން، މާކް ފައުންޑޭޝަނާއި ދިވެހިރާއްޖެއާ ދެމެދު ވަރުގަދަވަމުން އަންނަ ގުޅުމަށް ކުރިއެރުން ލިބުނު ކަމަށެވެ. މިދިޔަ އަހަރު މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ސާޖިދާ މުހައްމަދުވަނީ ކީނޯޓް ސްޕީޗެއް ވެސް ދެއްވައިފައެވެ. މިނިސްޓްރީން ބުނީ، މާކް ފައުންޑޭޝަނާ ގުޅިގެން މަސައްކަތްކޮށް، ސިއްހީ ދާއިރާއަށް ހެޔޮ ބަދަލު ގެނެސް، އެކަން ދެމެހެއްޓުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ