ރަސްފަންނު ކުރިމަތީގައި މީހުން ދިރިއުޅޭ ޓަވަރުތަކެއް ހަދަން ކޮރެލް ބޮލެވާޑަށް ދިން ބިމުގައި، ކީރިތި ގުރުއާނާ ބެހޭ ހާއްސަ ވަގުފު އިމާރާތެއް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟- ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފެށި ކޮރެލް ބޮލެވާޑް މަޝްރޫއު މިހާތަނަށް އޮތީ ކުރިއަށް ނުގޮހެެވެ. ބަދަލުގައި ހުޅުމާލޭން ބިމެއް ދޭގޮތަށް، ސިންގަޕޫރުގެ ކުންފުނި އަތުން އެ ބިން އަތުލުމުގެ މަސައްކަތް މިދިޔަ ސަރުކާރުން ކުރި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމީ ކަންކަމަށް ހަރަދު ކުރުމަށް ފައިސާ ހޯދުމަށް ތިން ވަގުފު އިމާރާތް އަޅާއިރު އެއިން އެއް އިމާރާތް އަޅާނީ، ރަސްފަންނު ކުރިމަތީގައި އޮންނަ ބިމުގައި ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
އެއީ 70،000 އަކަފޫޓުގެ ބިމެއް، އެކަމަކު ވަގުފު އިމާރާތް އަޅާނީ އެއިން 10،000 އަކަފޫޓުގައި
އިމާރާތް އެޅުމަށް އެ ބިން މިހާރު ވަނީ ހަމަޖެހިފައި
މި ބިމުގެ އިތުރުން ދެން ވަގުފު އިމާރާތުގެ ގޮތުގައި އަޅަނީ، ހުޅުމާލޭގައި ދާރުއްސަލާމް އިސްލާމީ ކޮމްޕްލެކްސްގެ ނަމުގައި އަޅާ އިމާރާތާއި މާލޭގައި އަޅާ ދާރުލްއަރްގަމް އިމާރާތް
ރައީސް ވިދާޅުވި ގޮތުގައި މި ތަންތަނުގެ ބޭނުމަކީ ދައުލަތުގެ ބަޖެޓުން ހޭދަނުކޮށް، އިމާރާތުން ލިބޭ ފައިސާއިން އިސްލާމީ އެކި ކަންކަމަށް ހަރަދު ކުރުމެވެ. އެގޮތުން މިސްކިތްތައް އިމާރާތް ކުރުމާއި ދީނީ ހޭލުންތެރިކުރުވުމުގެ ކަންކަން ވެސް އެ ފައިސާއިން ކުރާނެ އެވެ.
އެނގުން މުހިއްމު- ޔާމީންގެ ސަރުކާރުން ކޮރެލް ބޮލެވާޑާ މަޝްރޫއު ހަވާލުކޮށްފައިވަނީ 28 ބުރީގެ ހަތަރު ޓަވަރު އެޅުމަށެވެ. އެކަމަކު އެ ކުންފުނީގެ އަތުން ބިން އަތުލައި، އެހެން ބިމެއް ދޭނެ ކަމަށް ބުނި ނަމަަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަން ކޮށްފައެއް ނުވެ އެވެ. އެހެންވެ، އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 426 މިލިޔަން ޑޮލަރު ހޯދުމަށް ދައުލަތުގެ މައްޗަށް ދައުވާ ކޮށްފަ އެވެ.
ރަސްފަންނު ކުރިމަތީގައި ގުރުއާނާ ބެހޭ ވަގުފު އިމާރާތް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ