އަނެއްކާ އަނެއް ކަންތައް: ޑޮލަރު އަގު ބޮޑުވާއިރު ގެ ކުލި ޑޮލަރުން ދައްކަން އެންގުން އިތުރު ވަނީ
ގިނަ މީހުންނަށް ބޮޑު އަގުގައި ގޭގެ ކުލި ދައްކައިގެން އުޅެންޖެހިފައި އޮތްއިރު އަދި ޑޮލަރުގެ އަގު މިހާރު ވެސް އުފުލެމުން އަންނައިރު، ޑޮލަރުން ކުލި ދެއްކުމަށް އެންގުން އިތުރުވެއްޖެއެވެ. ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. ތޮށްޖެހިފައިވާ ފުރަ މާލެއަށް ބެލި ނަމަވެސް ގިނަ ބަޔަކު ދިރިއުޅެނީ ބޮޑު އަގުގައި ކުލި ދައްކައިގެންނެވެ. އެ ނުތަނަވަސްކަމަށް އިތުރުވާ އަނެއް ކަމަކީ ގޭ ކުލީގެ ފައިސާ ޑޮލަރުން ދޭން އަންގާ އެންގުމެވެ. އާންމު ގޮތެއްގައި އެގޮތަށް ޑޮލަރު ދޭން އަންގަނީ މާލޭގައި ގެ ހުންނަ މީހުން ރާއްޖެއިން ބޭރަށް ބަދަލުވުމަށް ފަހުގައެވެ. https://sun.mv/82624 އެހެން ނަމަވެސް، ޑޮލަރުން ކުލި ދެއްކުން ލާޒިމުކުރުމަކީ މަނާ ކަމެކެވެ. އެގޮތުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަދާފައިވާ މަނިޓަރީ ގަވައިދު ބުނާގޮތުން ރާއްޖޭގެ އާންމުންނާ މެދު ކުރާ ވިޔަފާރިތަކުގައި ޑޮލަރުން މުއާމަލާތެއް ނުކުރެވޭނެއެވެ. ޚާއްސަކޮށް ޑޮލަރުން ނޫނީ ފައިސާ ދެއްކުމަށް އެންގުމަކީ ކުށެކެވެ. ނަމަވެސް އަދިވެސް އެފަދަ މައްސަލަތައް ކުރިމަތިވެއެވެ. ފޭސްބުކްގައި އިއްޔެ މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެކަމުގެ ނުތަނަވަސްކަން ހިއްސާކޮށްފައެވެ. "ރާއްޖޭގައި އެޕާޓްމަންޓެއް ކުއްޔަށް ހިފުމަކީ އާދައިގެ މީހަކަށް ނުކުރެވޭ ވަރުގެ ކަމަކަށް ވެއްޖެ. ގިނަ އެޕާޓްމަންޓްތަކަށް ޑޮލަރުން ފައިސާ ދައްކަން ޖެހޭއިރު، ގިނަ ފަހަރަށް 1،700 ޑޮލަރު ނުވަތަ އެއަށްވުރެ އިތުރަށް [26,214 ރުފިޔާ]. އަދި ދިރިއުޅެން ރަނގަޅު ތަންތަން ހައްގުވަނީ ހަމައެކަނި މުއްސަނދިންނަށް ކަމަށް ދޭހަވާ ގޮތަށް ހުރިހާ ތަނެއް ހުންނަނީ 'ލަގްޒަރީ' ތަންތަނުގެ ގޮތުގައި ލޭބަލްކޮށްފައި،" އެ ޕޯސްޓުގައި އެ މީހާ ބުންޏެވެ. ދިވެހި ރުފިޔާއިން ގޭ ކުލި ދައްކަންޖެހޭ ތަންތަނަކީ ވެސް އާންމު ގޮތެއްގައި 30،000 ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ކުލި ދައްކަން ޖެހޭ ތަންތަން ކަމަށާއި، އެއަށްވުރެ ކުޑަކޮށް ހުރި ނަމަ، އެޑްވާންސްގެ ގޮތުގައި މަދުވެގެން ދެ މަހުގެ ފައިސާ ނަގާ ކަމަށް އޭނާ ބުންޏެވެ. ކަން އެހެން އޮތްއިރު، އަދި އަމުދުން ޑޮލަރުގެ ދަތިކަން އޮއްވައި، ޑޮލަރުން ކުލި ދައްކަނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލުއުފައްދައިފައެވެ. "އަޅުގަނޑުމެންގެ މުސާރަ ދިރިއުޅުމުގެ ޚަރަދުގެ ދެބައިކުޅަ އެއްބައި ވަރަށްވުރެ މަދުން ލިބޭއިރު، ކޮންމެ މަހަކުވެސް އަޅުގަނޑުމެން އިންތިޒާރުކުރަނީ، އަޅުގަނޑުމެންގެ މުސާރަ ލިބޭނެ ދުވަހަކަށް،" އެ ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ. ޒަރޫރީ ކަމެއްގެ ގޮތުގައި އާއްމު ރައްޔިތުންނަށް ބޯހިޔާވަހިކަން އޮތުމުގެ ބަދަލުގައި މިއަދު އެއީ މުއްސަނދިންނަށް އޮތް ލަގްޒަރީއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި ސަރުކާރުތަކުން ވެސް އެކަމަށް މާބޮޑު އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތެއް މިހާތަނަށް ކޮށްފައި ނެތްކަން ފާހަގަކުރިއެވެ. އެކަމާ ގުޅިގެން ވާހަކަ ހިއްސާކުރި އިތުރު މީހަކު ބުނި ގޮތުގައި، މީގެ ފަސް ވަރަކަށް މަސްކުރިން އެޕާޓްމަންޓެއް ހޯދިއިރު ވެސް އެ މައްސަލަ ދިމާވިއެވެ. ޑޮލަރުން ކުލި ދައްކަން ޖެހޭކަން އެނގުނީ ކަމުގޮސްގެން އެޕާޓްމަންޓް ކުއްޔަށް ނަގާ ހިސާބަށް ދިޔައިރެވެ. އެގޮތުން މަހަކު 1،500 ޑޮލަރުން ދައްކަން ޖެހުމުގެ އިތުރުން އެޑްވާންސް ފައިސާގެ ގޮތުގައި ވެސް ބޮޑު އެއްޗެއް ޗާޖުކުރެއެވެ. ރާއްޖޭގައި މިހާރު ޑޮލަރުގެ ދަތިކަން ހުރިއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 19 ރުފިޔާއަށްވުރެ ވެސް މަތިންނެވެ. އެ ރޭޓުން ބަލާއިރު 1،500 ޑޮލަރަކީ 28،500 ރުފިޔާއެވެ. ޑޮލަރުގެ އަގު ދަށަށްދާ މަންޒަރު ނުފެންނައިރު، ގެދޮރު ކުއްޔަށް ދޫކުރާ މީހުން ޑޮލަރުން ފައިސާ ނަގަމުންދާނަމަ މިއީ ގެދޮރުގެ ކުލި އިތުރަށް އުފުލި، ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އެޅޭ އިތުރު ހުރަހަކަށް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ