އަޅުގަނޑު މަސައްކަތްކުރަމުން އައި ކުންފުނިން ކުރި ކުށަކާއި ގުޅިގެން ކުރި ޖުރުމަނާ ނުދެއްކިގެން ކުންފުނީގެ މަސައްކަތް ހުއްޓާލަން ޖެހުމުން ވަޒީފާ ގެއްލުނު ދުވަހަކީ އެންމެ ބޮޑަށް ދެރަވި ދުވަސްކަމަށް ބުނުމަކީ ކުރެވޭ ކުށަކަށް ނުވާނެއެވެ. ކޮންމެއަކަސް އެދުވަހުން ފެށިގެން ދިއައީ ވަޒިފާއެއް ހޯދަން މަސައްކަތްކުރަމުންނެވެ.
ގިނަ ތަންތަނުން ސަބަބު ނުބުނި ނަމަވެސް ވަޒީނުދިން ސަބަބަކީ އެކުންފުނީގައި މަސައްކަތްކުރުންކަން އެނގެއެވެ. ނަމަވެސް އެކަމުގެ އަޅުގަނޑުގެ އެއްވެސް ކުށެއް ނެތެވެ. ކުރި ކުށެއް ކުރީ ތަނުގެ ވެރިންނެވެ. އެކަމުގައި ކުންފުނީގެ އެއްވެސް މުވައްޒިފަކު ބައިވެރިއެއް ނުވެއެވެ. އެހެންވެ ވަޒީފާއަކަށް އެދެންވެސް ފޫހިވެ މާޔޫސްވިއެވެ. ނަމަވެސް ވަޒިފާއެއް ލިބިގެން ނޫނީ ނުއުޅެވޭނެތީ ދިއައީ އެދެމުންނެވެ.
އެއްދުވަހަކު ލިބުނު ދަޢުވަތަކަށް އިންޓަރވިޔުއަކަށް ދިއައިމެވެ. އެ އޮފީސް ހުންނަނީ ވަރަށް ކާރޫބާރޫ ބޮޑު ސަރަޙައްދެއްގައެވެ. އެތަނަށް ވަދެވެން ވަރަށް ކައިރިވެފައި ހުއްޓައި ވަރަށް ނިކަމެތި ޙާލުގައި ހުރި މީހަކު ފެނުމުން އަތުގައި އޮތް 20 ރުފިޔާ އެމީހާއަށް ދީފައި ބުނީމެވެ. "ޙާލުހުރި ގޮތުން ތިއައީ މިވަގުތު އަތުގައި އޮތްވަރެވެ. އަހުރެންނަށްޓަކައި ހެޔޮދުޢާކޮށްދޭށެވެ." އެހެން ބުނީމާ ދުޢާކުރަން އެމީހާ ދެއަތް އުފުލައިލިތަން ފެނުނެވެ. ގަޑިޖެހޭތީ ބާރަށް ހިނގައިގަތީއެވެ.
އެތަނުން އަހުރެންގެ ލިޔުންތައް ބަލާފައި މާގިނަ ސުވާލުތަކެއް ނުކުރެއެވެ. ބުނީ މާދަމާ ހެނދުނު ވަޒީފާއަށް ނުކުތުމަށެވެ. ލިބުނު އުފާވެރިކަމުގެ ބޮޑުކަމުން ލޮލުން ކަރުނަވެސް ފެއިބިއެވެ.
އެއިގެ ފަހުން 6 އަހަރުވީއެވެ. ބިލިންގ ކްލާކެއްގެ ވަޒީފާގައި ވަން އޮފީހުން މިއަދު މިވަނީ އެސެކްޝަނުގެ އެންމެ އިސްމީހާގެ ވަޒީފާއަށް ދެވިފައެވެ.
ބުނެލަން ބޭނުންވަނީ އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އަހުރެންނަށް ވަޒީފާގެ ފުރުޞަތު ލިބި މަޤާމުގެ ކުރިއެރުން ލިބުނީ އެނިކަމެތި މީހާ ކޮށްދިން ދުޢާއިންނެވެ. ވީމާ ދަތިޙާލުގައި ހުރި މީހަކު ފެނިއްޖެނަމަ އެހީތެރިވެދޭށެވެ. އަތިގައި އޮތީ ވަކިލާރިކޮޅެއް ނަމަވެސް ދޭށެވެ! ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ޥާހަކަ
އެކުވެރިންނަށް ޙިއްޞާކޮށްލުމުން ފައިދާކުރާނެ! އިން ޝާ ﷲ: ނިކަމެއްޗަކަށް ކުޑަކުޑައެހީއެއްވެދިން މީހަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ