މަސައްކަތް ކުރަމުން މިދަނީ ޖުލައި ނިމުމުގެ ކުރިން އައިޖީއެމްއެޗްއިން އައިނު ވިއްކަން ފަށަން: ހަލީމް މަސައްކަތް ކުރަމުން މިދަނީ ޖުލައި ނިމުމުގެ ކުރިން އައިޖީއެމްއެޗްއިން އައިނު ވިއްކަން ފަށަން: ހަލީމް

މަސައްކަތް ކުރަމުން މިދަނީ މި ފެށޭ ޖުލައި މަސް ނިމުމުގެ ކުރިން އައިޖީއެމް ހޮސްޕިޓަލުގައި އައިނު ވިއްކުމުގެ ވިޔަފާރި ފެށުމަށް ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗުން އައިނުގެ ވިޔަފާރިއަށް ވަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް އެންގެވުމުންނެވެ. ރައީސް މިފަދައިން އެންގެވީ ނަންބަރު އައިނު ހެއްދުމަށް ދައުލަތުގެ ސިއްހީ އިންޝޫރެންސް ނިޒާމު، އާސަންދައިގެ ދަށުން ދޭ ފައިސާގެ އަދަދު ބޮޑުކުރަން ނިންމަވާ، އެ އަދަދު ހަމަޖެއްސުމުން އަމިއްލަ ކުންފުނިތަކުން "ފީކަޅާ ދުނިގަނޑު" ހެއްދުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ވިދާޅުވެ އެވެ.
ނަންބަރު އައިނު ހެއްދުމަށް އާސަންދައިން ހަމަޖައްސައިދެނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު 1،000 ރުފިޔާ އެވެ. އެ އަދަދު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2،000 ރުފިޔާ އަށް ވަނީ ބޮޑުކޮށްފަ އެވެ. މިއާއެކު އައިޖީއެމްއެޗް އިން އައިނުގެ ވިޔަފާރި ފަށާނެ ތާރީހެއް ސަރުކާރުން މީގެ ކުރިން ނުބުނެ އެވެ.
މިކަމާ ގުޅިގެން އަދަދު އިން ސުވާލުކުރުމުން ހަލީމް ވިދާޅުވީ އެ ހޮސްޕިޓަލުން އައިނުގެ ވިޔަފާރި ފެށުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ އަންނަ މަހުގެ ނިޔަލަށް އެ ހިދުމަތް ދޭން ފެށުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މި ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދެމުންދާ ކަމަށާއި އެ އާދަ ރާއްޖެއިން ފިލުވާލަން ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަށްފަހު އެވެ. އަދި، މިކަމާ ގުޅިގެން ޕްރައިވެޓް ސެކްޓަރުގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް ހެޔޮ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕްރައިވެޓް ސެކްޓަރުގައި މިކަން ކުރާ ބޭފުޅުން ވެސް ޖެހޭނީ އައިޖީއެމްއެޗާ ކޮމްޕީޓު ކުރަން. އަޅުގަނޑުމެން މިކަން ކުރާނަން ސަރުކާރުން ހޮސްޕިޓަލުން. ހަމަ ޕްރައިވެޓް ސެކްޓަރުން ވެސް ޖެހޭނީ އެ ފެންވަރުގެ ދުނިގަނޑާއި އައިނު ހައްދައިދޭން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އަނެއްކާ ވެސް އާ ވިޔަފާރިއެއްގެ ތެރެއަށް ވަންނާނެކަން ރައީސް މުއިއްޒު މިއަދު އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ