އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިރޭ އެތްލެޓިކޯ މެޑްރިޑާއި ޕީއެސްޖީ ވާދަކުރި މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕީއެސްޖީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ފަބިއަން ރުއިޒް އެވެ.
ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ވިޓީނިއާ އެވެ. އަދި އެޓީމުގެ މި ދެލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ އެޓީމުގެ ޖޯޖިއާ ފޯވާޑް ޚަވިޗާ ކަވަރަޓްސްޚޭލިއާ އެވެ.
މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އެތްލެޓިކޯ މެޑްރިޑުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްވަރޭޒް ކާމިޔާބުކުރި ލަނޑު ވީއޭއަރުން ބެލުމަށް ރެފްރީ ވަނީ، ލަނޑު ޖެހުމުގެ ކުރިން އެތްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިޔަކު ފައުލްކޮށްފައިވާތީ ޕީއެސްޖީއަށް ޖެހުމެއްދީފައެވެ.
އެތްލެޓިކޯ މެޑްރިޑަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި އެޓީމުގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލެންގްލެޓަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.
ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންނިކުތް ޒުވާން މިޑްފީލްޑަރު ސެނީ މަޔޫލޫ އެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ސައުތު ކޮރެއާ މިޑްފީލްޑަރު ކަންގް އިން ލީ އެވެ.
މިމުބާރާތުގައި މިއަހަރު ޖުމްލަ 32 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 32 ޓީމު ހަތަރު ޓީމުގެ އަށް ގުރޫޕަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ލިބިގެންދާނެއެވެ.
ކުލަބު ވޯލްޑްކަޕް: އެތްލެޓިކޯ އަތުން ޕީއެސްޖީއަށް ތަފާތުބޮޑު މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ