އެ މަސްކޮޅު އިޞްލާޙުވެއްޖެއްޔާ ހުރިހާ ކަމެއް އިޞްލާޙުވާނެއެވެ.

އިންސާނުންގެ ޙަޔާތުގައި އެ މީހުންނަށް ކުރެވޭ ނުބައި ކޮންމެ ކަމެއް ބިނާވަނީ ޖިސްމާނީ އެދުންވެރިކަމުގެ މައްޗަށެވެ. އެދުންވެރި ކޮންމެ ކަމެއް ޙައްދެއްގެ ތެރޭ ގެންގުޅުމަށް އަންގަވައި، އެ އެދޭއެދުން ޙަލާލު ގޮތުގައި ފުއްދޭނޭ މަގު ވެސް ﷲ ވަނީ އަންގަވައިފައެވެ. ހެޔޮ ކަންކަމަކީ ޖިސްމާނީ އެދުންވެރިކަމާ ދެކޮޅަށް ކުރަންޖެހިފައި އޮންނަ ކަންކަމެވެ. އެ ކަންކަމަށް ހަށިގަނޑު ހާނައިފިއްޔާ ހެޔޮ ޢަމަލުކުރުމަށް އާދަވެފައި ހުރި މީހަކު ކަމުގައި އޭނާ ވެއެވެ. އަދި ހެޔޮ މީހުންގެ ލިސްޓުގައި އޭނާގެ ނަން ލިޔެވެއެވެ. ހެޔޮކަމާއި ނުބައިކަމުގެ ރޭހުގައި ވާދަދުއްވުމާއި ކުރިއަރާ މޮޅުވެދިއުން ބިނާވަނީ އިންސާނާގެ ހަށިގަނޑުގައި ވާ މަސްކޮޅެއްގެ މައްޗަށެވެ. އެ މަސްކޮޅު އިޞްލާޙުވެއްޖެއްޔާ ހުރިހާ ކަމެއް އިޞްލާޙުވާނެއެވެ. އަދި، އެ މަސްކޮޅު ފަސާދަވެއްޖެއްޔާ ހުރިހާ ކަމެއް ފަސާދަވާނެއެވެ. އިންސާނާގެ އިޞްލާޙާ ނުވަތަ ފަސާދައާ ގުޅިފައި އޮތް މި މަސްކޮޅުގެ ވާހަކަ ބަޔާންކުރައްވަމުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «... ألا وإنَّ في الجَسَدِ مُضْغَةً، إذا صَلَحَتْ، صَلَحَ الجَسَدُ كُلُّهُ، وإذا فَسَدَتْ، فَسَدَ الجَسَدُ كُلُّهُ، ألا وهي القَلْبُ.» (البخاري: 52) މާނައީ:- "ދަންނާށެވެ! އަދި ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ (މަސްކޮޅު) އިޞްލާޙުވެއްޖެއްޔާ، މުޅި ހަށިގަނޑު އިޞްލާޙުވާނެއެވެ. އަދި އެ (މަސްކޮޅު) ފަސާދަވެއްޖެއްޔާ، މުޅި ހަށިގަނޑު ފަސާދަވާނެއެވެ. ދަންނާށެވެ! އެއީ ހިތެވެ." ހިތަކީ އިންސާނާގެ ހުރިހާ ޢަމަލެއްގެ މައި މަރުކަޒެވެ. ޢަމަލުތަކުގެ ފެށުމުގެ އަސްލެވެ. ޢަމަލުތައް އެ މައްޗަށް ބިނާވެގެން އަންނަ ނިޔަތަކީ ހިތުގެ އަޅުކަމެކެވެ. ކޮންމެ ކަމެއް ވެސް ގުނަވަންތަކާ ހަމައަށް އައުމުގެ ކުރިން އޭގެ މަޤްޞަދާއި ހަދަފާއި ނެރެން ބޭނުންވާ ނަތީޖާ ވެސް ކަނޑައަޅަނީ ހިތުންނެވެ. އެ ނަތީޖާއަށް ވާސިލުވާން ކުރާނޭ ކަންތަކުގެ މަގުޗާޓު ވެސް ކުރަހަނީ ހިތުގައެވެ. މި ސަބަބުތައް މިހެން ހުރުމުން އެނގެނީ ހިތް އިސްލާޙުކޮށްފިއްޔާ މުޅި ހަށިގަނޑު ރަނގަޅުވާނެ ކަމެވެ. އަދި ހަމަ އެހެންމެ ހިތް ފަސާދަވެއްޖެއްޔާ އެފަދައިން މުޅި ހަށިގަނޑު ވެސް ވާނެ ކަމެވެ. ހިތް ފަސާދަވުމުގެ ތެރޭ ނިފާޤުކަން ވެސް ހިމެނެވެ. ނިފާޤުކަމަކީ ހިތުގައި އެއްޗެއް ފޮރުވައިފައި ބޭރުފުށަށް އެހެން އެއްޗެއް ދެއްކުމެވެ. މުނާފިޤުންނަކީ ހިތުގައި ކާފިރުކަން ފޮރުވައިގެން ބޭރުފުށުން އިސްލާމްވެގެން އުޅޭ ބައެކެވެ. އިސްލާމްދީނަށް އެންމެ ބޮޑު ގެއްލުމެއް އިއްޔެ ވެސް މިއަދު ވެސް ލިބެނީ މުނާފިޤުންގެ ސަބަބުންނެވެ. ނިފާޤުކަމުގެ ބަލިން އަޅުގަނޑުމެން އެންމެން ސަލާމަތްވެގެން ތިބެންވާނެއެވެ. އަދި ހަމަ އެހެންމެ އަޅުގަނޑުމެން އެކުވެ އުޅޭ މީހުންގެ ކިބައިން ވެސް އެފަދަ ބަލިމަޑުކަން ފިއްލަވައިތޯ ދުޢާކުރަންވާނެއެވެ. ބޭރުފުށުން އަޅުގަނޑުމެންނާ ވެގެން އަޅުގަނޑުމެންގެތެރޭ އުޅެފައި ފުރަގަސްދީ އެނބުރުމުން ޢަދާވާތްތެރިވާ މީހުންގެ ކިބައިން ރައްކާތެރިވެ ސަލާމަތްވެގެން ތިބެން ވާނެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަށް އިޞްލާޙުކުރަން އެދެންޏާ، ކުރަން އޮތް އެންމެ މޮޅުކަމަކީ އަޅުގަނޑުމެންގެ ހިތްތައް ޠާހިރުކުރުމެވެ. އެހިތް އިޞްލާޙުކުރުމެވެ. ރީތިކަމާއި ބުރުސޫރައަށް ވިސްނައިގެން ހޭދަކުރާ ވަގުތާއި ފައިސާއިން ބަދަލު އަންނާނީ މީހާގެ ބޭރުފުށަށް ފެންނަން އޮތް ތަނެވެ. ބުރުސޫރަ ކިތަންމެ ރީތިވިޔަސް ހިތް ފަސާދަވެފައި އޮތިއްޔާ، އެ މީހެއްގެ ކިބައިގައި ހެވެއް ނޯންނާނެއެވެ. ބުރުސޫރަ ހުތުރަސް، އިޚްލާޞްތެރި ސާފު ހިތެއްގެ ވެރިޔާ ހުރިހާ ގޮތަކުން ވެސް ރަނގަޅުވާނެއެވެ. ދުނިޔޭގެ ދިރިއުޅުމަށް ފަހު އަންނަން އޮތް ތަނުގައި ވެސް ގެއްލުމާއި ފައިދާ އޮތީ ހިތުގެ އިޚުލާޞްތެރިކަމާ ގުޅިފައެވެ. ސަވާބާއި އަޒާބު ލިބުން އޮތީ ޢަމަލުތަކުގައި ގެންގުޅުނު ނިޔަތާ ގުޅިފައެވެ. އަޅުގަނޑުމެންގެ ހިތްތައް އިޞްލާޙުކޮށްދެއްވައިތޯ ތާއަބަދު ﷲއަށް ދަންނަވަން ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ