ރާއްޖެއަށް އިންވެސްޓަރުން އަންނަންޖެހޭ ސަބަބެއް މި ސަރުކާރަށް ނުދެއްކޭ ކަމަށާއި އެކަމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުގައި ރާއްޖޭގެ ރޭޓިން މަތިކުރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ، ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ވައްދާ ސިނާއަތަކަށް މެރިކަލްޗާ ހަދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މީގެ ކުރިން ދައްކާވާފައިވާ ވާހަކަފުޅަކަށް ރޭގެ ޕީއެންއެފް ޖަލްސާގައި ފާޑުވިދާޅުވަމުންނެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ، ސަރުކާރުން ތަކުރާރުކޮށް ދައްކަން އުޅެނީ ރާއްޖޭގައި އެތައް މަޝްރޫއުތަކެއް ހިނގާނެކަން ކަމާއި އެކަންކަމުން ރާއްޖެއަށް ފައިސާ ވަންނާނެކަން ކަމަށެވެ. އެކަމަކު އެހެން އެކަން ނުވާނެ ކަމަށާއި ރާއްޖޭގެ އިގްތިސޯދު އޮތީ އެއަށް ވުރެ ބޮޑަށް އަނަރޫފަވެފައި ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިގްތިސާދު ރަނގަޅުކުރަން ބޭނުންވާ ނަމަ އެންމެ ފުރަތަމަ ސަރުކާރުން ކުރަންޖެހޭނެ ކަމަކީ ފިޗުގައި ރާއްޖޭގެ ރޭޓިން މަތިކުރުން ކަމަށެވެ.
އެ ރޭޓިން މަތިކުރެވޭނީ، ޔާމީން ވިދާޅުވި ގޮތުން:
ރާއްޖޭގެ އިގްތިސާދު ވަރުގަދަކޮށްގެން
ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލައިގެން
އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައިގެން
އިންވެސްޓަރުންގެ އިތުބާރު ލިބޭނީ އެހާ ހިސާބުން ކަމަށާއި އެކަން ނުކޮށް ކިތަންމެ ގިނަ މަޝްރޫއެއް ރާއްޖޭގައި ހިންގިޔަސް އެ ކަމަށް އިންވެސްޓުކުރާނެ ބަޔަކު ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ގައުމެއްގައި އިންވެސްޓުކުރުމުގެ ކުރިން އިންވެސްޓަރުން ބަލާ ގިނަ ކަންކަމެއް ހުރެ އެވެ. ޔާމީން ވިދާޅުވި ގޮތުން، އިންވެސްޓުކުރުމުގެ ކުރިން އެ މީހުން އެންމެ ފުރަތަމަ ކުރާނެ ސުވާލަކީ ރާއްޖެ ނޫނަަސް އެހެން ގައުމުތަކުގައި އިންވެސްޓުކުރާނެ އެތައް ކަމެއް ހުރިއިރު، ރާއްޖެ އަންނަންޖެހޭ ސަބަބަކީ ކޮބައިތޯ އެވެ.
"އެހެންވީމާ ދިވެހިރާއްޖެ ދޮރުގައި ތިމަންނަ ޓަކި ޖަހަންޖެހޭ ސަބަބެއް ބުނެދޭށޭ. އެ ސަބަބު ބުނެދެވިގެން ނޫނީ މިތަނަކަށް އިންވެސްޓަރުންނެއް ނާންނާނެ. މިއުޅެނީ ކުރާނެ މަސައްކަތެއް ނޭނގި، ލިޔާނެ ވާހަކަ ނޭނގެ. ކިތަންމެ މޮޅު މެނިފެސްޓޯ ވެސް، ކިތަންމެ މޮޅު ވާހަކަ ވެސް މިހާރު ދެއްކިދާނެ،" ޔާމީން ވިދާޅުވި އެވެ.
"އެކަމަކު އެއެއް ނޫނޭ. އިންވެސްޓަރުންނަކީ މޮޔައިންނެއް ނޫނޭ. އެ މީހުންނަކީ މޮޔައިންނަށް ނަހައްދަވާ. އެ މީހުން އަންނާނީ ރާއްޖެއާ ބެހޭ ގޮތުން ވަރަށް ގިނަ ކަންކަން ދަސްކޮށްފައި."
ޔާމީން ވިދާޅުވި ގޮތުން:
އިންވެސްޓަރުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ވަރުގަދަ ލޯފާމެއް ނެގުން
އެއަށް ފަހު އެ ތަނެއްގައި އިންވެސްޓުކޮށްފި ނަމަ ކުރިމަތިވެދާނެ ދަތިތަކާއި ލިބޭނެ ފައިދާ ސާފުކުރާނެ
އެ ތަނެއްގެ ފިޗު ރޭޓިން ބަލާނެ؛ އެ ރޭޓިން އަކީ ގައުމުގެ މުޅި އިގްތިސޯދުގެ އިންޑިކޭޓަރު
ޔާމީން ވިދާޅުވީ އިންވެސްޓަރުން ގެނައުމުގެ ވާހަކަދައްކަންވާނީ އެކަމަށް ފަހި ފުރުސަތުތައް ހުޅުވައިދީފައި ކަމަށާއި އެކަމެއް މި ސަރުކާރަކަަށް ނުވާނެ ކަމަށެވެ. އެކަން ނުވާނީ އެެއިން ކަމަކަށް ރައީސް އޮފީހަށް ލިޔެގެން ނޫނީ ހުއްދަ ވެސް ނުލިބޭތީ ކަމަށާއި ބައި އަޅަންޖެހޭ މީހުން ވެސް އެހާ ގިނަ ވުމުން ކަމަށެވެ. އެގޮތަށް ބޭރުގެ ވިޔަފާރިވެރިންނާ އެކު ވިޔަފާރި ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރާއްޖެއަކީ މުޅި ދުނިޔެއަށް މަޝްހޫރު، އެންމެ މަގުބޫލު އެއް ފަތުރުވެރިކަމުގެ މަންޒިލް ކަމަށްވާއިރު، މިތަނަށް ފަތުރުވެރިކަމުގެ އެއްވެސް އިންވެސްޓްމަންޓެއް ނާންނަނީ ކީއްވެތޯ ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ. ޔާމީން ވިދާޅުވީ އެއީ އެކަން ކުރަންވީ ގޮތް މި ސަރުކާރަށް ނޭނގޭތީ ކަމަށެވެ.
"ނޫން ކަމަށް ވަންޏާ މިހާރު މިކަހަލަ މައުލޫމާތު އިންޓަނެޓުން ވަރަށް ފަސޭހައިން ހޯއްދެވޭނެ ދެއްތޯ. އެއަށް އެ ބޭފުޅުން ގިނަ ވަގުތު ދެއްވިއްޔާ މާ ރަނގަޅުވާނެ. އެހެން ނޫނިއްޔާ [ފިޝަރީޒް މިނިސްޓަރު އަހުމަދު] ޝިޔާމް ވެސް ކުރައްވަންވީ ކަމަކީ މިކަހަލަ ވާހަކަދައްކަން ބޮޓެއް ހަޔާ ކުރައްވަންވީ، ކޮންގެން މިކަހަލަ ވާހަކަދައްކަވަންވީ،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ކޮމާޝަލް ސްކޭލަށް ގެނެސް، ރާއްޖެއަށް ބޭރު ފައިސާގެ ގޮތުގައި ވައްދައި އާމްދަނީ އެންމެ ގިނައިން ވައްދާ ސިނާއަތަކީ އެއީ ކަމަށް ހެދުމެވެ.
އެގޮތުން:
އެ މަސައްކަތަށް ހުޅުވާލާނީ އެ މަސައްކަތް ކުރާ އެހެން ގައުމުތަކަށްވެސް ވާދަކުރެވޭނެ ފަދަ ލުއިތަކަކާ އެކު ކަމަށް ވިދާޅުވި
ބޭރުގެ އިންވެސްޓަރުން ދޮރުބުޑުގައި ޓަކި ޖަހާލަ ޖަހާލައި ތިބި ކަމަށް ވިދާޅުވި
ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ވެގެންދާނީ ރާއްޖޭގެ އިގްތިސޯދު ބަދަލުކުރާނެ ސިނާއަތަކަށް ކަމަށް ވިދާޅުވި
އިންވެސްޓަރުން ރާއްޖެ އަންނަންޖެހޭ ސަބަބަބެއް މި ސަރުކާރަކަށް ނުދެއްކޭ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ