އިޓަލީގެ ކޯޗަކަށް ގަޓޫސޯ، ފުރަތަމަ އޮތީ ވޯލްޑް ކަޕަށް ކޮލިފައިވުން
އިޓަލީވިލާތުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗަކަށް އެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުރީގެ ކުޅުންތެރިޔާ ގެނާރޯ ގަޓޫސޯ ހަމަޖައްސައިފިއެވެ. އުމުރުން 47 އަހަރުގެ ގަޓޫސޯ އިޓަލީވިލާތުގެ ކޯޗުކަމާ ހަވާލުވެފައިމިވަނީ އެ މަގާމުގައި ކުރިން ހުރި ލޫސިއާނޯ ސްޕެލޭޓީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ގަޓޫސޯވަނީ ޤައުމީ ޓީމަށް 73 މެޗު ކުޅެފައެވެ. އަދި، 2006 ވަނަ އަހަރު އިޓަލީވިލާތުން ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ގަޓޫސޯ ހިމެނުނު އޭގެ 20 އަހަރު ފަހުން އަނެއްކާ ވެސް ވޯލްޑް ކަޕަށް އިޓަލީވިލާތް ގެންދިއުމުގެ ފުރުސަތު ގަޓޫސޯއަށް މިވަނީ ތަނަވަސްވެފައެވެ. ނަމަވެސް، އެކަން ވެގެންދާނީ އޭގެ ކުރިން ކޮލިފައިންގައި ރަނގަޅު ނަތީޖާ ތަނެއް ހޯދިގެންނެވެ. އިޓަލީވިލާތުގެ 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ނަމަވެސް މިދިޔަ އަހަރު ބޭއްވި މުބާރާތަށް ކޮލިފައިވެފައެއް ނުވެއެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ދެ މުބާރާތުން ވެސް އިޓަލީވިލާތަށް ޖާގަ ހޯދިފައެއް ނުވެއެވެ. އެހެން ކަމުން ގަޓޫސޯއަށް އޮތް މަސައްކަތް ބޮޑެވެ. އިޓަލީވިލާތުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނި ގޮތުގައި އަންނަ ބުރާސްފަތި ދުވަހު ގަޓޫސޯ އާންމުކޮށް ދައްކާލުން އޮންނާނެއެެވެ. ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގެބްރިއޭލޭ ގްރަވީނާ ފާހަގަކުރި ގޮތުގައި ގަޓޫސޯއަކީ އިޓަލީވިލާތުގެ ފުޓްބޯޅައިގެ ރަމްޒެކެވެ. އިޓަލީވިލާތުގެ ނޫ ކުލައިގެ ޖާޒީއަކީ ގަޓޫސޯގެ ދެވަނަ ހަންގަނޑެވެ. އޭނާގެ ހުނަރާއި ތަޖުރިބާ މި ވަގުތު އިޓަލީވިލާތުގެ ޤައުމީ ޓީމަށް ބޭނުންވާ ކަމުގައި ވެސް ގްރަވީނާ ފާހަގަކުރިއެވެ. ގަޓޫސޯ ފާހަގަވީ އޭނާ އޭސީ މިލާނަށް ކުޅުނު ދުވަސް ވަރެވެ. މިލާނަށް އޭނާ ކުޅުނު 13 އަހަރު ދެ ފަހަރުގެ މަތިން ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ. އަދި، 2013 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު މިހާތަނަށް 12 އަހަރުގެ ތެރޭގައި ނުވަ ޓީމަށް އޭނާ ކޯޗުކޮށްދީފައިވެއެވެ. އިޓަލީވިލާތް ވާނީ އޭނާގެ 10 ވަނަ ޓީމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ