ސްރީ ލަންކާގެ އިންވިޓޭޝަނަލް ކަޕް ސެޕްޓެމްބަރުގައި؛ ރާއްޖެ އަށް ދައުވަތު ދޭނެ ސްރީ ލަންކާގެ އިންވިޓޭޝަނަލް ކަޕް ސެޕްޓެމްބަރުގައި؛ ރާއްޖެ އަށް ދައުވަތު ދޭނެ

މި އަހަރު ބާއްވަން ނިންމި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމުން، ސާފްގެ ގައުމުތަކަށް ހާއްސަކޮށް ސްރީ ލަންކާގައި ބާއްވަން ނިންމާފައި އޮތް އިންވިޓޭޝަނަލް ކަޕަށް ރާއްޖެ އަށް ވެސް ދައުވަތު ދޭން ނިންމައިފި އެވެ.
އެ ގޮތުން، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން ނިންމާފައިވަނީ، ސެޕްޓެމްބަރު މަހު، "ސުޕަ ކަޕް ފޯ ނޭޝަން ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައި، މުބާރާތެއް ކުރިއަށްގެންދިއުމަށެެވެ.
ދާދި ފަހުން، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް، ޖޭސްވާރު އުމަރު، އެ ގައުމުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އިންވިޓޭޝަނަލް ސުޕަ ކަޕަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކުރާ މުބާރާތަކަށް ހަދަން ބޭނުންވާ ކަމަށާއި މި ވަގުތު ވިސްނާފައި އޮތީ އިންޑިއާ، ރާއްޖެ އަދި ބަންގްލަދޭޝަށް ދައުވަތު ދޭ ގޮތަށް ކަމަށެވެ.
"ބޭނުމަކީ ދެކުނު އޭޝިއާ ސަރަހަައްދުގެ ފުޓްބޯޅަ ދިރުވުމުގައި ކުރާ މަސައްކަތަށް ބާރު އަޅައި، މި ފޯރި އާލާ ކުރުން،" ޖޭސްވާރު ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ކަންކަން ސްރީ ލަންކާގައި ފޯރިގަދަ ކުރުމުގެ ވިސްނުމުގައި އެ ގައުމުން ބައިނަލްއަގުވާމީ މުބާރާތްތަކުގެ މަސައްކަތް، އާ ފެށުމަކުން ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެ ގޮތުން، ލަންކާ އިން 2021 ވަނަ އަހަރު ބޭއްވި ފޯ ނޭޝަންސް ކަޕް ކުރިއަށްގެންދިޔައީ، ލަންކާ އާއި ރާއްޖެ އަދި ބަންގްލަދޭޝްގެ އިތުރުން ސީޝެލްސް އަށް ދައުވަތު ދީގެންނެވެ.
އަދި، މިދިޔަ އަހަރުގެ މާޗް މަހު ބޭއްވި މުބާރާތުގައި ލަންކާގެ އިތުރުން ކުޅެފައިވަނީ، ބޫޓާނާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ޕަޕުއާ ނިއު ގިނީ އެވެ.
ޖޭސްވާރު ވިދާޅުވީ، މި އަހަރު ބާއްވާ މުބާރާތް ވެގެންދާނީ، މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގެ ކޮލިފިކޭޝަނުގައި ކުރިއަށް ދިއުމަށް ގައުމުތަކަށް ބާރު އަޅައިދޭ މުބާރާތެއް ކަމަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، މޮޅުވީ ލަންކާ އެކަންޏެވެ. ޗައިނީސް ޓައިޕޭ އަތުން 3-1 އިން ލަންކާ މޮޅުވިއިރު، ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވީ 1-0 އިންނެވެ. ބްރުނާއީ އަތުން 2-1 ބޫޓާން ބަލިވިއިރު، ސިންގަޕޫރު އަތުން ބަންގްލަދޭޝް ބަލިވީ 2-1 އިންނެވެ. ހޮންގް ކޮންްގް އަތުން އިންޑިއާ 1-0 އިން ބަލިވިއިރު، މިޔަންމާ އަތުން 1-0 އިން ޕާކިސްތާން ވަނީ ބަލިވެފަ އެވެ. އަދި، ލާއޯސް އަތުން ނޭޕާލް ވަނީ 2-1 އިން ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ