ކުށްވެރިޔާ 62
"މައިންބަފައިން ދަރިންނަށްޓަކާ ވާ ގުރުބާނީ ހަނދާން ނައްތާނުލާށެވެ. އުމުރުން ދުވަސްވުމުން އެމީހުންނަށް އޯގާތެރިވެ އަޅާލާށެވެ. " *** ނައީމްގެ ނަޒަރު އެންމެންގެ މޫނަށް ދަތުރުކުރިއެވެ. މަޖާވެފައި ހުރި ޒަވިއާރުން ފެށިގެން ހިތްހަމަޖެހިފައި ހުރި ސަކީނާއަށެވެ. އެންމެފަހުން އަހެދްއަށެވެ. އަހެދް އެންމެ ފަހަރަކުވެސް އެވާހަކަތަކާއި ދެކޮޅަށް އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. ޚިޔާލެއްވެސް ނުދިނެވެ. އޭނަގެ ބޮޑުބޭބެ އޭނަގެ ލޭ އަށް އެހާ އިހާނެތިކޮށް ހަދާ މަލާމާތްކުރާއިރު ހިމޭނުންހުރުމަކީ ފާފައެއްކަމުގައި ދެކުނެވެ. މިބޮޑު ގަނޑުވަރުން ކޮޓަރިއެއް ދޭން ހުށަހެޅިނަމައެވެ. މިގޭގައި ތިބޭ ޚާދިމުންނަށްވުރެ ޗާންދަލިޔާތައް ގިނަ ގެއެކެވެ. އެ މަލާމާތާއި ޖެއްސުންތަކުން ކުޑަ ނަމަވެސް އުދަގުލެއް އަހެދްއަށް ނުވާ ކަހަލައެވެ. އޭނައަށް ދަތްތަކުގެ ތެރެއިން ބުނެލެވުނު ބަސްތައް އަޑުއިވުނީ ހަމައެކަނި އަދީނާއަށް ކަން ނޭގެއެވެ." މިހުރިހާ ފައިސާއެއް. މުއްސަދިކަމެއް. ދީލަތި މީހުން އުޅޭ އެކަމަކު މި މީހުންނަށް މި ނޫން އެއްޗެއް ހުށަހަޅަން ނޭގުނު........"އޭނަ ރުޅިގަދަވެގެންގޮސް ދަތްތައް ބިންދައިގެންދާވަރުވިއެވެ. އެފަދަ ކޮންމެ އުދަގޫ ހާލަތެއްގައި ހަމަޖެހުމުގެ މެދުވެރިއެއްގެ ރޯލް ކުޅޭ މީހަކީ ޒަހްރާއެވެ. މިފަހަރުވެސް އެފުން ހިމޭންކަމަށް ނިމުމެއް ގެނައީ އޭނައެވެ. ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ." ކޮންފަދަ އުފާވެރި ޚަބަރެއް ނައީމް..." "މިހާ ރަގަޅު ފުރުސަތެއް ހޯދަދިނީތީ ޝުކުރުވެރިވަން..މިޒަމާނުގައި އެފަދަ އެހީތެރިކަން ދޭ މީހުން މަދުވާނެ.." ވިލްދާންއާއި ދިމާލަށްވެސް އެނބުރިލަމުން އޭނަ ބުނެލިއެވެ. އަހެދް ގުޑިލާން ނޭގި ޖެހި ބުދެއްހެން ހުރިއިރު އެލޮލުން ފެންނަނީ ހާސްކަމެވެ. މިއީ ފަހަރެއްގައިވެސް އޭނަ އުއްމީދުކުރިގޮތެއްނޫނެވެ. ނައީމް މިތަނުން ފެއްސިގެންދާނެކަމަށް ހީކުރިޔަސް އެހެރީ އޭނަގެ އުފާވެރިކަމަށް ވިހަލާ ހަރުފައެއްފަދައިންނެވެ. އަދީނާ ކުރިއަށް ޖެހިލާފައި އަހެދްގެނެސް މޭގައި ޖައްސައިލިއެވެ. މުޅި ދުވަހު އަހެދްއަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުނު ވަގުތުކޮޅެވެ. އެހޫނު ބައްދައިލުމުން ލޯތްބާއި ކުލުނު އިހުސާސްވިއެވެ. "ދެނެހުރިންތަ؟" "ނޫން..."އަދީނާ ބޯ ހޫރައިލަމުން މަޑުމަޑުން ބުނެލިއެވެ. އެކަޅު ލޮލުގައި މޮޅުވެރިކަން ނޫން އެހެން އެއްޗެއްނުވެއެވެ."އޭނައެއްވެސް ވާހަކައެއް ނުބުނޭ..." އެވަގުތު ނައީމް އަދީނާގެ އަތުކުރީގައި ބާރަށް ހިފަހައްޓައިލީ ހިމޭން އަމުރެއްފަދައިންނެވެ. އަދީނާ ހަށިގަނޑު ސީދާކޮށްލިއެވެ. "މުރުތަސިމް...ނައީމްމެން އެއާޕޯޓަށް ގެންގޮސްދީބަލަ..." މަންމަގެ އެދުމަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިނަމަވެސް އިތުރު އެއްޗެކޭ އޭނަ ނުބުނެ ހިމޭންވިއެވެ. ހިތްހަމަނުޖެހުނަސް މޫނުމަތިން އެކަމެއްވެސް ނުދައްކައެވެ. ނައީމް އަހެދްއަށް ނަޒަރު ހުއްޓާލާފައި އެއްޗެކޭ ބުނަން އަނގަހުޅުވައިލިތަނާ މުރުތަސިމްގެ އަޑު އިވުނެވެ. މަޑުމައިތިރި އެކަމަކު ސާބިތު އަޑަކުންނެވެ."އަހެދް ގޯ އެންޑް ރެސްޓް..މިރޭ ފްލައިޓް އެބައޮތް......ެ..." އިތުރަށް އެ އަމުރާއި ޚިލާފުވެ ޒުވާބުކުރާނެ ފުރުސަތެއް އެކަކަށްވެސް އޭނަ ނުދިނެވެ. އަހެދްގެ ހިތް ޝުކުރުން ފުރުނެވެ. އޭނަ ގެނބެން އުޅެނިކޮށް ބިރުވެރި ރާޅުތަކުގެ ތެރެއިން ސަލާމަތްކޮށްދިންފަދައެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. *** ކާރުގެ ބިއްލޫރިގަނޑު ފުރާނާލާފައި އެތެރެއަށް އެޅިފައިވާ އިރުގެ ދޯދިތަކުގެ ސަބަބުން އެންމެންގެ މޫނަށް އަލިވެފައިވިއެވެ. މުރުތަސިމްގެ ލޯ ހުއްޓިފައިވަނީ ކުރިއަށް އޮތް ދިގު މަގަށެވެ. އޭނަގެ ނަޒަރު ނައީމްއަށް ހުއްޓެނީ މާނައިން ފުރިފައިވާގޮތަކަށެވެ. ކޮންމެވެސް ކަމެއް ދެނެގަންނަން މަސައްކަތްކުރާ ފަދައިންނެވެ. އަރަތެއްގެ އެންމެ އެތިކޮޅެއް ހައްލުނުވެގެން ލަސްލަހުން ސިކުނޑި މަސައްކަތްކުރާފަދައިންނެވެ. "އަހަންނަށް އަބަދުވެސް އަހެދްއަކީ ވިސްނުންތޫނު ކުއްޖެއްކަން އެނގޭ..."އޭނަ ތައުރީފުކުރާފަދަ ގޮތަކަށް ބުނެލިއެވެ. ނައިމް އަވަސް ހިނިގަނޑެއް ޖަހައިލިއެވެ." އޭނަ އަބަދުވެސް.....ތަފާތު. ބޯހަރުކަން ޔަގީން. އެކަަމަކު އެހެރަ ހިތްވަރަކުން މިހިސާބަށް އާދެވުނީ.. ނޫންތަ؟" އޭނަ ހިމޭންވިއެވެ. "އޭނަ އެކަން ކާމިޔާބުކޮށްފި..މުއްސަދި އާއިލާއަކުން ކައިވެނިކުރީ.. ނުފޫޒުގެތެރެއަށް...އެހުރިހާ އިންވެސްޓެމެންޓެއް ގެ އަގު އެންމެފަހުން އަދާކޮށްފި..."ކުޑަދޮރުގައި އުޅަބޮށި އަޅުވާލައިގެން ނައީމް އިންއިރު މޫނުގައި ބޮޑާގޮތެއްވިއެވެ. "އިންވެސްޓްމެންޓް؟"މުރުތަސިމް ތަކުރާރުކޮށް ސުވާލުކުރިއެވެ. "ޔަގީނެއްނު.."އޭނައަށް އެހާ ބޮޑަށް ނުވިސްނުނެވެ."އެކަހަލަ އަންހެންކުއްޖަކު ބަލާބޮޑުކުރުމަކީ ކިހާވަރެއްގެ އުދަގޫކަމެއްކަން ނޭގޭތަ؟ އޭނަ ދަސްކުރިހާ އެއްޗެއް. ކިޔެވިހާ އެއްޗެއް...އޭނަ އެފެންވަރަށް އައި ސަބަބަކީ އަހަންނާއި އަހަރެންގެ އަންހެނުން..." ފަހަތު ސީޓުގައި އިން އަދީނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. މުރުތަސިމްއަށްވެސް އެ މަންޒަރު ލޯގަނޑުން ފެނުނެވެ. މުޅި ދަތުރުމަތީގައި ހިމޭނުން އިންކަންވެސް ދެނެގަނެވުނެވެ. އެ ހިމޭންކަން އެތައް ވާހަކައެއް ކިޔަދިނެވެ. "މިހާރު؟" "މިހާރު؟ "ނައީމްގެ ހިނިގަނޑު އޭނަގެ ބޮލަށް އުދަގޫކުރުވިއެވެ."އަހަރެންގެ ޕްލޭނަކީ އުފަލާއި އަރާމުގައި ދިރިއުޅުން..އެއީ އަހަންނަށް ހައްގު އެއްޗެއް. މިލްކެއް....މި ދިރިއުޅުން އަހަންނާއި ކިހާ ގުޅޭ. އެހެން ހިޔެއްނުވޭތަ؟" މުުރުތަސިމް ކާރުގެ ހުންގާނުގައި އިނގިިލިތަކުން ތަޅައިލިއެވެ. އިރުކޮޅަކުން އިނގިލިތައް ހުއްޓުމަކަށް އައެވެ. "ފިރިހެންކުދިންނާއިވެސް ވަރަށް ހަގުރާމަކުރަން ޖެހުނުހެން ހީވޭ އަހެދްއަށްޓަކާ..." މުރުތަސިމް އިތުރަށް އަހަން ބޭނުންވިއެވެ. ނައީމްގެ ޝުއޫރުތައް މޫނުމަތިން ފައުޅުނުވީ ހަމަ ކިރިޔާއެވެ. "އަބަދުވެސް..ފިރިހެނުން އެކަހަލަ އަންހެންކުދިން ފަހަތުން އުޅޭނެ. އެކަމަކު އަހަރެން އަބަދުވެސް އަހެދް ވަކި ދިމާލަކަށް އަމާޒުކޮށްފައި ބެހެއްޓީ. ރަަގަޅު މަގުގައި.....އެމަގުން ކައްސާލިޔަނުދޭން ފަހަތުގައި ހުރިން..." މުރުތަސިމް މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭނަގެ ލޯ މަގަށް ހުއްޓިފައިވިޔަސް ޚިޔާލުތައް އެންމެ ފުނުގައި އޮއިގަނޑެއްހެން އެނބުރުނެވެ. ނައީމްގެ މޫނުމަތިން ކުޑަކޮށް ހާސްކަމެއްވެސް ފެނިލިއެވެ. އޭނަގެ ވާހަކަތަކުން މުރުތަސިމްއަށް ކިތަންމެ އެއްޗެއް ދަސްވެއްޖެއެވެ. ނައީމް ދެއްކި ވާހަކަތައް އޭނަގެ ސިކުނޑީގައި ރައްކާކުރިއެވެ. ލަފުޒުތައް ހުރިގޮތަށެވެ. އެހިމޭން ނަޒަރުގެ ފަހަތުގައި އެ ވާހަކަތައް މަތިމައްޗަށް އެތުރެމުން ބުރަވަމުން ދިޔައެވެ. އެއާޕޯޓައި ހަމަޔަށް ދެވުނުއިރު މުރުތަސިމް ބުނެލީ ދެތިން ލަފުޒުނަމަވެސް ނައީމް އަނގަ ތެޅުން ހުއްޓައެއްނުލިއެވެ. އެ ވާހަކަތަކުން އޭނައަށް ކިތަންމެ އެއްޗެއް ދަސްވެއްޖެއެވެ. ނައީމް ހީކުރީ އޭނަގެ ވާހަކަތަކުން މުރުތަސިމްގެ ހިތުގައި އޭނަގެ ގަދަރު އުފުލޭނެކަމަށެވެ. އެވާހަކަތަކުން އޭނަގެ މަގުސަދު ހާސިލުވާނެކަމަށެވެ. އޭނަ ބޭޒާރުވީކަމަކަށް ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. އެ ލަފުޒުތަކާއި އެ ވާހަކަތަކުގައި ހުރި ރެދުތައް އަޑު އިއްވައިލީ އެއްވެސް ކަމެއް ހަނދާނުން ކައްސައިލައިގެން ނުދާނެ މީހެއްގެ ގާތުކަމެއް ނޭގޭ ހާލުގައި އުފަލުން ފުރި މޭ ފުއްޕާލައިގެން ހުއްޓެވެ. *** ބޮޑުކޮޓަރިތެރެއަށް ވެރިވެފައިވާ ފުން ހިމޭންކަމުގެ ތެރެއިން އިވެނީ ހަމައެކަނި ވައިރޯޅިތައް ފަރުދާތަކާއި ސިއްރުން މުޚާތަބާުކުރާ އަޑެވެ. މައްޗަށް އަރަން ހުންނަ ޑިޒައިނާ ސިޑިބަރިއަށް ލެނގިލައިގެން ހުރި ވިލްދާންގެ ނަޒަރު ހުއްޓިފައިވަނީ ދުރަށެވެ. އޭނަގެ އަންހެނުން އެހެން ލާފައި ދަމުން މަޑުކޮށްލިއެވެ. އޭނަވެސް ވަނީ މުޅި ހަވީރު ފިރިމީހާގެ ހުރިހާ ހަރަކާތަކާއި އަމަލެއް ދިރާސާކޮށްފައެވެ. އެ ސިކުނޑިއަށް ފީނަން ނުކުޅެދުނަސް ބޭނުންވާ އެތައް ޖަވާބަކަށް ހިތް އެދި ގޮވަނީއެވެ. "ވިލްދާން.."އޭނަ ގޮވައިލީ ނިކަން މަޑުންނެވެ. "ކީކޭ؟" ވިލްދާންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. "ވަރަށް ވިސްނައިފިން. މިހެން ނާހަން ހުންނަނީ..އެކަމަކު ދެން އިތުރަށް ކެތެއްނުކުރެވޭނެ ވިލްދާން..." "އަހަރެމެން ކައިވެނީގެ ކުރީކޮޅު ހަފްތާތަކަކަށް ވިލްދާން ގެއްލުނު..."އޭނަ ވިސްނަމުން ވާހަކަދެއްކިއެވެ." ދުވަހަކުވެސް ނާހަމެއްނު...އެކަމަކު ނައީމް އަނެއްކާ ފެނި....އަހަރެން ހިތަށް އަރަނީ...އަހަރެން އެނގެން ބޭނުންވަނީ...." ވިލްދާންގެ ނަޒަރު އެހެން ދިމާލަކަށް ދަތުރުކުރިއެވެ. ކުށްވެރިއެއްފަދައިންނެވެ. "ނައީމްއަކީ އެދުވަސްކޮޅާއި ގުޅިފައިވާ މީހެއްތަ؟ ކޮންކަހަލަ އެކުވެރިއެއް އެއީ؟" އެއްޗެއް ނުބުނެ އިރުގަނޑެއްވާންދެން ހުރެފައި ވިލްދާން ފުން ނޭވާއެއް ދޫކޮށްލިއެވެ." އެ ދުވަސްތަކަކީ. މެންޝަން ކުރަން އެކަށީގެންވާ ދުވަސްކޮޅެއްނޫން. އަހަރެމެން އޭރު ވަރަށް ޒުވާން...ކައިވެނިވެސް އެރެންޖްކުރީ. ކައިވެންޏަކީ ކޯނޗެއްކަމެއް ނުވެސް އެނގޭ....އަހަންނަށްވެސް މަގު އޮޅުނީ...ސެހެރް މާފުކުރޭ...އަހަރެން ގޯހެއް ހެދިން...އައިމް ސޮރީ......." ސެެހެރް ބޯ ޖަހައިލިއެވެ. އޭނަގެ އަޑު މަޑެއް ނުވިއެވެ."އެކަމަކު އަނެއްކާ އެނބުރި އައީ..." ވިލްދާން އާއި ސެހެރްގެ ހަތަރުކަޅި ހަމަވިއެވެ. "އާނ. ދެން އަހަރެމެންނަށް މައިރާ ލިބުނީ. ހުރިހާކަމެއް ބަދަލުވީ..." އޭނަގެ ތުންފަތް ކުޑަކޮށް ތުރުތުރުލިއެވެ." އަހަރެން ޕްރެގް ނުވިނަމަ؟ އަނބުރާ އަންނާނަންތަ؟" އެސުވާލުގެ ޖަވާބު ނުލިބުމުން އޭނަގެ ހިތަށް ތަދުވިއެވެ.ނާޒުކް ހިތުގައި ވޭން އެޅި ވަގުތުކޮޅެކެވެ. "މައިރާ ނުުލިބުނުނަމަ...."އޭނަ ގެ އަޑު މަޑުވިއެވެ." އަހަންނަށް ވިލްދާން އަނބުރާ ލިބޭނެ؟" ވިލްދާންގެ ނަޒަރުގައި ރުޅިވެރިކަމެއް ނެތެވެ. ހަމައެކަނި ހިމޭންކަމެވެ. އަމިއްލަ ނަފުސް ދިފާއުކުރަންވެސް ނޫޅުނެވެ. ސެހެރް ގެނެސް މޭގައި ޖައްސައިލީ މަޑުންނެވެ." ސެހެރް...ނަމައޭ ކިޔައިގެން ވާހަކަ ނުދައްކަމާ. މިހާރު އަހަރެމެންވަނީ އެކީގައި..އެވަރުން ފުދޭ...." އޭނައަށްވެސް ވިލްދާންގެ އަތުގެ ހޫނުކަމުން ހިތްހަމަޖެހުން ލިބުނެވެ. އެކަމަކު ހިތަށް ގަނޑުފެނުް ގަނޑެއްހެން ވަން ޚިޔާލުތަކުގެ ފިނިކަން މި ހޫނުކަމުން ކަނޑުވައިލެވޭނެހެއްޔެވެ؟ ވިލްދާން އެނބުރި އައި ސަބަބަކީ މައިރާހެއްޔެވެ؟ ނޫނީ އޭނަހެއްޔެވެ؟ *** އަދީނާ ކާރުން ފޭބިގޮތަށް އެއްފަރާތުގައި މަޑުކޮށްލައިގެން ހުރީ އަތްތިލަ ހޫނުކުރަން އުނގުޅަމުންނެވެ. އިސްއުފުލައެއްނުލައެވެ. އެލޮލުގައި ކަރުނައިގެ އަސަރުނެތަސް ބަނަކަން ފެނެއެވެ. އެތައް އަހަރެއްގެ ހިމޭންކަމެވެ. އެތެރޭގައި ތޫފާނެއް އުތުރިއަރަމުންދާ ހިމޭން ކަނޑެއްފަދައެވެ. އަދީނާ ސަލާމަށް އަތް ދިއްކޮށްލުމުން ނައީމް އަތުގައި ހިފާނުލާ އެއްފަރާތަށް ޖެހުނެވެ." ދޭ....މިތާގައި ޑްރާމާ ޖައްސަން ނަހަދާ..." މުުރުތަސިމް ތަންކޮޅެއް ދުރުގައި ހުއްޓަސް ނަޒަރު އެހެން ދިމާލެއްގައިވިޔަސް އޭނައަށް ހުރިހާކަމެއް ފެނުނެވެ. އޭނަގެ ކަންކަތުރަށް ބާރުވެލިއެވެ. ނައީމް ޒަވިއާރުގެ މަޖާ ވާހަކަތައް ދައްކާފައި ހެމުން ދުރަށް ޖެހިލިވަގުތާއި ދިމާކޮށް މުރުތަސިމް އަދީނާއާއި ގާތަށް ހިނގައިގަތެވެ. އަދި ޖީބުން ނެގި ކުޑަ ބޮނޑިއެއްް އަދީނާގެ އަތުތެރެއަށް ލެއްވިއެވެ. ދެއްކުންތެރިކަމެއްނެތެވެ. އެވަގުތުކޮޅު އޭނަގެ އަތްތިލަ އެ ނާޒުކް އަތްތިލަ ވަށައިލެވުނެވެ. ހޫނުވެފައި ޔަގީންކަމެއްވީ އަތެކެވެ. އަދީނާއަށްވެސް އެސްފިޔަ ޖަހައިލެވުނީ ލިބުނު ހައިރާންކަމަކުންނެވެ. ދެކޮޅު ހަދަން ތުންފަތް ހަރަކާތްކޮށްލިއެވެ. އެކަމަކު މުރުތަސިމްގެ ނަޒަރުގައިވީ ކުލުނާއި މަޑުމައިތިރިކަމެވެ. ބޯ ހޫރައިލިއިރު އެލޮލުން ބުނެދިނީ ދެކޮޅު ނެހެދުމަށެވެ. އިތުރަށް ބަޔާންކޮށްނުދިނުމަށެވެ. އަދީނާއަށް ދޭހަވިއެވެ. ނައީމްއަށް އެކަން އެނގިއްޖެއްޔާ އޭނަ އެކަމުގެ އަގު އަދާކުރަން ޖެހޭނެއެވެ. މުރުތަސިމް ފަހަތަށް ޖެހިލިއިރު އެވަގުތުކޮޅުވެސް މާޒީއާއި އެކުވެގެން ދިޔައީއެވެ. އެހެން މިހުންވެސް ގޭޓަށް ވަދެ އަދީނާއަށް ކުރިއަށް ދާން މަޖުބޫރުވިއެވެ. ނައީމް ބާރުބާރަށް ކޮންމެވެސް ޖޯކެއް ޖެހުމުން މަޖާވެގެން ހޭނެ މީހެއްނެތަސް އަމިއްލައަށް ހީހީ އަވަދިވާވަރުވިއެވެ. އަދީނާ ސޫޓުކޭސް ހިފައިގެން އެ މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ހިނގައިގަތްއިރު މުރުތަސިމް ވިސްނަމުން ދިޔައެވެ. އިތުރުވެފައިވާ ލަގެޖްއެއްފަދައިން ތިމާގެ އަނބިމީހާއާއިމެދު ހަދާނީ ކޮންކަހަލަ ފިރިހެނެއްހެއްޔެވެ؟ އަހެދްވެސް ވެސް އެމީހެއްދެކެ ބިރުން އުޅޭފަދަ ފިރިހެނެކެވެ. އޭނަގެ ގެއިން އެފަދަ މީހަކަށް ޖާގައެއްނެތްފަދަ މީހެކެވެ. އޭނަގެ ސިކުނޑީގައި އެތައް އިރެއްވާންދެން އެ ޚިޔާލުތައް ދައުރުކުރިއެވެ. ***ބާބިލް އެނދުމަތީގައި އިނދެގެން އަބާޔާތައް ފަށްޖަހަމުން ދިޔައީ ދިރިއުޅުމުގެ ކޮންމެ ކަމެއް ފަރުވާތެރިކަމާއި ތަރުތީބުން ކުރަން ދަސްވެފައިވާމީހެއްފަދައިންނެވެ. ހިމޭންކަމާއެކުގައެވެ. އަމިއްލަ ހަޔާތުގެ ކަނެއްގައި ފިލައިގެން އަބަދު އުޅެން ބޭނުންވާފަދައިންނެވެ. ހެދުންތައް ދަބަހަށް އަޅުވާފައި އޭނަ ޒިބް އަޅުވައިލިތަނާގެން ފޯނު ރިންގުވާންފެށިއެވެ. ނުދަންނަ ނަމްބަރަކުންނެވެ. އޭނަގެ ހިތް ގެނބުނެވެ. ބިރުން ހުރެ ފޯނު ނަގާފައި ހެލޯ ބުނެލެވުނީ އަމިއްލަ ނަފުސަށްވެސް ނީވޭހާ މަޑުންނެވެ. ފުރަތަމަ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. "އަލްބާން.." އެންމެ ނަމެކެވެ. ޚަންޖަރެކެވެ. އޭނަގެ ހިތަށް ފިނިވިއެވެ. އެއާއެކު ލައިން ކެނޑުނެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އިންއިރު ލޭގެ ބަދަލުގައި ހޮޅިތަކުން ދަތުރުކުރަނީ ގަނޑުފެންހެން ހީވާހާ ފިނިވިއެވެ. އެއީ ލޯކަންގެ އަޑެވެ. ލޯކަންއަށް އެނގިއްޖެއެވެ. ވިސްނުމަކާއި ނުލައި އޭނައަށް އަވަސްއަވަހަށް މެސެޖްކޮށްލެވުނެވެ. "މިވަގުތު އާދެބަލަ ޕްލީޒް..." އަލްބާން ބަގީޗާތެރޭގައި ރުކަކަށް ލެނގިލައިގެން ހުރީ ހިމޭންކަމާއެކުގައެެވެ. ރުކުގެ ފަންތަކުގައި ވައި އަޅުވަމުން ދިޔަސް އޭނަ ހުރީ ގުޑިވެސް ނުލާ ހިމޭނުންނެވެ. ބާބިލް އެތަނަށް އަައިއިރު އެކުއްޖާގެ މޫނު ހުދު ކަފަކޮޅެއްފަދައެވެ. "އޭނަ ގުޅީ.." ބާބިލްގެ އަޑު ރޫރޫ އެޅިއެވެ. "އަހަންނަށް އެނގިއްޖެ..." "އޭނައަށް ނަންވެސް އެނގިއްޖެ...އަލްބާން އެނގިއްޖެ.." " އަހަންނަށް ހީވިއޭ.."ކިތަންމެ ހަމަޖެހިގެން ހުއްޓަސް އޭނަގެ ލޮލުގެ ފަހަތުގައި ފޮރުވިފައިވީ އަލިފާނެވެ."އެކަމަކު އޭނަގެ ޚަބަރެއްނުވޭ. ހުރިތަނެއްވެސް ނޭގޭ....އަނދިރިކަމަށް ގެއްލިފައި...ކޮންމެއަކަސް ދެމީހުން އުމްރާއަށް މިދަނީ. ވަގުތު އެބަ ލިބޭ..މިވަގުތަށް ބާބްވެސް ސޭފް......" "ސަލާމަތުން؟" ބާބިލް ހިތްހަމަނުޖެހުނެވެ." އޭނަގެ ވާހަކަދައްކާގޮތުން ހީވަނީ އޭނައަކީ ހިޔަންޏެއްހެން....އޭނަ ފަހަތުން ނާންނާނެހެން...އަލްބާން އޭނަދެކެ އެއްވެސް ވަރަކަށް ބިރުނުގަންނަހެން..." އޭނައަށް ބާބިލްގެ އަތްތިލަ ފެނުނެވެ. ތުރުތުރުލާތަނެވެ. ނޭވާވެސް އަވަސްވެފައެވެ. އޭނަ ކުރިއަށް ޖެހިލާފައި އެއަތުގައި ހިފައިލީ މަޑުންނެވެ. އެ އަތުގެ ހޫނުކަމާއި ބާރުން ރައްކާތެރިކަން އިހުސާސްވިއެވެ. "އެއީ މޮންސްޓާއެއްކަމަށް ބާން ދެކެންޏާ....."އޭނަ މަޑުމަޑުން ބުނެލިއެވެ."އަހަރެން މީކާކުކަން ބާބްއަށް ނޭގެނީ.." އޭނަގެ ލޮލުގައިވީ ސާބިތުކަމެވެ. އެއްވެސް ވަރަަކަށް ދުރުބަލައެއްނުލައެވެ. ބާބިލްއަށްވެސް އެ ޔަގީންކަމުން ހިތަށް ތަފާތު އަސަރެއްކުރުވިއެވެ. އެވަގުތުކޮޅު ފަތްތައް ހިމުންވާ އަޑެއް އިވުމާއެކު އެތަނަށް ނުކުމެވުނީ ޒަހްރާއަށެވެ. އެގަޑީގައި ބަގީޗާގައި ހިނގައިލަން ނުކުތުމަކީ އާދައެކެވެ. ޒަހްރާ ހުއްޓުން އެރިއެވެ. ދުރުން ފެނުނީ އަލްބާން ބާބިލްގެ އަތުގައި ހިފަހައްޓާލައިގެން ހުރިތަނެވެ. ބާބިލް ބިރުން ހުރިކަން އެނގުނެވެ. ލޯތްބެއްނޫނެވެ. ހަގީގީ ބިރެވެ. ޒަހްރާއަށް އެއީ އިޝްގީ މަންޒަރަކަށް ނުވިއެވެ. ރައްކާތެރިކޮށްދިނީއެވެ. ބޭބެއަކު ކޮއްކޮއަކު ހިމާޔަތްކޮށްދޭފަދައިންނެވެ. އެކަމަކުވެސް މުޅިން އެ ޚިޔާލުތައް ހަމަޖެހޭކަމަކަށްވެސް ނުވިއެވެ. އިރުގަނޑަކަށް ބަލަން ހުރެފައި ލޯ ހަނިކޮށްލެވުނެވެ. އެއާއެކު ފިޔަވަޅު ކުރިއަށް އަޅަންފެށިއެވެ. ބާބިލްއަކަށް ޒަހްރާ އަންނަކަމެއް ނޭގުނެވެ. އަލްބާން އޭރު އޭނަގެ އަތުން ދޫކޮށްލައިފިއެވެ. އޭރު ޒަހްރާގެ ސިކުނޑީގައި ވި ސުވާލަކީ އެހާ ފަސޭހައިން ދުރަށް ހިނގައިގަނެވޭނެ އެއްޗެއްވެސް ނޫނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ