މެޑްރިޑް (މެއި 11) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 4-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވި މެޗުގައި، އެ ޓީމުގެ ފޯވާޑް، އަލެކްސަންޑަ ސޯލޯތު ސްޕެނިޝް ލީގުގެ ތާރީހުގައި އެންމެ އަވަސް ހެޓްރިކްގެ ރެކޯޑް ހަދައިފި އެވެ.
އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 11 މިނިޓް ތެރޭ ސޯލޯތު ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭނާ ތިން ގޯލު ޖަހާފައިވަނީ، ތިން މިނިޓް 58 ސިކުންތު ތެރޭގަ އެވެ. މީގެ ކުރިން، އެންމެ އަވަސް ހެޓްރިކެއް ސްޕެނިޝް ލީގުގައި ހެދީ ކެވިން ގަމެއިރޯ އާއި ޑޭވިޑް ވިޔާ އެވެ. ގަމޭރޯ، ތިން ގޯލު ޖެހީ، ހަތަރު މިނިޓް 45 ސިކުންތު ތެރޭގަ އެވެ. އަދި، ވިޔާ، ހެޓްރިކް ހެދީ 4 މިނިޓް 46 ސިކުންތު ތެރޭގަ އެވެ.
ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގައި، އެތުލެޓިކޯގެ ހަތަރު ވަނަ ގޯލު ވެސް ޖެހީ ސޯލޯތު އެވެ.
މީގެ ކުރިން ސޮސިއެޑާޑަށް ވެސް ކުޅުނު ސޯލޯތު ވަނީ މިދިޔަ ސީޒަނުގައި ވިޔަރެއާލަށް ކުޅެމުން ރެއާލް މެޑްރިޑް ކޮޅަށް އެއް މެޗެއްގައި ހަަތަރު ލަނޑު ޖަހައިފަ އެވެ. ސޯލޯތު ވެފައިވަނީ، ލިއޮނަލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލުއިސް ސުއަރޭޒަށް ފަހު ސްޕެނިޝް ލީގުގެ ތަފާތު ދެ މެޗެއްގައި ހަތަރު ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ރޭގެ މޮޅާ އެކު، އެތުލެޓިކޯ އޮތީ 35 މެޗުން 70 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މި މެޗުން ބަލިވި، ސޮސިއެޑާޑް 12 ވަނައިގައި އޮތީ 43 ޕޮއިންޓް ހޯދައިގެންނެވެ.
އެތުލެޓިކޯގެ ސޯލޯތު ސްޕެނިޝް ލީގުގެ އެންމެ އަވަސް ހެޓްރިކްގެ ރެކޯޑް ހަދައިފި އެތުލެޓިކޯގެ ސޯލޯތު ސްޕެނިޝް ލީގުގެ އެންމެ އަވަސް ހެޓްރިކްގެ ރެކޯޑް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ