މެލޭޝިއާގައި މިހާރު ކުރިއަށްދާ މެލޭޝިއަން ކްރިކެޓް އެސޯސިއޭޝަން (އެމްސީއޭ) ސުޕަ ސީރީސް މެންސް 50 އޯވަރުގެ މުބާރާތުގައި، ރާއްޖޭގެ ތަރި، ޔޫސުފް އަޒްޔާން ފަރުހަތު ވަނީ ސެންޗަރީއެއް ހަދައި ވިދާލައިފި އެވެ.
މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދި އަޒްޔާން، ސްކޮލަޝިޕެއްގައި ކިޔަވަން ދާން ޖެހުމުން މީގެ ދެ މަސް ކުރިން ވަނީ މެލޭޝިއާ އަށް ބަދަލުވެފަ އެެވެ. އެ ގޮތުން، ކިޔެވުމުގެ މުއްދަތުގެ ތެރޭގައި އަޒްޔާންގެ ކުޅުމުގެ ކެރިއަރު ކުރިއަށްގެންދިއުމަށްޓަކައި، މެލޭޝިއާގެ ޑޮމެސްޓިކް ކްރިކެޓް މުބާރާތްތަކުގައި ވެސް ކުޅޭނެ ކަމަށް ކުރިން ވެސް ހާމަކުރި އެވެ.
އެ ގޮތުން، އަޒްޔާންގެ އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މެޗަކީ، އިއްޔެ ސަދާން ހިޓާސް އަތުން، އަޒްޔާން ކުޅެމުން އަންނަ ނޮދާން ސްޓްރައިކާސް މޮޅުވި މެޗުގަ އެވެ.
އެ މެޗުގައި، އަޒްޔާން ވަނީ 116 ބޯޅައިން 109 ލަނޑު ހަދައިފަ އެވެ. އަޒްޔާނާ އެކު، ޕާޓްނަޝިޕެއްގައި އެންމެ ރަނގަޅު ސްކޯއެއް ހަދައިދިން، ވިރަންދީޕު ސިންގް ވަނީ 127 ބޯޅައިން 135 ލަނޑު ހަދައިފަ އެވެ.
ނޮދާން ސްޓްރައިކާސްގެ މެޗުގެ ތެރެއިން އަޒްޔާން... - ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
އަޒްޔާން ކުޅެމުން އަންނަ ނޮދަން ސްޓްރައިކާސް މި ވަގުތު އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. އެ ޓީމުން ލީގު ބުރުގެ ފަހު މެޗުގައި، ހޯމަ ދުވަހު ކުޅޭނީ ސެންޓްރަލް ސްމެޝާސްއާ އެވެ. ފައިނަލް މެޗު އޮންނާނީ ލީގު ބުުރުގެ އެއް ވަނަ އާއި ދެ ވަނައިގެ މެދުގައި، އަންނަ ބުދަ ދުވަހު އެވެ.
އަޒްޔާން ވަނީ 2019 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 19 އަހަރުގައި ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެކި އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް ކެރިއަރު ކުރިއަށްގެންދިއުމަށްޓަކައި ހިތްވަރު ދެއްކި، އަޒްޔާން ވަނީ، 2022 ވަނަ އަހަރު އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްތަން ޕެނިންސޫލާ ކްރިކެޓު ކުލަބަށް ވެސް ކުޅެފަ އެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ބެޓްސްމަނަކަށް ހޮވުނު އަޒްޔާން ވަނީ، ގައުމީ ކްރިކެޓް ޓީމުން މިދިޔަ އަހަރު ބޫޓާނުގައި ބޭއްވި މުބާރާތުގެ ދެ ވަނަ ހޯދިއިރު، އެ މުބާރާތުގެ ވެސް އެންމެ މޮޅު ބެޓްސްމަންގެ މަގާމު ހޯދައިފަ އެވެ. އަދި، މިދިޔަ އަހަރު ބޭއްވި ގައުމީ ކްރިކެޓް މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ މަގާމު ވެސް ހޯދީ މިލާނަށް މޮޅު ކުޅުމެއް ދެއްކި އަޒްޔާން އެެވެ.
މެލޭޝިއާ މުބާރާތުގައި ރާއްޖޭގެ އަޒްޔާން ސެންޗަރީ އަކާ އެކު ވިދާލައިފި މެލޭޝިއާ މުބާރާތުގައި ރާއްޖޭގެ އަޒްޔާން ސެންޗަރީ އަކާ އެކު ވިދާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ