ހުކުރު ވަގުތު ފްލައިޓު ޖެއްސުން މަނާކުރަންޖެހޭ: މެންބަރު އިބްރާހީމް

މީގެ އެތައް އަހަރެއް ކުރިން އޮތް ގޮތަށް، ހުކުރު ވަގުތުގައި ފްލައިޓް ނުޖެއްސޭ ގޮތަށް ގާނޫނަށް އިސްލާހުގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން، މެންބަރު އިބްރާހީމް އެފަދައިން ވިދާޅުވީ އެއީ ދިވެހި ރައްޔިތުން ވެސް އެދޭނެ ގޮތްކަމަށެވެ. އިބްރާހީމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމާ ހަމައަށް ދިވެހިރާއްޖޭގައި ހުކުރު ދުވަހުގެ ހުކުރު ވަގުތު ފްލައިޓް އޮޕަރޭޓްކުރުމަކީ، ނުކުރާ ކަމެކެވެ. ނަމަވެސް 2009 ވަނަ އަހަރު އުފެދުނު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ޒަމާންވީ ޝިއާރަކަށް ގެއްލުންވާ ގޮތަށް މަދަނީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތައް ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރިން އޮތް ގޮތަށް އަނބުރާ ރުޖޫއަވެގެން ދިޔުމަކީ އެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު އެ ބަދަލު ގެނައީ އިޒްރޭލުގެ ގައުމީ އެއާލައިން ފުވައްމުލަކަށް ޖެއްސުމަށް ޓަކައި ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހުކުރު ގަޑީގައި ފްލައިޓް ޖެއްސޭ ގޮތަށް ބަދަލުކުރުމުގެ ސަބަބުން 31 ޑިޕާޓްމަންޓަކުން 2،881 މުވައްޒަފެއްގެ ހުކުރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން މިހާރު ވެސް މެދުނުކެނޑި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އިއްޒަތްތެރި ރައީސް. މުސްލިމުންނަކީ ހުކުރު ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަކުރާ އަދި މުހިންމު އަޅުކަމެއް، ހުކުރުގެ ނަމާދު އަދާކުރަމުން ގެންދާ ބައެއް. އެހެންވީމަ ކުރީގައި މި ދެންނެވި ލާދީނީ ސަރުކާރުގެ ފަރާތުން މި ބަދަލުކޮށްފައި އޮތް އޮތުން، ހުކުރު ގަޑީގެ ހުރުމަތްތެރިކަން ގެއްލޭ ގޮތަށް މަތިންދާބޯޓު ޖައްސާ ގޮތަށް އޮތް އޮތުން އަލުން ކުރިން އޮތް ގޮތަށް އިސްލާހުކުރުމަކީ ރައްޔިތުން އެދޭނެކަމެއް ކަމަށް ހަނދާންކޮށްލަދެން، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު އޭނާ ވިދާޅުވި ގޮތުގައި މި އިސްލާހު އެ ބިލަށް ގެނެސް ގާނޫނު އިސްލާހުކުރުމަކީ މުހިންމު ކަމެކެވެ. އަދި ރާއްޖެ ފަދަ އިސްލާމީ ދައުލަތަކުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ