ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާގެ ސަރުކާރުން އުވާލި ޖަމާއަތު އިސްލާމީ ޕާޓީ، 10 އަހަރަށް ފަހު އަލުން ރަޖިސްޓްރީ ކުރުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި އެވެ.
އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ޖަމާއަތު އިސްލާމީ ޕާޓީ އިލެކްޝަންސް ކޮމިޝަނުގައި ރަސްމީކޮށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފަ އެވެ. އެއާ އެކު ދެން އޮންނަ އިންތިހާބުގައި އެ ޕާޓީއަށް ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އިންތިގާލީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާންމު އިންތިހާބުގައި ބޭއްވުމަށެވެ.
ޖަމާއަތު އިސްލާމީގެ ގާނޫނީ ވަކީލް ޝިޝީރު މޮނީރު ވިދާޅުވީ އެ ހުކުމުގެ ސަބަބުން މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ 170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމުގައި "ޑިމޮކްރެޓިކް، އެންމެނަށް ފުރުސަތު ލިބޭ އަދި މަލްޓިޕާޓީ ސިސްޓަމެއް" ގާއިމުކުރެވޭނެ ކަމަށެވެ.
ހަސީނާގެ ސަރުކާރު މިދިޔަ އޯގަސްޓް މަހު ވެއްޓުމަށް ފަހު، އެ ޕާޓީންވަނީ 2013 ވަނަ އަހަރު ހައިކޯޓުން އެ ޕާޓީގެ ރަޖިސްްޓްރީ އުވާލި މައްސަލަ ބަލައިދިނުމަށް އެދިފަ އެވެ.
ހަސީނާ،77، ވަނީ ފިއްލަވައިގެން އިންޑިއާ އިން ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިފަ އެވެ. އަދި އޭނާގެ ސަރުކާރާ ދެކޮޅަށް އޭރު މުޒާހަރާ ކުރި މީހުންނާ ދޭތެރޭ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވި ކަމަށް ތުހުމަތުކޮށް އޭނާގެ ގައިރު ހާޒިރުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. ޕްރޮސެކިއުޓަރުން ސިފަކުރާ ގޮތުގައި އެ މުޒާހަރާގެ ބައިވެރިންނަށް ހަސީނާގެ ސަރުކާރުން ދިނީ "ސިސްޓަމެޓިކް ހަމަލާއެއް" ކަމަށާއި އޭގެ ސަބަބުން 1،400 މީހުން މަރުވެފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.
ޖަމާއަތު އިސްލާމިއްޔާއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމް ކުރީ، އެ ޕާޓީގެ އެންމެ އިސް އެއް ލީޑަރު އޭޓީއެމް އަޒްހަރުލް އިސްލާމްގެ މައްޗަށް އިއްވާފައިވާ ހުކުމް އަންގާރަ ދުވަހު ބާތިލުކުރުމަށް ފަހު އެވެ.
އިސްލާމަށް މަރުގެ ހުކުމް 2014 ވަނަ އަހަރު އިއްވީ 1971 ވަނަ އަހަރު ބަންގުލާދޭޝް ޕާކިސްތާނުގެ ފަރާތުން މިނިވަން ވުމަށް ކުރި ހަނގުރާމާގައި، ރޭޕް، މަރުތަކެއްގެ މައްސަލައިގެ އިތުރަށް ނަސްލު ނައްތާލުމަށް މަސައްކަތް ކުރިކަން ސާބިތުވެގެންނެވެ.
"ފަރުދެއްގެ ހައިސިއްޔަތުން ވިޔަސް އަދި ޕާޓީއެއްގެ ހައިސިއްޔަތުން ވިޔަސް، އަޅުގަނޑުމެންނަކީ ގޯސްތަކެއް ނުހެދޭނެ ބައެއް ނޫން،" ޖަމާއަތުގެ ލީޑަރު ޝަފީގުއްރަހްމާން ވިދާޅުވި އެވެ.
"އެއްވެސް ގޯހެއް ހެދިފައިވާ ނަމަ މައާފަށް އެދެން." އޭނާ ވިދާޅުވި އެވެ.
ހަސީނާ ވެރިކަމުގައި ޖަމާއަތު އިސްލާމިއްޔާގެ ހަރަކާތްތައް މަނާކޮށް އެ ޖަމާއަތުގެ ލީޑަރުންނާ މެދު ފިޔަވަޅު އެޅުއްވި އެވެ.
ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސް އިސްވެ ހުންނަވާ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން މިދިޔަ މެއި މަހު ވަނީ ހަސީނާގެ އަވާމީ ލީގު އެ ގައުމުގައި މަނާކޮށްފަ އެވެ.
ބަންގުލާދޭޝްގެ ޖަމާއަތު އިސްލާމީ ޕާޓީ ހިންގުމުގެ ހުއްދަ ސުޕްރީމް ކޯޓުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ