ހުކުރު ވަގުތު ފްލައިޓު ނުޖެއްސޭ ގޮތް ހަދަން ޖެހޭ: މެންބަރު އިބްރާހިމް

ހުކުރު ވަގުތު ފްލައިޓު އޮޕަރޭޝަން ކުރިއަށްގެންދާތީވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ 2،000އެއްހާ މުވައްޒަފުންގެ ހުކުރު ނަމާދު ގެއްލޭ ކަމަށާއި އެވަގުތު އެ އޮޕަރެޝަން ކުރިއަށް ގެންދިއުން މަނާ ކުރުމަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިބްރާހިމް މުހައްމަދު މިގޮތަށް ގޮވާލެއްވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
ތަފްސީލު - ވާހަކަ ފައްޓަވަމުން އިބްރާހިމް މުހައްމަދު ވިދާޅުވީ، އެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅަން އޭނާ ގަސްތު ކުރައްވާ ކަމަށެވެ. އެއީ ހުކުރު ގަޑީގައި ރާއްޖޭގެ މައި އެއާޕޯޓަށް ފްލައިޓު ޖެއްސުން ހުއްޓުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 
"2009ގައި އުފެދުނު [ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ] ވެރިކަމުގެ ފަރާތުން އޭރުގައި އިޒްރޭލްގެ ގައުމީ އެއާލައިން ފުވައްމުލަކަށް ޖެއްސުމަށްޓަކައި ގެނައި ބަދަލުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ހުކުރު ގަޑިގައި ފްލައިޓު ޖެއްސޭ ގޮތަށް ބަދަލުކުރި ކުރުމުގެ ސަބަބުން، 31 ޑިޕާޓަމަންޓަކުން 2،781 މުވައްޒަފެއްގެ ހުކުރު ގެއްލިފައިވަނީ. އަދި އެކަން މިހާރު ވެސް ކޮންޓިނިއު ވެގެން މިދަނީ،" އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުން ފެށިގެން ރައީސް މައުމޫންގެ ވެރިކަން ނިމުމާ ހަމައަށް ރާއްޖޭގައި ހުކުރު ދުވަހު ހުކުރު ވަގުތު ފްލައިޓު އޮޕަރޭޓް ކުރުމަކީ ނުކުރާ ކަމެއްގެ ގޮތުގައި އޮތީ."
ނަޝީދުގެ ވެރިކަމުގައި ގެނައި ބަދަލެއް ކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވި ނަމަވެސް، ރާއްޖޭގައި އޭގެ ކުރިން ވެސް ހުކުރު ވަގުތު ފްލައިޓުތަކުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ އެވެ.
"2009 ވަނަ އަހަރު އުފެދުނު ސަރުކާރުގައި ރާއެްޖޭގައި ޒަމާންވީ ޝިއާރައަކަށް ގެއްލުންވާ ގޮތަށް މަދަނީ ދަތުރުފަތުރުގެ ގަވައިދުތައް ބަދަލުކޮށްފައި އޮތް އޮތުން އަލުން އަނބުރާ ރުޖޫއަވެގެން ދިއުމަކީ އަޅުގަނޑު އެދޭ ކަމެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ:
ރާއްޖެއަކީ މުސްލިމް ގައުމަކަށްވާއިރު، ހުކުރު ދުވަހަކީ މުސްލިމުންގެ އީދު ދުވަހެއް؛ އެ ދުވަހު ކުރާ ހުކުރު ނަމާދަކީ މުސްލިމުންނަށް ވަރަށް މުހިންމު އަޅުކަމެއް
ހުކުރު ގަޑީގެ ހުރުމަތްތެރިކަން ގެއްލޭ ގޮތަށް މަތިންދާބޯޓު ޖައްސާ ގޮތަށް "ލާދިނީ ސަރުކާރުން ގެނައި ބަދަލު" ކުރީގައި އޮތް ގޮތަށް އަލުން އިއާދަވާނެ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހެޅުމަކީ ހުރިހާ ރައްޔިތުން އެދޭނެ ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ