އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 26 ގައި ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޓައިމްސް އޮފް އިންޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދެންދްރަ މޯދީ މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދިވެހި ސަރުކާރުން ދެއްވާފައިވާ ދަޢުވަތު އިންޑިއާ ސަރުކާރުން ބަލައިގަތުމަށް ވަނީ ނިންމާފައެވެ.
މި ދަތުރުފުޅުގެ ތާރީޚެއްގެ ގޮތުގައި ބެލެވެނީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމުގައިވާ ޖުލައި 26 އެވެ. މިއީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށްވާނެއެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތަކާއި، ދިފާޢީ އަދި ސަލާމަތީ ކަންކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ހިމެނެއެވެ.
ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖެއިން އިންޑިއާގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ނުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ނިންމެވީ ދިވެހި ރައްޔިތުންގެ މިނިވަންކަމަށް އިޙްތިރާމްކުރުމުގެ ގޮތުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިންޑިއާއިން ދެކޭގޮތުގައި ދިވެހިރާއްޖެއަކީ އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" އަދި "ވިޝަން މަހާސާގަރ" ސިޔާސަތުގެ ދަށުން ވަރަށް މުހިންމު ބައިވެރިއެކެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާ ބެހޭ ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށް އިންޑިޔާގެ އެ ނޫހުން ބުނެފައިވެއެވެ.
ޖުލައި 26 ގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ