ދެ ބޮންޑެޑްވެއާހައުސްއަކުން ގަވައިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ބަލަނީ
ދެ ބޮންޑެޑްވެއާހައުސްއަކުން ގަވައިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ. އެކަމާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނީ 'އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް' ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑްވެއާހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެތަނުގައި ހުންނަންޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި، ރެޑް މެންޗެސްޓާ ރޯޔަލް ބްރޭންޑްގެ 300 ކޭސް ސިނގިރޭޓު ގަވައިދާ ޚިލާފަށް އެ ތަނުން ނެރެފައިވާކަން ކަސްޓަމްސްއަށް ފާހަގަކުރެވުނު ކަމަށެވެ. އޭގެ އިތުރުން 'އެސްޖީއެމް ބޮންޑެޑް ވެއާހައުސް' ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑްވެއާހައުސް ޗެކްކުރިއިރު، އެތަނުގައި ހުންނަންޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި، އަފްޒަލް މޮލަސަސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވައިދާ ޚިލާފަށް ބޮންޑެޑްވެއާހައުސްއިން ނެރެފައިވާކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި އެ ދެ ބޮންޑެޑްވެއާހައުސްގެ ރަޖިސްޓްރީ ބާތިލުކޮށް، އެ މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑްވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47،183،011.86 ރުފިޔާއާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން ދައްކަންޖެހޭ 20،720،412.54 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ޓަކައި ބަންޑާރަނައިބުގެ އޮފީހަށް ވެސް މައްސަލަ ހުށަހަޅާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ބުނީ ބޮންޑެޑްވެއާހައުސް ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ދުންފަތުގެ ބާވަތްތައް ބޮންޑެޑްވެއާހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑްވެއާހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ އާންމު ގަވައިދަށް މިހާރު އިސްލާހު ވެސް ގެނެސްފައިވާ ކަމަށެވެ. ކަސްޓަމްސްއިން އިތުރަށް ބުނީ އެ ދެ މައްސަލަ ފުލުހުންނާ ގުޅިގެން މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ