މުސްލިމް އަޚުންނޭވެ! ﷲ تَعَالَى އިންސާނީ ނަސްލު ދުނިޔޭގައި ލެއްވެވީ އެއްވެސް މަޤްޞަދެއް ނެތި، ބޭކާރު ގޮތެއްގައެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރު ގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرةއަށް رجوعނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީހެއްޔެވެ؟"
ކޮންމެ ޙާލެއްގައި ވެސް އިންސާނާއަށް އެންމެ މަޞްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެ ވޮޑިގެންވަނީ، އެ އިންސާނާ ޚަލްޤުކުރެއްވި ޚާލިޤުވަންތަ ﷲއެވެ. އެ ކަލާނގެ އިންސާނާގެ ޙަޔާތް ބައްޓަންކުރަންވީ ހެޔޮ މަގު ދެއްކެވުމަށް ޓަކައި ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ﷺ ފޮނުއްވީ ޤިޔާމަތަށް ދާންދެން ދެމި އޮންނާނެ، ޝާމިލު، ފުރިހަމަ ޝަރީޢަތަކާއިގެންނެވެ.
މުސްލިމް އަޚުންނޭވެ! މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ، މުސްލިމް ޒުވާނުން، އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފަހި ފުރުޞަތެވެ. އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމާ މެދު އެ ޒުވާނުން ހޭލުންތެރިކުރުމުގެ ފަހި ފުރުޞަތެވެ. އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން، އަހަރެމެންގެ ޢަޤީދާއާއި، އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް، ބައެއް ޒުވާނުން ކަސިޔާރުވެއެވެ. މި ކަމާ މެދު މާޔޫސްވެފައި ތިބުމުގެ ބަދަލުގައި، ރިވެތި ގޮތުގައި ނަސޭހަތްތެރިވެ، ޢިލްމާއި ޙިކުމަތާއި އޯގާތެރިކަމާ އެކު، އެ ޒުވާނުންނަށް ހެޔޮމަގަށް މަގުދައްކައިދޭން ޖެހެއެވެ. މިއީ މިއަދު ފަރުދީ ގޮތުން ކޮންމެ މުސްލިމަކު ވެސް، އުންމަތަށްޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެކެވެ. ޝައްކެއްނެތެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ހުރީ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބައްޓަންކޮށްގެންނެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމް ދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި، އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފައްދައެވެ. ހިތާމައަކީ މި ކަމުގެ ވިހަ އަސަރު އަހަރެމެންގެ ތަޢުލީމާއި ތަރުބިޔަތަށް ވެސް ފޯރާކަމެވެ. އަހަރެމެންގެ ޅަދަރީންގެ ސިކުނޑިތައް ދޮވެވި، އެ ކުދީން ފިޠުރަތުގެ މަގާ ދުރަށްދާކަމެވެ. މާއްދިއްޔަތަށް ގޮސް ހުސްވެ، އުންމަތުގެ މުސްތަޤުބަލު ބަނަވެ އަނދިރިވަމުންދާކަމެވެ.
މުސްލިމް އަޚުންނޭވެ! އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއް ގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެންނެވެ. ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެންނެވެ. މިއަދު މުޖުތަމަޢުތަކުގައި އިސްލާމީ ޝަރީޢަތުގެ ވާހަކަ ދެއްކުމުން ގިނަ މީހުންނަށް ވިސްނެނީ އެއީ، ވައްކަންކުރާ މީހާގެ އަތްކެނޑުމާއި، ޒިނޭކުރާ މީހާ ރަޖަމުކުރުމާއި، މީހެއްގެ ލޭ އޮހޮރުވައިލައިފި މީހާގެ ކިބައިން ޤިޞާޞްހިފުން ކަމުގައެވެ. ޙަޤީޤަތަކީ، އިސްލާމީ ޝަރީޢަތުގެ ބިންގަލުގެ މަތީގައި މުޖުތަމަޢެއް ބިނާވުމުން މިނިވަންކަމާއި، އަމާންކަމާއި، ތަރައްޤީއާއި، ކުރިއެރުން އެ މުޖުތަމަޢަކަށް ލިބުމުވެ. އުންމަތުގެ މާޒީ މި ކަމަށް ހެކިދެއެވެ. ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީން އެ ރަށަކީ އަނިޔާވެރިކަމާއި ހަމަނުޖެހުން ޢާންމުވެފައިވާ ރަށެކެވެ. ހިޖުރައަށް ފަހު އެ ރަށްވީ އިސްލާމީ ޝަރީއަތާ އެއް ގޮތަށް ބިނާކުރެވުނު ފުރަތަމަ މުޖުތަމަޢަށެވެ. ނަތީޖާއަކީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޢިލްމީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ޢުމްރާނީ ގޮތުން ދުނިޔެ ޢަޖައިބު ކުރުވަނިވި އެތައް ތަރައްޤީއެއް އެ ރަށަށް ލިބުމެވެ. އިސްލާމީ ފުތޫޙާތުތަކަށް ފަހުގައި ބިނާވި ބޮޑެތި ރަށްތަކާއި މުޖުތަމަޢުތަކަށް ބެލުމުން މި މަންޒަރު ވަރަށް ސާފުވެއެވެ.
މުސްލިމް އަޚުންނޭވެ! މުސްލިމުން އިސްލާމީ ޝަރީޢަތުގައި ސާބިތުވެ އެއްބައިވަންތަކަންމަތީ ތިބި އިރު، އިސްލާމީ އުންމަތަކީ އާރާއި ބާރުހުރި ޢިތްޒަތްތެރި އުންމަތެކެވެ. މި އަދު މުސްލިމުން ބައިބައިވެ ބާރުނެތި ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ސަބަބަކީ އިސްލާމީ ތަޢުލީމާ ދުރުވެ، އިސްލާމީ ޝަރީޢަތާ ބީރައްޓެހިވުމެވެ. އުންމަތުގެ ޢިއްޒަތާއި ޤަދަރު އަނބުރައި ލިބޭނީ، ﷲގެ މަގަށް މީސްތަކުން އެނބުރުމުންނެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبعވާށެވެ! (އެ ނޫން) މަގުމަގަށް ތިޔަބައިމީހުން تبعނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ."[1]
މުސްލިމް އަޚުންނޭވެ! މިހާރަކަށްއައިސް އަހަރެމެންގެ ޒުވާނުންގެ ތެރޭގައި އިސްލާމްދީނާ ދުރު ސަގާފަތްތައް ފެތުރުމަށް އެތެރެއާއި ބޭރުން މަސައްކަތްކުރެއެވެ. ކުރިއެރުމާއި ތަރައްޤީކަމުގައި ބުނެ، އައުރަ ނިވައިނުވާ ގޮތަށް ދެޖިންސުގެ ޒުވާނުން ހެދުން އެޅުން އާންމުވަމުން އެބަދެއެވެ. ފިރިހެނުން އަންހެނުން ގޮތަށް އަންހެނުން ފިރިހެނުން ގޮތަށް ހެދުން އެޅުން އާންމުވަމުން އެބަދެއެވެ. ފިރިހެނުން ކަންފަތް ތޮރުފުމާއި ދެ ޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި، ފިރިހެނުން އަންހެނުންނާ އެއް ގޮތްވާ ގޮތަށް އިސްތަށިގަނޑު ދިގުކުރުން ފަދަ ކަންކަން އާދައިގެ ކަންކަންކަމުގައި ހަދަމުން އެބަދެއެވެ. މި ކަންކަމަކީ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަމެވެ. اِبْنُ عَبَّاس رضي اللهُ عَنْهُمَا ވިދާޅުވިއެވެ. (لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمُخَــنَّــثِــيْنَ مِنَ الرِّجَالِ، وَالْمُتَرَجِّلَاتِ مِنَ النِّسَاءِ، وَقَالَ: أَخْرِجُوْهُمْ مِنْ بُيُوْتِكُمْ).[2] މާނައީ: "ހަމަކަށަވަރުން ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގެން އުޅޭ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގެން އުޅޭމީހުންނަށް ނަބިއްޔާ ﷺ ލަޢުނަތްލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އެފަދަ މީހުން ތިޔަބައި މީހުންގެ ގޯތިގެދޮރުން ނެރޭށެވެ!"
މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގައި ފެތުރެމުންދާ މި ފަދަ ދީނާ ދުރު ކަންކަމާ މެދު އަހަރެމެން ހޭލުންތެރިވާން ވެއްޖެއެވެ. ދީނީ ތަޢުލީމަށް އިތުރު މުހިންމުކަމެއް ދޭން ވެއްޖެއެވެ. ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިޢާރުތަކާއި ސަގާފަތްތައް ދިރުވައި އާލާކުރާން ވެއްޖެއެވެ. މުޖުތަމަޢުގެ އެންމެހައި އަފްރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކުރާ ނުބައި ކަންކަން މަނާކުރާ ބަޔަކަށް ވާން ވެއްޖެއެވެ. ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުމެވެ.
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ފިކުރީ ހަނގުރާމައިގެ ނުރައްކަލުން، އަޅަމެންގެ މުޖުތަމަޢު ރައްކާތެރިކުރައްވާނދޭވެ! އަޅަމެންގެ ދަރީން އިސްލާމީ ރިވެތި މަންހަޖުގައި ތަރުބިޔަތުކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! ދީނާ ދުރު އާދަކާދަތައް މި ދީބުން ނެތިކުރައްވައި، އިބަރަސްކަލާނގެ ރުއްސަވާ އެންމެހައި ކަމެއް ޤާއިމުކުރައްވާނދޭވެ! ހެޔޮކަންކަމަށް އަމުރުކުރާ، ނުބައިކަންކަން މަނާކުރާ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ! އާމީން!
ޚުޠުބާ: ޢަޤީދާއަށް ދެމުން އަންނަ ޙަމަލާތަކަށް ހޭލުންތެރިކުރުވައި މުޖުތަމަޢު ރައްކައުތެރިކުރުވުމަކީ އެންމެންގެ ޒިންމާއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ