ގެލެކްސީއާއި ޕިކްސެލްގެ ވާދަވެރިކަން ޒުވާބަކަށް
އެންޑްރޮއިޑް ސްމާޓްފޯނުތަކުގެ ދުނިޔޭގައި ގޫގުލް ޕިކްސެލާއި ސެމްސަންގް ގެލެކްސީއާ ދެމެދު އޮތް ވާދަވެރިކަން ބޮޑު ޒުވާބަކަށް ބަދަލުވެއްޖެއެވެ. ޒަމާނުއްސުރެ އެންޑްރޮއިޑްގެ ރަސްގެފާނުގެ މަގާމު ދެމެހެއްޓި ސެމްސަންގްގެ ވެރިކަމަށް ގޫގުލްއިން ވަނީ ޕިކްސެލް 10އާ އެކު ގޮންޖެހުމެއް ކުރިމަތިކުރުވާފައެވެ. އެންޑްރޮއިޑް އޮތޯރިޓީގެ ރިޕޯޓަކުން ދައްކާ ގޮތުގައި، މި ދެ ފޯނުގެ ކުރިމަތިލުމަކީ ހަމައެކަނި ސްޕެކްސްތަކުގެ އަޅާކިޔުމެއް ނޫނެވެ. މިއީ އެންޑްރޮއިޑްގެ މުސްތަގުބަލު ކަނޑައަޅާނެ ކަމެކެވެ. މި ޒުވާބުގެ އެންމެ ފާޅުކަން ބޮޑު އެއް މައިދާނަކީ ބެޓެރީއާއި ޑިސްޕްލޭއެވެ. ޕިކްސެލް 10 ގައި ގާތްގަނޑަކަށް 4,970 މިލީއެމްޕިއާގެ ބޮޑު ބެޓެރީއެއް ހިމެނޭއިރު، ގެލެކްސީ އެސް25 ގައި ހިމެނެނީ އެއަށްވުރެ ކުޑަ، 4,000 މިލީއެމްޕިއާގެ ބެޓެރީއެކެވެ. މީގެ އިތުރުން، ޕިކްސެލް 10 ޕްރޯގެ ޑިސްޕްލޭގެ އަލިކަން 3300 ނިޓްސްއަށް އަރާއިރު، ގެލެކްސީ އެސް25 ގެ ޑިސްޕްލޭގެ އިންތިހާއަކީ 2,600 ނިޓްސްއެވެ. މިއީ ސީދާ ގޮތެއްގައި ގޫގުލްއިން ސެމްސަންގަށް ދީފައިވާ ވަރުގަދަ ރައްދެކެވެ. ޕާފޯމަންސްގެ ދާއިރާއަށް ބަލާއިރު، ސެމްސަންގުން އެ ކުންފުނީގެ އިތުބާރު ހުރި "ސްނެޕްޑްރެގަން 8 އެލިޓް" ޗިޕް ބޭނުންކުރާއިރު، ގޫގުލްއިން ވަނީ އަމިއްލަ "ޓެންސަރު ޖީ5" ޗިޕަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަކީ މި ދެ ފޯނުގެ ވެސް ހިތްކަމަށްވާއިރު، ޕިކްސެލް 10 ޕްރޯގައި 16ޖީބީ ރެމް ހިމެނުމަކީ އޭއައިގެ މަސައްކަތްތަކުގައި ގެލެކްސީއަށް ވުރެ ކުރި ހޯދަން ލިބޭނެ އިތުރު ބާރެކެވެ. ފޯނުގެ ބޭރުފުށާއި އަތަށް ފަސޭހަކަމަކީ މި ޒުވާބުގައި ދެ ފިކުރެއް އުފެދިފައިވާ ކަމެކެވެ. ލުއި، ހިމަ އަދި ކުޑަ ފޯނަކަށް ލޯބިކުރާ މީހަކަށް ސެމްސަންގް ގަލެކްސީ އެސް25 އަކީ ރަނގަޅު އިޚުތިޔާރަކަށް ވާއިރު، އެއާ ޚިލާފަށް ޕިކްސެލް 10 އަކީ އެއަށްވުރެ ބަރު އަދި ބޮޑު ޑިވައިސްއަކަށް ޝައުގުވެރިވާ މީހުންނަށް އަމާޒުކޮށްފައިވާ ފޯނެކެވެ. އެންމެ ފަހު ނިންމުމަކަށް ބަލާއިރު، މި ޒުވާބުގައި މޮޅުވީ ކޮން ފަރާތެއްތޯ ކަނޑައެޅުން ދަތި ނަމަވެސް، ގޫގުލްއިން ވަނީ ސެމްސަންގުން ދިފާއުކުރަމުން އަންނަ ވެރިކަމަށް ސީރިއަސް ގޮންޖެހުމެއް ކުރިމަތިކުރުވާފައެވެ. ދެ ފޯނު "ޕިކްސެލް 10 އާއި އެސް 25" ބާޒާރަށް ނެރޭނީ އަންނަ އަހަރުގެ ތެރޭގައި ކަމަށްވާއިރު، އެންމެ ފަހުގެ ނިންމުން ނިންމާނީ ބޭނުންކުރާ ފަރާތްތަކުން އެ މީހުންނަށް އެންމެ މުހިންމީ ކޮން ކަމެއްތޯ ބެލުމަށް ފަހެވެ. ބޮޑު ބެޓެރީއަކާއި، އަލިގަދަ ޑިސްޕްލޭއަކާ އެކު ގޫގުލްގެ ސާފު ތަޖުރިބާއެއް ބޭނުންނަމަ ޕިކްސެލް 10 އަކީ އެންމެ ރަނގަޅު އިޚުތިޔާރަށް ވެދާނެއެވެ. ނަމަވެސް، ލުއި، ހިމަ އަދި އިތުބާރު ހުރި ޕަފޯމަންސްއަކަށް އިސްކަންދޭނަމަ، ސެމްސަންގް ގަލެކްސީ އެސް25 އިން މާޔޫސްކޮށްނުލާނެއެވެ. ކޮންމެ ގޮތެއްވިޔަސް، މި ވަރުގަދަ ވާދަވެރިކަމުގެ ސަބަބުން ދެ ކުންފުނިން ވެސް އިތުރަށް އީޖާދީވުމަށް މަޖުބޫރުވެ، އޭގެ ފައިދާ އެންމެ ފަހުން ލިބޭނީ ކަސްޓަމަރުންނަށްކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ