ގޫގުލް ފޮޓޯސްއިން އަޑުން ކޮމާންޑް ދީގެން ފޮޓޯ އެޑިޓްކުރެވޭ ފީޗާއެއް
ޓެކްނޮލޮޖީގެ ދުނިޔެއަށް މަޝްހޫރު ގޫގުލްއިން އެ ކުންފުނީގެ ފޮޓޯ އެޕްލިކޭޝަން، ގޫގުލް ފޮޓޯސްގައި އަޑުން ކޮމާންޑް ދިނުމުން ފޮޓޯ އެޑިޓްކުރެވޭނެ ގޮތް ހަދައިފިއެވެ. ގޫގުލް ފޮޓޯސް އެޕަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އާ ގާބިލުކަމެއް ތައާރަފުކޮށްފައިވާއިރު، ބުދަ ދުވަހު ބޭއްވި "މޭޑް ބައި ގޫގުލް" އިވެންޓުގައި އިއުލާންކުރި މި ފީޗާގެ އެހީގައި، ޔޫޒަރުންނަށް އާދައިގެ ބަހުރުވައިން، އަޑުން ކޮމާންޑް ދީގެން ފޮޓޯތަކަށް އޮޓޮމެޓިކުން ބަދަލު ގެނެވޭނެއެވެ. މި ޚިދުމަތް އެންމެ ފުރަތަމަ ލިބެން ފަށާނީ އެމެރިކާގައި އަލަށް ނެރުނު ގޫގުލް ޕިކްސެލް 10 ސީރީޒްގެ ފޯނުތަކަށެވެ. މި އާ ގާބިލުކަމުގެ ދަށުން ގޫގުލް ފޮޓޯސްއިން ބޭނުންކުރާނީ އެ ކުންފުނީގެ އޭއައި އެސިސްޓެންޓް، "ޖެމިނައި"އެވެ. ޔޫޒަރުން ދޭ ކޮމާންޑުތައް ދެނެގަނެ، މެނުއަލްކޮށް އެއްވެސް ޓޫލްއެއް ނެގުމެއް ނުވަތަ ސެޓިންސްއެއް ހެދުމެއް ނެތި، ބޭނުންވާ އެޑިޓްތައް އެޕްލިކޭޝަނުން އަމިއްލައަށް ކޮށްދޭނެއެވެ. މިސާލަކަށް، "ފަހަތުގައި ހުރި ކާރުތައް ނަގާލާ" ފަދަ ކޮމާންޑެއް ދިނުމުން، އެކަން ފަސޭހަކަމާ އެކު ކޮށްދޭނެއެވެ. މީގެ އިތުރުން، އެއްފަހަރާ އެތައް އެދުމެއް އެއް ކޮމާންޑެއްގެ ތެރެއިން ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ފޮޓޯގައި ހުރި ކުށްތައް ރަނގަޅުކުރުމުގެ އިތުރުން އުފެއްދުންތެރި ބަދަލުތައް ގެނައުމުގެ ފުރުސަތު ވެސް މި ފީޗާއިން ލިބެއެވެ. އެގޮތުން، ފޮޓޯގެ ބެކްގްރައުންޑް ބަދަލުކުރުމާއި، ފޮޓޯގައި ނެތް ތަކެތި ކަމަށްވާ އަވިއައިނު ނުވަތަ ޕާޓީ ކޮފީ ފަދަ ތަކެތި ފަސޭހައިން އިތުރުކުރެވޭނެއެވެ. ފުރަތަމަ ފަހަރު އޭއައިން އެޑިޓްކޮށްދިނުމަށް ފަހު، އިތުރު ކޮމާންޑުތައް ދީގެން އެ ފޮޓޯ އިތުރަށް ބޭނުންވާ ގޮތަކަށް ރީތިކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. މި ކަންތައްތަކުގެ އިތުރުން، ގޫގުލްއިން ވަނީ އޭއައި ބޭނުންކޮށްގެން އެޑިޓްކުރާ ފޮޓޯތަކާއި، އަސްލު ފޮޓޯތައް ދެނެގަތުމަށްޓަކައި އިންޑަސްޓްރީގެ މިންގަނޑެއް ކަމަށްވާ "ސީ2ޕީއޭ ކޮންޓެންޓް ކްރެޑެންޝަލްސް"ގެ ނިޒާމެއް ޕިކްސެލް ފޯނުތަކުގެ ކެމެރާ އެޕަށް ތައާރަފުކޮށްފައެވެ. މީގެ ސަބަބުން، ފޮޓޯއެއް ނެގި ގޮތާއި އޭއައިގެ އެހީގައި އެއަށް ބަދަލެއް ގެނެސްފައިވޭތޯ އެނގޭނެއެވެ. މި ޚިދުމަތް ވެސް ފުރަތަމަ ޕިކްސެލް 10އަށް ތައާރަފުކުރުމަށް ފަހު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެހެނިހެން އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ވެސް ފުޅާކުރާނެ ކަމަށް ގޫގުލްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ