ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ރީތިފަރު ބަލިކޮށް މީދުއްޕަރުން މުބާރާތުގެ ފުރަތަަމަ މޮޅު ހޯދައިފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މީދުއްޕަރު ކުޅުނު ފުރަތަމަ މެޗުގައި ޖޯލި މޯލްޑިވްސް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ކޯރާ ކޯރާ މޯލްޑިވްސް އަތުން އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. އަދި ރީތިފަރުގެ ފުރަތަމަ މެޗުގައި ކޯރާ ކޯރާ އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ކުޑަފުށި އަތުން ވެސް އެޓީމު ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި މީދުއްޕަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި މީދުއްޕަރުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 10 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 15-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް މީދުއްޕަރުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީދުއްޕަރުގެ ޖަޔަސޫރިޔާ އެެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި މީދުއްޕަރު ކުޅުނު ތިން މެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު އެޓީމު އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ރީތިފަރު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
15 އޮގަސްޓް 2025 އިން 29 އޮގަސްޓް 2025 ގެ ނިޔަލަށް، ރ.މީދޫގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.
މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ގުރޫޕް އޭގައި ޖޯލި މޯލްޑިވްސް، ކޯރާ ކޯރާ މޯލްޑިވްސް، މީދުއްޕަރު، ރީތިފަރު ރިސޯޓްގެ އިތުރުން ކުޑަފުށި ހިމެނޭއިރު، ގުރޫޕް ބީގައި ހިމެނެނީ ރާޔާ، ޖޯލި ބީއިންގ، ހެރިޓެންސް އާރަށް، މާމުނަގައު އަދި ދިގަލި މޯލްޑިވްސް އެވެ
ޖަޔަސޫރިޔާގެ މޮޅު ކުޅުމާއެކު ރީތިފަރު އަތުން މީދުއްޕަރަށް ފަސޭހަ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ