ޗެނަލް13ގެ ބްރޯޑްކާސްޓް ހުއްޓާލަން އެންގީ ނުފޫޒުން ކަމަށް ބެލުމުގެ ޖާގަ އެބައޮތް: އެމްޖޭއޭ
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނިކޮށް، ޗެނަލް 13އިގެ ބްރޯޑްކާސްޓު ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް)އިން އެންގީ ނުފޫޒެއްގެ ތެރެއިން ވަކި މަގުސަދެއް ހާސިލުކުރަން ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން މިއަދު ބުނެފިއެވެ. ރޭގެ ވަކި ވަގުތެއްގައި ޗެނަލް 13އިގެ ބްރޯޑްކާސްޓުކުރުން ހުއްޓަން ބްރޯޑްކޮމްއިން ވަނީ އަންގާފައެވެ. އެހެންވެ، އެކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެމްޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ބްރޯޑްކޮމްއިން އަމިއްލައަށް ބަލަން ފެށި އެ މައްސަލަ މި މަހުގެ 11ގައި ނިންމި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އޭގެ ފަހުން، ރޭގެ 08:00އިން 09:00އަށް ބްރޯޑްކާސްޓު ހުއްޓާލަން އެންގިއިރުގައި ރޭ ޕީއެންއެފްގެ ޖަލްސާއެއް ވަގުތުން ދައްކަން ނިންމާފައި އޮތްކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. އެމްޖޭއޭގެ މެންބަރުންތަކެއް --- ސަން ފޮޓޯ/ އަމަން ލަތީފް އެ ކަމާ ގުޅޭގޮތުން އެމްޖޭއޭއިން ވަނީ ބްރޯޑްކޮމްއާ ސުވާލުކޮށްފައެވެ. އެ ކޮމިޝަނާ ހަވާލާދީ އެ ޖަމިއްޔާއިން ބުނީ، މައްސަލަ ނިންމިއިރު ޗެނަލް 13އިން ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ވަގުތުން ދައްކަން ނިންމާފައި އޮތް ކަމެއް ނޭނގޭ ކަަމަށާއި ޖަލްސާ އޮތް ރެއާއި ކޮމިޝަންގެ އެންގުމާ ދިމާވީ އިއްތިފާގުން ކަމަށެވެ. ނަމަވެސް، މައްސަލައިގެ ތާރީޚުތަކަށް ބަލާއިރު، ޕީއެންއެފްގެ އެއްވުން ވަގުތުން ދައްކަން ތާވަލުކޮށްފައިވަނިކޮށް، އެ ވަގުތާ ދިމާވާ ގޮތަށް އެ ޗެނަލްގެ ބްރޯޑްކާސްޓް ހުއްޓާލަން ބްރޯޑްކޮމްއިން އެންގި އެންގުމަކީ ވަކި މަގުސަދެއް ހާސިލުކުރަން ނުފޫޒެއްގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. ބްރޯޑްކޮމްއާ ހަވާލާދީ އިތުރަށް އެ ބަޔާނުގައި ވަނީ މިއީ ޗެނަލެއްގެ ބްރޯޑްކާސްޓުކުރުން ހުއްޓާލަން މި ފަހުން އެންގި ފުރަތަމަ ފަހަރު ކަމަށެވެ. މީގެ އިތުރުން، އެފަދަ ހަރުކަށި ފިޔަވަޅެއް ޗެނަލެއްގެ މައްޗަށް އަޅަން ކޮމިޝަނުން ނިންމީ ވަކި ހަރަކާތެއް ދެއްކުމަށް ޗެނަލުން ތައްޔާރީތައްވަމުން ދަނިކޮށްކަން އެންގެން އޮތްއިރު، މިއީ ބިރުދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތްކަމަށް ފާހަގަވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ. https://x.com/sunbrk/status/1958580276361134113/photo/1 ނޫސްވެރިންގެ ޖަމިއްޔާއިން ބުނީ، މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަންތަކުން އަމިއްލައަށް އިސްނަގައިގެން މީޑިއާތަކުގެ މައްސަލަތައް ބެލުމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށާއި އެފަދަ އިދާރާތަކުން މައްސަލަތައް ބަލަން ޖެހޭނީ ކޮމިޝަނަށް ލިބޭ ޝަކުވާތަކަށް އެކަނި ކަމަށެވެ. ސޫމޯޓޯ އުސޫލުން މައްސަލަ ބަލާ ނަމަ އިންސާފުގެ ހަމައިން ބޭރުވެވި ނާޖާއިޒު ނުފޫޒަށް ޖާގަ ލިބެއެވެ. އަދި މި މައްސަލަ ބްރޯޑްކޮމްއިން ބެލުމުގައި ވެސް އާންމުކޮށް ހުޅުވާލައިގެން ދެފުށް ފެންނަ ގޮތެއްގައި މައްސަލަ ބަލާފައި ނުވާކަން ފާހަގަކުރެވޭތީ ބްރޯޑްކޮމްގެ މި ފިޔަވަޅު މި ޖަމިއްޔާއިން ކުށްވެރިކުރަމެވެ، އެމްޖޭއޭގެ ބަޔާން ހުޅުވާލެވިގެން ބާއްވާ އަޑުއެހުންތަކެއްގައި ދެ ފުށް ފެންނަ އުސޫލަކުން މީޑިއާތަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ނުފޫޒުން އެއްކިބާވެގެން ބެލުމަށް އެ ޖަމިއްޔާއިން ވަނީ ބްރޯޑްކޮމްއަށް ގޮވާލާފައެވެ. ބްރޯޑްކޮމްގެ އެ އަމަލުގެ ސަބަބުން އެނގެނީ ސަރުކާރުގެ ނުފޫޒު އޮންނަ ގޮތަށް ސެލްފް ރެގިއުލޭޓަރީ އުސޫލުން ބޭރު މެކޭނިޒަމްއަކުން މީޑިއާ ރެގިއުލޭޓްކުރާ ނަމަ، އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތަށް ހުރަސްތަކާއި ނުރައްކާތައް ކުރިމަތިވާކަން ކަމަށް އެމްޖޭއޭއިން ބުނެއެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ބައްދަލުވުމެއްގައި: އެ ކޮމިޝަނުން ވަނީ ޗެނަލް13ގެ ބްރޮޑްކާސްޓް ރޭގެ ވަކި ވަގުތެއްގައި ހުއްޓާލަން އަންގާފައި -- ފޮޓޯ/ ބްރޯޑްކޮމް އެހެންވެ، މިހާރު މަޖިލީހަށް ވައްދާފައިވާ 'ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާ ބިލް' ފާސްވެއްޖެ ނަމަ މީޑިއާތަކާއި ނޫސްތައް ބަންދުކުރުމާއި ނޫސްތަކުގެ ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ނުރައްކާތެރި ސަގާފަތެއް ފެށޭނެ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރެއެވެ. އަދި، އެމްޖޭއޭއިން ވަނީ އެ ބިލު އަނބުރާ ގެންދަން ގޮވާލާފައެވެ. https://sun.mv/210262 ފާހަގަކުރެވޭ ގޮތުގައި، ރޭ ޗެނަލް 13ގެ ބްރޯޑްކާސްޓު މެދުކަނޑާލަން އެންގި ނަމަވެސް، ރޭގެ އެ ވަގުތުގައި ޗެނަލް13އިން ވަނީ ލައިވް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ރޭ އެ ޗެނަލުން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ، ޕީއެންއެފްގެ ޖަލްސާއަށް ވަމުންދިޔަ ތައްޔާރީތައް ވަގުތުން ބްރޯޑްކާސްޓުކުރަމުންނެވެ. ޗެނަލް13 އަކީ ސިޔާސީ ކޮންޓެންޓު ގެނެސްދޭ ޗެނަލެކެވެ. ޔާމީންގެ ފިކުރުތައް ޕްރޮމޯޓުކޮށްދޭ މި ޗެނަލާ މެދު މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ބްރޯޑްކޮމް މެދުވެރިކޮށް ފިޔަވަޅު އަޅައި، ބައެއް ޕްރޮގްރާމްތައް ހުއްޓުވައި، ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ