ޚިޔާނާތުގެ ތުހުމަތުގައި ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ މިއަދު ހައްޔަރު ކޮށްފި އެވެ.
އެންމެ ފަހުން ލަންކާގެ ރައީސްގެ މަގާމު ފުރުއްވި ރަނިލް ހައްޔަރު ކުރި 2023 ވަނަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކަށް ދައުލަތުން ހަރަދު ކުރެއްވުމާއި ގުޅިގެންނެވެ. ބޮޑު ޓީމަކާއެކު ރަނިލް ކުރެއްވި މި ދަތުރުފުޅަކީ ދައުލަތުގެ ރަސްމީ އެއްވެސް ކަމެއް ނެތް ދަތުރުފުޅެއް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމަކަށް ރަނިލް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމަށާ ނަމަވެސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ ރަނިލްގެ އަނބިކަނބަލުންނާއި އެކު ކުރެއްވި އަމިއްލަފުޅު ދަތުރުފުޅެއް ކަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
ރަނިލް ހައްޔަރުކޮށްފައި ވަނީ އެ ދަތުރުފުޅާއި ގުޅިގެން ހިންގާ ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރުމަށް ފަހު އެވެ. 
ލަންކާގައި އެންމެ ގިނަ ފަހަރު މަތީން ބޮޑުވަޒީރުކަން ކުރެއްވި އަދި ލަންކާއަށް މި ފަހުން ކުރިމަތިވި އިގްތިސާދީ އެންމެ ދަތި ހާލަތުގައި ގައުމާއި ހަވާލުވެވަޑައިގެން މުހިންމު ފިޔަވަޅުތަކެއް އެޅުއްވި ރަނިލްގެ މައްޗަށް އޮތީ ހިޔާނާތުގެ ތުހުމަތެވެ.
ރަނިލް ހައްޔަރު ކުރުމާއި ގުޅިގެން އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
ލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުރާމަ ޑިސެނަޔަކަ ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ޚިޔާނަތްތައް ބެލުމަށާއި އަދި ޚިޔާނާތް ހިންގުމަށް ހުރި ހުރިހާ މަގެއް ބަންދު ކުރައްވާނެ ކަމުގެ ވައުދާ އެކު އެވެ. އެ ވައުދާއި އެއްގޮތަށް ލަންކާގެ ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް މުހިންމު ބައެއް ފިޔަވަޅުތައް ޑިސެނަޔަކަ ގެންދަވަނީ އަޅުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ