ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (އުތީމު ބޮޑުތަކުރުފާނު)ގެ ލޭ ށ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހިތްތަކުގައި ވެސް ހިނގާނެކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އިއްޔެ ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ށ.އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަކީ އަތޮޅު ކައުންސިލުން ރާވާ އިންތިޒާމް ކުރި ކަމެކެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ބީލަން ކާމިޔާބުކޮށްގެން މިއަހަރު ށ.އަތޮޅުގައި އަތޮޅުފެންވަރުގައި މި ދުވަސް ފާހަގަކުރުމަށް ހޮވުނީ ބިލެތްފައްސެވެ.
އިއްޔެ ބިލެތްފަހީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ށ.އަތޮޅުގެ ގިނަ ރަށްތައް ބޭނުންކުރަށްވާފައިވާކަމަށް ވިދާޅުވެފައެވެ.
''އޭގެ ތެރެއިން ފާހަގަކޮށްލާނަން ތަކުރުފާނުން ގެންގުޅުއްވި ދުވެލިބާރު ކަޅުއޮއްފުއްމި ދިޔަ މަގު، މަތި ކޮމަންޑޫ އަދި ދަށުކޮމަންޑޫ މި ދޭތެރެ، ކަޅުއޮއްފުންމި ދުއްވުމަށް ބޭނުންކުރުމަށްފަހުގައި ބޭނުންކުރި ރިޔާ ފެނު ލުމަށްފަހުގައި، މަރޮށީ ކާނިގަސް، މިހާރު އެހެރަ ކާނި ގަހަކީ، އެއިރު ޖަހާފައިހުރި ކަޑައެއް ގޮތުގައި ފާހަގަކުރެވޭ، އެހެންކަމަށްވާއިރު އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަގަނޑުމެން، ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ތަކުރުފާނުގެ ލޭ ހިނގާނެ ވާހަކަ'' ށ.އަތޮޅާއި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާއި އޮތް ގުޅުން ސިފަކޮށްދެއްވަމުން ޝިޔާމް ވިދާޅުވެފައެވެ.
ޝިޔާމް އިތުރަށްދެއްކެވި ވާހަކާގައި ށ. އަތޮޅު ކައުންސިލްގެ މަސައްކަތްތަކާއި ގުޅިގެން ވިދާޅުވީ، ށ. އަތޮޅު ކައުންސިލަކީ، އެވޯޑެއް ދޭނަމަ އެންމެފުރަތަމަ އެވޯޑެެއް ލިބޭ ކައުންސިލަކަށްވާނެ ކަމަށެވެ. އަދި ކަންގަތި އެވޯޑުތަކުން އަތޮޅު ކައުންސިލްގެ ރެކްތައް ފުރިފައިވާ ކަމަށާއި، އޭގެ މާނައަކީ ށ.އަތޮޅުގެ ކަންތައް ކުރާގޮތް ވަރަށް ފުރިހަމަވުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ކުރިން ތިއްބެވި ވެރިން ވެސް ކަންކަންކޮށްދެއްވާފައި ހުރީ ވަރަށް ފުރިހަމައަށް ކަމަށާއި، މިހާރުގެ ކައުންސިލުން ދަމަހައްޓަމުން އަންނަނީ އެ ނަމޫނާކަމަށް ޝިޔާމް ވިދާޅުވިއެވެ.
''ށ.އަތޮޅު ކައުންސިލުން ޤައުމީ ދުވަހެއް މިގޮތަށް ފާހަގަކުރަން ނިންމީ ވެސް ހަގީގަތުގައި އަތޮޅު ލެވެލްގައި، އަތޮޅު ރައްޔިތުންގެ ކިބާގައި އެއްބައިވަންތަކަމާއި، އެކުވެރިކަން އަށަގެންނެވުމުގެ ބޭނުމުގައި، އޭގެ މިސާލު ބާއްވާ ކޮންމެ މުބާރާތަކުން، އިވެންޓަކުން ފެނިގެންދޭ، މެމްބަރުން މުވައްޒަފުންގެ މަސައްކަތް ފާހަގަކުރަން،'' ޝިޔާމް ވިދާޅުވެފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ