ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަން ފަށައިފި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާންތައް މިއަދު އާންމު ކުރަން ފަށައިފި އެވެ.
މަޖިލީހުގައި 93 މެންބަރުން ތިބޭއިރު މިހާތަނަށް 24 މެންބަރެއްގެ ބަޔާން ވަނީ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑުކޮށްފަ އެވެ. އެހެން މެންބަރުންގެ ބަޔާންތައް ވެސް އަޕްލޯޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
އެކަމަކު، މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅި މެންބަރުންނާއި ހުށަނާޅާ މެންބަރުންގެ ލިސްޓެއް މިވަގުތު ދެވެން ނެތް ކަމަށް އެ އިދާރާއިން ބުންޏެވެ. އެހެންކަމުން، މަޖިލިސް ވެބްސައިޓުން މާލީ ބަޔާން ފެންނަން ނެތީ އެ ބަޔާން ހުށަނާޅާތީ ކަމެއް ނުވަތަ އަޕްލޯޑު ނުކުރެވޭތީ ކަމެއް އަދި ނޭނގެ އެވެ.
މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، ހަމަޖެއްސީ އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ނިންމީ ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ.
މަޖިލީހުގެ ވެބްސައިޓަށް މިވަގުތު އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު، ބަޔާންތައް ފަރުމާކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ފެނެ އެވެ. ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.
އޭގެ އިތުރުން، އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަންޖެހެ އެވެ.
މިހާތަނަށް އަޕްލޯޑުކޮށްފައިވާ ބަޔާންތަކަށް ބަލާއިރު އާދަޔާ ހިލާފު މުއްސަނދިކަމެއް ލިބިފައިވާ އެއްވެސް މެންބަރަކު ފާހަގައެއް ނުވެ އެވެ. އެއާ ހިލާފަށް، ގިނަ އަދަދެއްގެ މެންބަރުންގެ ބޭންކު އެކައުންޓުގައި ހުރީ ނިސްބަތުން މަދު ފައިސާއެއްކަން އެނގެ އެވެ. އަދި ގިނަ މެންބަރުން ބޮޑެތި އަދަދުތަކުން ލޯނު ނަގާފައިވާކަން ފާހަގަ ކުރެވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމު ކުރަމުން އަންނައިރު، ސަރުކާރުގެ ވެރިންގެ މާލީ ބަޔާނެއް މިހާތަނަށް ވެސް އާންމެއް ނުކުރެ އެވެ. ސަރުކާރުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރުން ގާނޫނަކުން ލާޒިމު ނުކުރި ނަމަވެސް މިދިޔަ ސަރުކާރުގައި ވެރިންގެ މާލީ ބަޔާންތައް ވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ