ގައުމީ އާޓް ގެލެރީގައި މިދިޔަ މަހުގެ 21 އިން 26 އަށް ކުރިއަށްދިޔައީ ވަރަށް ތަފާތު އަދި ރާއްޖޭގެ ގައުމީ އާޓް ގެލެރީއިން މީގެ ކުރިން ފެނިފައި ނުވާ ފަދަ އުފެއްދުންތެރި މައުރަޒެކެވެ. އެއީ އާޓިސްޓު އާމިނަތު ސުލްތާނާ (ދޮނާ)ގެ ފުރަތަމަ އަމިއްލަ މައުރަޒު 'އަލި' އެވެ.
'އަލި' އަކީ ލޭޒާ އަލި ފަށަލަ އާއި ކުދި ޕާޓިކަލްތަކާ އެކު ކުރާ މުއާމަލާތްތަކުގެ ޒަރިއްޔާއިން ވަގުތީ މަންޒަރުތަކެއް ދައްކައިދިން 'ލައިޓް އިންސްޓޮލޭޝަން' އެކެވެ. އެއީ އަޑާއި ހަރަކާތަށް އެ ލޭޒާގެ އަލި ވަގުތުން ބަދަލުވެ، އެކި ވައްތަރުގެ ބައްޓަންތަކާއި ސިފަތައް ދައްކުވައިދީ ހިއްސުތަކާ ކުޅެލާ ތަޖުރިބާއެއް ގެނެސްދިން 'އިމާސިވް' މަސައްކަތެކެވެ.
ސުލްތާނާގެ މަސައްކަތް މި މައުރަޒުގައި ދައްކާލައިފައި ވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. މައުރަޒުގެ އެއް ފަރާތުގައި އަލީގެ ދޯދިތަކެއް އެކި ކުލަކުލައަށް ބަދަލުވަމުންދިޔަ އެވެ. އަދި ގެލެރީ މެދުގައި މި މައުރަޒުގެ މައިގަނޑު ކޮންސެޕްޓު ދައްކުވައިދޭ ހުށަހެޅުމެއް ދައްކާލި އެވެ. ކޮންމެ ދިހަ މިނެޓަކުން 3ޑީ ބައްޓަންތަކެއް ބަދަލުވަމުން އުފެދެމުން އަންނަ މަންޒަރު ލޭޒާ އަލިން ދައްކާލި އެވެ.
ސުލްތާނާ ބުނިގޮތުގައި މި އިންސްޓޮލޭޝަންގައި ބޭނުންކުރީ ދުނިޔޭގެ އެހެން ގައުމުތަކުގައި އާ ޓެކްނީކްތަކެއް ނޫނެވެ. މީގެ ކުރިން އޭނާ ވެސް ވަނީ އެކި މައުރަޒުތަކަށް މި ޓެކްނީކްތައް ބޭނުން ކޮށްފަ އެވެ. އަދި މިފަދަ ކަމެއް ރާއްޖެއަށް ތައާރަފްކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާއަށް ފެނުނެވެ. ވަކިން ހާއްސަކޮށް ގައުމީ އާޓް ގެލެރީގައި މި އުފެއްދުންތައް ދައްކާލަން ބޭނުންވި ކަމަށް ސުލްތާނާ ބުންޏެވެ.
ފާއިތުވި އަހަރުތަކުގައި ސުލްތާނާ ވަނީ ލަންޑަންގެ މަޝްހޫރު ފަންނާނުންނާއި އުފެއްދުންތެރި ގްރޫޕްތަކާ ގުޅިގެން ލޭޒާ މެޕިން، ޕްރޮޑަކްޝަން ޑިޒައިން އަދި 'ޑޭޓާ ޑްރިވެން އާޓް' ބޭނުންކޮށްގެން ހިތްގައިމު މަންޒަރުތަކެއް އުފައްދައިފަ އެވެ. އަދި ދާދި ފަހުން ލަންޑަންގެ މޭފެއާގެ ފިލިޕްސް ގެލެރީއާ ގުޅިގެން ހައުސް އޮފް ފައިން އާޓްސް އިން ބޭއްވި ޑިޖިޓަލް އެވޯޑްސް ޝޯގައި އޭނާގެ ލޭޒާ ޕާފޯމަންސްއެއް ދައްކާލި އެވެ.
ސުލްތާނާ އިނގިރޭސިވިލާތުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެ އަދި މަސައްކަތް ކުރުމަށް ފަހު ރާއްޖެ އެނބުރި އައިސް ދައްކާލި އަލި އިންސްޓޮލޭޝަންއިން އޭނާގެ ކުޑައިރުގެ ހަނދާންތަކެއް ވެސް ރަމްޒުކޮށްދެ އެވެ.
"އަހަރެން ކުޑައިރު އަހަރެމެންގެ ގޭތެރޭގައި އޮންނަ 'ހޯލްވޭ' ގޯޅިއާ ދިމާލުން ޓިނު ފުރާޅުގައި ޖަހާފައި ހުންނަ އިސްކޫރުތަކުގެ ސަބަބުން ހެދިފައި ހުންނަ ކުދި ލޯވަޅުތަކުން އަލީގެ ހިމަ ދޯދިތަކެއް އެޅިފައި ހުންނަ ހަނދާންވޭ"، އޭނާ ކިޔައިދިނެވެ. "އަހަރެންނަށް އެ ދޯދިތަކާ ކުޅެން ހުރެވިދާނެ ކިތަންމެ އިރެއް ވަންދެން ވެސް. އެއީ އަހަންނަށް ކުޅޭ އެއްޗެއް ފަދަ."
ގޭގެ ފުރާޅުމަތީގައި އަލި ބަދަލުވެ ބައްޓަންވާ ގޮތް ބަލަން އެތައް ގަޑިއިރަކު ހުންނަކަން ވެސް އޭނާ ކިޔައިދިނެވެ. އެ ޝައުގުވެރިކަން ވެގެން ދިޔައީ ސުލްތާނާއަށް ވަރަށް ފޮނި ހަނދާނަކަށެވެ.
ދެން ނޫސްވެރިކަމުގެ ދާއިރާއިން އޭނާގެ ކެރިއަރު ފެއްޓި އެވެ. ވެބްސައިޓްތަކާއި ޑިޖިޓަލް ކޮންޓެންޓް ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުން ސުލްތާނާ އިސާހިތަކު 'ވިޝުއަލް އެކްސްޕެރިމެންޓް'އަށް ޝައުގުވެރިވި އެވެ. އަދި އަލި ކޮންޓްރޯލް ކުރެވޭނެ ސޮފްޓްވެއާއެއް ހޯދަން ފެށި އެވެ.
"ފެނުނީ އިންސްޓޮލޭޝަންއަށް 'އޯޕަން ސޯސް ޕެޗް'ތަކެއް ހިއްސާ ކުރާ އާޓިސްޓެއްގެ ބްލޮގެއް. ދެން މަޑުމަޑުން ދަސްކުރަމުން އަމިއްލައަށް އުފައްދަން ފެށީ،" އޭނާ ބުންޏެވެ.
ލޭޒާ މެޕިން ބޭނުންކޮށްގެން ގައުމީ އާޓް ގެލެރީގައި ދައްކާލި ފުރަތަމަ މައުރަޒަށް ވުމުން ސުލްތާނާ އެންމެ ބޮޑަށް ބަލަން ބޭނުންވީ އާއްމުން މި މައުރަޒާ މެދު ދެކޭ ގޮތެވެ.
'އަލި' މައުރަޒު ކުރިއަށްދިޔަ ކުރު މުއްދަތުގެ ތެރޭގައި އެ މައުރަޒު ބަލަން ދިޔަ ކޮންމެ މީހަކަށް ވެސް ތަޖުރިބާ ކުރެވުނީ ވަރަށް ތަފާތު އާޓް ސްޓައިލްއެކެވެ. މައުރަޒުގައި ދައްކާލީ މާލޭގެ ހަލަބޮލިކަމުން ދުރުވެ ހަމަހިމޭންކަމަށް ދައުވަތުދިން ހިތްގައިމު މަންޒަރުތަކެކެވެ. އެންމެ ދިހަ މިނެޓަށް އެ މީހެއްގެ ކަންބޮޑުވުންތަކުން ދުރަށްޖެހިލައި ލުއިކަމެއް އިހުސާސުކޮށްލަން ހިތްވަރުދިން މަސައްކަތެކެވެ.
ސުލްތާނާ ދައްކައިދިނީ ހަމައެކަނި އޭނާގެ ހަނދާންތަކެއް ނޫނެވެ. އެއީ ޓިނު ފުރާޅު އެޅި ގޭގޭގައި ބޮޑުވި ކޮންމެ މީހެއްގެ ވެސް ކުޑަ އެކަމަކު މުހިއްމު ހަނދާނެއް އާ ކޮށްދޭ ތަޖުރިބާއެކެވެ.
ޒަމާނީ އާޓްގެ އެންމެ އާ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ 'ލައިޓް އާޓް' އެންމެ ފުރަތަމަ އާއްމުވާން ފެށީ 1960ގެ އަހަރުތަކުގެ ފަހުކޮޅުގަ އެވެ. އެއީ ރޮބަޓް އާވިން އާއި ޖޭމްސް ޓުރެލް ފަދަ އުފެއްދުންތެރިންގެ ސަބަބުންނެވެ. މިކަހަލަ ޒަމާނީ އާޓް މީޑިއަމްއެއް މިހާރު ރާއްޖެއަށް އައިސްފައި އޮތުމަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ކުޅަދާނަކަން ދައްކުވައިދޭ މުހިއްމު ނިޝާނެކެވެ.
ރާއްޖޭގެ އާޓްސް ދާއިރާ އަދިވެސް އޮތީ ވަރަށް ފަހަތުގަ އެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ކުޅަދާނަ، އުފެއްދުންތެރި ފަންނުވެރިން އެބަތިއްބެވެ. އެ މީހުން އެ ތިބީ ރަނގަޅު ފުރުސަތުތަކަށް ކެތްމަދުވެފަ އެވެ.
'އަލި' - ގައުމީ އާޓް ގެލެރީގައި ބޭއްވި ފުރަތަމަ 'ސްޕޭޝަލް ލައިޓް އިންސްޓޮލޭޝަން' މައުރަޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ