ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރަނީ
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް, ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބާއި އެހެނިހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ބިލު އިތުރަށް ދިރާސާކުރަން ދަންނަވާފައިވާ ކަމަށެވެ."މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު،" ރައީސް ވިދާޅުވި އެވެ.ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައި އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމެނިކަން މިދިޔަ އަހަރު ސަރުކާރުން އިއުލާންކުރި އެވެ. އެކަމަކު، ސަރުކާރުން އޭރު އެންމެ ފަހުގެ ނިންމުން ނިންމައި އެ ބިލް މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވިއިރު މަރުގެ އަދަބު ދިނުމުގެ ބައި ހިމަނައިފައެއް ނެތެވެ.ސަރުކާރުން އޭރު ވިސްނުން ގެންގުޅުނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ރާއްޖޭގައި މަރުގެ އަދަބު ދޭން ނިންމާއިރު، ސިންގަޕޫރުގައި އަމަލުކުރާ މޮޑެލްއާ އެއްގޮތަށް ކުރިއަށް ދިއުމަށް ކަމަށް އެނގިފައި ވެ އެވެ.ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ