ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ސަބްސިޑަރީ ދެ ކުންފުންޏެއްގެ ބޯޑުން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަކި ނުކުރާކަން އެނގިއްޖެ އެވެ.
އެޗްޑީސީ އިން ކުރި ބޮޑެތި ވައްކަންތަކަކާއި ހިންގި ކޮރަޕްޝަންތަކެއް ފަޅާ އެރުމުން ފަޒުލް އިސްތިއުފާ ދެއްވީ ޑިސެމްބަރު 21، 2024، ގަ އެވެ. އެކަމަކު އޭނާއަކީ އަދިވެސް އެޗްޑީސީގެ ދަށުން އުފެއްދި އެޗްޑީސީ އޮފީސް ބިލްޑިންގު އެސްޕީވީ ޕްރައިވެޓް ލިމިޓެޑް އާއި އެޗްޑީސީ ރަސްމާލެ އެސްޕީވީ ޕްރައިވެޓް ލިމިޓެޑުގެ ބޯޑު މެންބަރެކެވެ.
އެޗްޑީސީ އޮފީސް ބިލްޑިންގުގެ ބޯޑަށް ފަޒުލް އައްޔަންކޮށްފައި ވަނީ ޖުލައި، 2024، ގަ އެވެ. އެޗްޑީސީ ރަސްމާލޭގެ ބޯޑަށް އޭނާ އައްޔަން ކުރީ އޯގަސްޓު، 2024، ގަ އެވެ. އެ ދެ ކުންފުނީގެ ވެސް ޝެއާހޯލްޑަރަކީ އެޗްޑީސީ އެވެ.
ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ފަޅާއެރި ފަހުން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ހަރަކާތްތަކާ ދުރުގައި އުޅުމަށްފަހު ފަޒުލް އަނެއްކާ ވެސް ދަނީ ޕާޓީގެ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ. މިފަހުން އޭނާ ވަނީ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ވެސް އައްޔަންކޮށްފަ އެވެ.
އެޗްޑީސީގެ ކޮރަޕްޝަންތައް ފަޅާ އެރީ ޑިސެމްބަރު، 2024، ގަ އެވެ. ކޮރަޕްޝަނާއި ވައްކަންތަކުގެ ތެރޭގައި، ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ހަދައިގެން ބަޔަކަށް ގޯތި ދޫކުރުމާއި އޭގެ ބަދަލުގައި ފައިސާ ނެގުން ހިމެނެ އެވެ. ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ހުސެއިން ފަޒީލް ރަޝީދު ހިމެނެ އެވެ.
އިސްތިއުފާ ދެއްވުމަށްފަހު ފަޒުލް ވަނީ އޭނާއަށް އަމާޒުވެފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަންކަން ހިނގާފައި އޮތް ގޮތް ފަހުން ސާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް ފަޒުލްގެ ފަރާތުން އެކަންކަން ސާފުކޮށްދީފައެއް ނުވެ އެވެ.
"ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމުގައި ދަންނަވަން. އަޅުގަނޑު އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުމެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެން," ފަޒުލްގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވެ އެވެ.
ފަޒުލް ހިންގާ ކޮރަޕްޝަންތަކުގެ ވާހަކަ ރައީސް މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ވަނީ ގެނެސްފަ އެވެ. އެކަމަކު މުއިއްޒަށް އެޑްރެސްކޮށް ޒުހޫރު ރައީސް އޮފީހަށް ފޮނުވި ސިޓީ ލިބިވަޑައިގެންފައިނުވާ ކަމަށް އެމަނިކުފާނު ވަނީ ފަހުން ވިދާޅުވެފަ އެވެ.
އެޗްޑީސީގެ ވައްކަންތައް ތަހުގީގު ކުރުމުގެ ތެރެއިން ފުލުހުން ވަނީ ފަޒުލްގެ ގެ ބަލައި ފާސްކޮށް 1.4 މިލިއަން ރުފިޔާ ގެންގޮސްފަ އެވެ. ނަމަވެސް އެ ފައިސާ ވަނީ ފަހުން ފަޒުލްއާ ހަވާލުކޮށްފަ އެވެ. އެހާ ގިނަ އަދަދެއްގެ ނަގުދު ފައިސާ ގޭގައި ހުރި ސަބަބެއް ފަޒުލް ނުބުނެ އެވެ.
އެޗްޑީސީގެ ސަބްސިޑަރީ ކުންފުނިތަކުގެ ބޯޑުން އަދިވެސް ފަޒުލް ވަކި ނުކުރޭ އެޗްޑީސީގެ ސަބްސިޑަރީ ކުންފުނިތަކުގެ ބޯޑުން އަދިވެސް ފަޒުލް ވަކި ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ