ފައިނުގައި ލައިސެންސް ނެތް ދެ ދަރިވަރުން ދުއްވި ސައިކަލުން ޖެހި ޕްރިންސިޕަލާއި ޓީޗަރަކަށް އަނިޔާވެއްޖެ

ރ. ފައިނުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ފިރިހެނުންނާއި 18 އަހަރު ނުފުރޭ ދެ ކުއްޖަކަށް އަނިޔާތަކެއް ލިބިއްޖެއެވެ. ފައިނުން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެކްސިޑެންޓުވީ، 18 އަހަރު ނުވާ ދެ ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވާފައި ދަނިކޮށް، ކަސްރަތަށް ނުކުމެ ހިނގަން ތިބި ދެ މީހުންގެ ގައިގައި ޖެހިގެންނެވެ. އެ ދެ މީހުންނަކީ ފައިނު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއް ކަމަށް އޭނާ މައުލޫމާތު ދިނެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ދެ ކުދިންނާއި ޓީޗަރަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް މިރޭ ގާތްގަނޑަކަށް 21:30 ހާއިރު ގެންގޮސްފައެވެ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުދިންނާއި މީހުން އުނގޫފާރަށް ގެންދިޔުން -- ފޮޓޯ/ ފައިނު އޮންލައިން "ސަން"އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ މި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާލިބުނީ ހަތަރި ފިރިހެނުންނަށް ކަމަށެވެ. އޭގެ ތެރޭގައިު 18 އަހަރު ނުފުރޭ ދެ ފިރިހެން ކުދީން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. މި ވަގުތު ވެސް އެ ހަތަރު މީހުންނަށް އުނގޫފާރު ހޮސްޕިޓަލުގެ އީއާރުގައި ފަރުވާދެމުންދާ ކަމަށް އޭނާ މައުލޫމާތު ދިނެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް އަދި ނުލިބެއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެ މީހުން ސްޓޭބަލްތޯ ވެސް އަދި ޔަގީނެއް ނޫނެވެ. "ބަލި މީހުންގެ ހާލަތާ ގުޅޭ ސީދާ އަޕްޑޭޓެއް އަދި ނުއެއް ލިބޭ. ސީދާ ފުރާނައަށް ނުރައްކާވާ ލެވެލްއަށް އެ މީހުންގެ ހާލަތު ދިޔަ ކަމަކަށް އަދި އެހެން ދަންނަވާކަށް ނޭނގޭ ޑޮކްޓަރުން ފަރުވާގައި އުޅުއްވާތީ،" އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ