ފޯނާ ނުކުޅޭ ގަޑިތަކުގައި ސްކްރީން ނުފެންނަ ގޮތަށް މޭޒުމަތީގައި ބާއްވަންވީ މިހެންވެ

ތިބާ ރައްޓެއްސަކާއެކު ވަގުތު ހޭދަކުރާއިރު، ތިބާއަށްވުރެ ބޮޑަށް އޭނާ އޭނާގެ ފޯނަށް ސަމާލުކަން ދޭތަން ފެނިފައިވޭ ހެއްޔެވެ؟ ތިބާގެ ކުރިމަތީގައި ރައްޓެއްސަކު އިނދެ، އޭނަ އެކަނި ބަލާ ވީޑިއޯއަކަށް ނުވަތަ މީމްއަކަށް ހޭއިރު، އޭނާ ހީވަނީ އެތައް ހާސް މޭލެއް ދުރުގައި އިންނަހެން ނޫންހެއްޔެވެ؟ މިއީ މިޒަމާނުގައި ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. އެކުގައި ވަގުތު ހޭދަކުރާ މީހާއަށްވުރެ ފޯނުގެ ސްކްރީނަށް ސަމާލުކަން ދިނުމަކީ ގިނަ ބަޔަކަށް ހެދޭ ގޯހެކެވެ. އަވަސް މެސެޖަކަށް ޖަވާބު ދިނުމަކީ ނުވަތަ މަޖާ ވީޑިއޯއެއް ދައްކާލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ގިނަ ފަހަރަށް ފޯނާއެކު ހޭދަކުރެވޭ ވަގުތުތަކަކީ އެހާ ފައިދާހުރި ވަގުތުތަކެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރު ގިނަ މީހުން ޢަމަލުކުރާ އުސޫލަކީ، ފޯނު ބޭނުން ނުކުރާ ވަގުތުތަކުގައި ލޮލަށް ނުފެންނަ ހިސާބެއްގައި ފޯނު ބޭއްވުމެވެ. އަދި ފޯނު އަތުޖެހޭ ހިސާބުގައި ބާއްވަން މަޖުބޫރުވެއްޖެނަމަ، އޭގެ ސްކްރީން ނުފެންނަ ގޮތަށް ތިރިއަށްވާގޮތަށް ބޭއްވުމެވެ. މިކަމުގެ ފުރަތަމަ އަދި އެންމެ ޢަމަލީ އެއް ފައިދާއަކީ ފޯނުގެ ބެޓެރި ސަލާމަތްވުމެވެ. ފޯނު ސްކްރީން ދަށަށް ބާއްވައިފިނަމަ، ކޮންމެ ނޮޓިފިކޭޝަނެއް އަންނަ ފަހަރަކު ސްކްރީން ދިއްލުމުން ސަލާމަތްވެއެވެ. އެންމެ ނޮޓިފިކޭޝަނަކުން ބެޓެރިއަށް ބޮޑު އަސަރެއް ނުކުރި ނަމަވެސް، ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ނޮޓިފިކޭޝަނެއް އައުމަކީ އާންމު ކަމެކެވެ. ޚާއްސަކޮށް ގިނަ ގްރޫޕް ޗެޓްތަކުގައި އުޅޭނަމަ ދުވާލަކު އެތައް ސަތޭކަ ނޮޓިފިކޭޝަނެއް އާދެއެވެ. މި ހުރިހާ ފަހަރަކު ސްކްރީން ދިއްލުމުން ބެޓެރި ހުސްވާ މިންވަރު އަވަސްވެއެވެ. މީގެ އިތުރުން، ފޯނު މޫނުމަތި ތިރިއަށް ބާއްވައިގެން އިންނަ އިނުމަކީ އިޖުތިމާޢީ އަދަބުތަކުގެ ތެރެއިން ހިމެނޭ ރީތި އާދައެކެވެ. މީހަކާ އެކު ވަގުތު ހޭދަކުރާއިރު، ސްކްރީން ފޮރުވާފައި ބޭއްވުމަކީ ތިމާގެ ސަމާލުކަން އެކަމަށް ނެތްކަން ދައްކުވައިދޭ ކަމެކެވެ. އަނދިރި ތަނެއްގައި، މިސާލަކަށް ކެފޭއެއްގައި އިނދެގެން ވާހަކަ ދައްކާއިރު، ކޮންމެ ފަހަރަކު ނޮޓިފިކޭޝަނެއް އައިސް ސްކްރީން ދިއްލުމަކީ ކުރިމަތީގައި އިންނަ މީހާއަށް އުނދަގޫވާނެ ކަމެކެވެ. "ހެޑްސްޕޭސް"ގެ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ މިޝެލް ޑޭވިސް ވިދާޅުވާ ގޮތުގައި، ހަތަރުކަޅި ހަމަކޮށް ވާހަކަދެއްކުމަކީ އެކަކު އަނެކަކުގެ މެދުގައި ގުޅުން ބަދަހިކޮށްދޭ އެންމެ ބާރުގަދަ އެއް ވަސީލަތެވެ. ނިއުރޯސައިންސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ދެމީހަކު ހަތަރުކަޅި ހަމަކޮށް ވާހަކަދެއްކުމުން އެމީހުންގެ ސިކުނޑީގެ ހަރަކާތްތައް އެއް ހަމައަކަށް އެޅި، މުއާސަލާތުކުރުން ފަސޭހަވެ، އެކަކު އަނެކަކަށް ހަމްދަރުދީ ބެހެއްޓުން އިތުރުވެއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ފޯނަށް ސަމާލުކަން ދެވިއްޖެނަމަ، މި ގުޅުން ކެނޑިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ