ދުނިޔޭގެ މާލީ ނިޒާމަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ޑިޖިޓަލް ފައިސާ އާއި ބްލޮކްޗެއިން އިންފްރާސްޓަކްޗަރ މިހާރު ދުނިޔޭގެ މާލީ އިސްތިރާޖީ ރޭވުންތަކުގެ މުހިންމު ބައެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ ސީޑަބްލިއުޔޫ ކްރިޕްޓޯ ޓޯކަންއަކީ ނަޝީދާއި އެހެން ބައެއް ލީޑަރުންގެ ނަން ބޭނުންކޮށްގެން، ބޮޑު އޮޅުވާލުމެއްގެ ތެރެއިން ހިންގާ ސްކޭމެއް ކަމަށް ތުހުމަތުކޮށް ތަޖުރިބާކާރުން ވާހަކަދައްކަމުން ދަނިކޮށެވެ.
ނަޝީދު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ހަމައެކަނި ފައިދާ ހޯދުމުގެ ނިޔަތުގައި ކުރާ އިންވެސްޓްމަންޓްތަކަށްވުރެ ބޮޑަށް، ގަވާއިދުތަކާއި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް އަމާޒު ހިފާފައިވާ ސީރިއަސް މަސައްކަތެއް ކަމަށެވެ.
މި މަޝްރޫޢާ ގުޅޭ މުހިންމު ބައެއް ކަންކަނ ނަޝީދު ވަނީ ތިލަކޮށްދެއްވާފައެވެ. މި މަސައްކަތް ބިނާވެފައިވަނީ މިހާރުވެސް 19 ގައުމަކުން ބަލައިގަނެފައިވާ 'ކޮމަންވެލްތު މޮޑެލް ލޯ އޮން ޑިޖިޓަލް އެސެޓްސް' ގެ މައްޗަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. މި އިސްނެގުމުގައި ކޮމަންވެލްތުގެ 56 ގައުމަކާއި މެދުއިރުމައްޗާއި އުތުރު އެފްރިކާ (އެމްއީއެންއޭ) ސަރަހައްދުގެ ހަތް ގައުމެއް ހިމެނޭ ކަމަށާއި މީގެ މައިގަނޑު ބޭނުމަކީ 2.7 ބިލިއަން މީހުންނަށް އިތުބާރު ހިފޭ ޑިޖިޓަލް އެސެޓް އޮނިގަނޑެއް އެކުލަވައިލުން ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.
އާންމުކޮށް ފެންނަ ކްރިޕްޓޯ މަޝްރޫއުތަކާ ހިލާފަށް، ސީޔޫބީއެން އަކީ އެއްވެސް އައިސީއޯ އެއް ނުވަތަ އާންމުންނަށް ޓޯކަން ވިއްކުމުގެ ހަރަކާތެއް ހިންގާ މަޝްރޫއެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ވަކި ފައިދާއެއް ލިބޭނެކަމުގެ ޔަގީންކަންދޭ ނުވަތަ އާންމުންގެ އަތުން ފައިސާ އެއްކުރާ މޮޑެލްއެއްވެސް ނޫންކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭ މުހިންމު ނިޒާމުތަކުގެ ތެރޭގައި ހިމެނެނީ:
މި މަޝްރޫޢު ކުރިއަށްދަނީ ކުރީގެ ބޮޑުވަޒީރުންނާއި، މާލީ އިދާރާތަކުގެ ރެގިއުލޭޓަރުންނާއި، މަރުކަޒީ ބޭންކުތަކުގެ އިސްވެރިން ހިމެނޭ ބައިނަލްއަގުވާމީ މުޝީރުންގެ ބޯޑެއްގެ އިރުޝާދުގެ ދަށުންކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި އަވަސް ފައިދާއެއް ހޯދުމަށް ދައްކާ ވާހަކައެއް ނޫނެވެ. މިއީ ކޮމަންވެލްތު ގައުމުތަކުގައި ގާނޫނީ ގޮތުން ހުއްދަކުރެވިފައިވާ ޑިޖިޓަލް މާލީ ނިޒާމެއް ބިނާކުރުމަށްޓަކައި ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް ކުރެވޭ ދިގުމުއްދަތުގެ މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދިފާއުގައި ނަޝީދު ވާހަކަދެއްކެވި ނަމަވެސް ޓޯކަން ލޯންޗްކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ބްލޮކްޗެއިންގެ ތަފާސްހިސާބުތަކުން ފެންނަ ވޮލެޓް ކޮންސެންޓްރޭޝަން މައްސަލަތަކާއި، އެޑްވައިޒަރީ ބޯޑުގައި ހިމެނޭ ބައެއް ބޭފުޅުން އެކަން އިންކާރު ކުރުމާ ގުޅިގެން މި މަޝްރޫއުގެ އިތުބާރާމެދު ވަނީ ސުވާލު އުފެދިފައެވެ.
ސްކޭމެއްގެ ތުހުމަތު ކުރެވިފައިވާ ސީޑަބްލިއުޔޫ ކްރިޕްޓޯ ޓޯކަންގެ ދިފާއުގައި ނަޝީދު ނިކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ