"ޕްރޮޖެކްޓް ފްރީޑަމް" އޮޕަރޭޝަން އެމެރިކާއިން މަޑުޖައްސާލައިފި

އީރާނާއެކު ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށްބުނެ، ހޮރްމުޒް ކަނޑުއޮޅީގައި ކުރިއަށްގެންދިޔަ އަސްކަރީ އޮޕަރޭޝަން "ޕްރޮޖެކްޓް ފްރީޑަމް" އެމެރިކާއިން ކުއްލި ގޮތަކަށް މެދުކަނޑާލައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަން އިއުލާންކުރަމުން ބުނީ، މި ނިންމުމަކީ ޕާކިސްތާނާއި އެހެނިހެން މެދުވެރި ގައުމުތަކުގެ އެދުމުގެ މަތިން، ޑިޕްލޮމެޓިކް ހައްލަކަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ރައްކާތެރިކަން ދިނުމަށް މިދިޔަ ހޯމަ ދުވަހު ފެށި މި އޮޕަރޭޝަން އެންމެ ދުވަހެއްގެ ތެރޭގައި ހުއްޓާލާފައިވާއިރު، ޓްރަމްޕް ބުނީ އީރާނާއެކު ކުރެވޭ މަޝްވަރާތަކުގައި "ބޮޑެތި ކުރިއެރުންތަކެއް" ލިބެމުންދާ ކަމަށެވެ. މި ވަގުތު އޮޕަރޭޝަން މަޑުޖައްސާލި ނަމަވެސް، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް (ބްލޮކޭޑް) އެގޮތުގައި ދަމަހައްޓާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބުނި ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" ވެސް މިހާރު ވަނީ ރަސްމީކޮށް ނިންމާލާފައެވެ. އޭނާ ފާހަގަކުރި ގޮތުގައި މި އޮޕަރޭޝަންތަކުގެ މަގްސަދަކީ އީރާނަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއްދީ، މަޝްވަރާގެ މޭޒަށް ގެނައުމެވެ. އަދި އެ މަގްސަދު މިހާރު ހާސިލުވެފައިވާ ކަމަށް އެމެރިކާއިން ގަބޫލުކުރެއެވެ.
ފެބްރުއަރީ 28 ގައި އިސްރާލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކަށްފަހު، ސަރަހައްދުގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވީ ނަމަވެސް، މިދިޔަ މަހުގެ 8 އިން ފެށިގެން ދެގައުމުގެ ދެމެދުގައި ވަނީ ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. މިހާރު އެމެރިކާގެ އަމާޒަކީ މި ވަގުތީ ހަމަލާ ބަދަލުކުރުން ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ބަދަލުކުރުމެވެ.
މެދުއިރުމަތީގެ މި ނުތަނަވަސްކަން އުފެދުނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނުގެ އަސްކަރީ އަދި އިގްތިސާދީ މުހިންމު މަރުކަޒުތަކަކަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. އީރާނުގެ ބައެއް އިސްވެރިން އަވަހާރަކޮށްލި މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ވަނީ މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. ނަމަވެސް، އީރާނުގެ ވެރިކަން ވައްޓާލުމަށް އެމެރިކާއިން ކުރި އުންމީދު ހާސިލެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ