ފޯޑެން ސިޓީގެ އެއްބަސްވުން އައުކޮށްފި

މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ފިލް ފޯޑެން އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަތަރު އަހަރަށް އިތުރުކޮށްފި އެވެ.
އުމުރުން 25 އަހަރުގެ އިނގިރޭސި މިޑްފީލްޑަރ ސިޓީ އާއިއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ހޫނު މޫސުމުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ސޮއިކޮށްފައިވާ ހަތަރު އަހަރުގެ އެއްބަސްވުމާއިއެކު އޭނާ އިއްތިހާދު ސްޓޭޑިއަމްގައި 2030 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ހުންނާނެ އެވެ.
މި ސީޒަނުގައި ފޯޑެން އަށް އެންމެ އެދެވޭ ކުޅުން ދެއްކޭ ގޮތް ވެފައިނުވާއިރު އޭނާ އެންމެ ފަހުން ލަނޑެއް ޖަހާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހު އެވެ.
އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އިނގިރޭސި ސްކޮޑުން ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުންދާ ފޯޑެން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ.
މެންޗެސްޓަރ ސިޓީގެ ފުރަތަމަ ޓީމުން ފޯޑެން އަށް ޕެޕް ގަޑިއޯލާ ފުރުސަތު ދީފައިވަނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކްލަބަށް 365 މެޗު ކުޅެދީފަ އެވެ. މި މުއްދަތުގެ ތެރޭގައި ފޯޑެން ވަނީ ސިޓީ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފަ އެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭ ކަޕް ދެ ފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ