ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެގެ ދަޢުވަތަކަށް, ރައީސުލްޖުމްހޫރިއްޔާ އެގައުމަށް ކުރެއްވި ފުރަމަނާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންފައި ވެއެވެ.
މި މަހުގެ 3 އިން 6 އަށް ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި، ގައުމުގެ ރައީސުންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމާއެކު، ރާއްޖެއާއި ސްރީލަންކާގެ މެދުގައި ހަތް ދާއިރާއަކުން އެއްބާރުލުންދިނުން އިތުރުކުރުމަށް މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެވުނެވެ.
މީގެ އިތުރުން، ލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް ފަސޭހަކޯށްދިނުމުގެ ގޮތުން، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ފަރާތުން ދިވެހި ޕާސްޕޯޓާއި، އައިޑީކާޑް ޚިދުމަތް ދިނުމުގެ މަސައްކަތް ފައްޓަވާދެއްވާފައިވެއެވެ.
ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވިކަން އިއުލާނުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ މަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެކި ދާއިރާތަކުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މި މަޝްވަރާތަކުގައި އެމަނިކުފާނަށް އިތުރު ހިތްވަރު ލިބިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ