ކޮލިފިކޭޝަން ބުރުގެ ފައިނަލްގައި ލިބުނު ހިތި ފިލުވާލައި، މަހިބަދޫން ސެންޓްރަލް ލީގުގައި ހުރާގެ މައްޗަށް ކުރިހޯދައިފިއެވެ. މަހިބަދޫގެ ޕެލޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗު، މަހިބަދޫން ކާމިޔާބުކޮށްފައި ވަނީ، 3 ލަނޑު 2 ލަނޑުންނެވެ.
ހިތްގައިމު ޕާސްތަކަކަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެން ހުރާއިން ލީޑު ނަގާފައި ވަނީ މެޗުގެ 38 ވަނަ މިނިޓުގައެވެ. މި ލަނޑާއެކު ދެޓީމުގެ ކުޅުންވެސް ވަރުގަދަކޮށް، އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކުރަމުންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.
މަހިބަދޫން މެޗުގެ ނަތީޖާ އެއްވަރުކޮށްފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖެހީ މެޗުގެ 48 ވަނަ މިނިޓުގައެވެ. އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ، ހުރާގެ ނުރައްކާތެރި ހަމަލާއެއް ނާކާމިޔާބުވުމުގެ ފައިދާ ނަގައިގެން އުފެއްދި ކައުންޓަރގައި، މެޗުގެ 58 ވަނަ މިނިޓުގައެވެ. އެޓީމުން ލީޑު ފުޅާކޮށްފައިވަނީ ލިބުނު ކޯނަރަކުން، މެޗުގެ 73 ވަނަ މިނެޓުގައެވެ.
ހުރާގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 7 މިނެޓުގެވެސް އެންމެ ފަހުވަގުތު ލިބުނު ހިލޭޖެހުމެއް ސީދާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މަހިބަދޫ ޓީމު މި މެޗަށް ނިކުމެފައިވަނީވެސް، ހުރާ ބަލިކުރުމުގެ ވަރުގަދަ އަޒުމަކާއެކުއެވެ. ސެންޓްރަލް ލީގުގެ ކޮލިފިކޭޝަން ބުރުގައި މަހިބަދޫގެ ޕެލޭ ދަނޑުގައި ކުޅުނު ފައިނަލް މެޗު، ހުރާއިން ވަނީ 0-3 ގެ ނަތީޖާއިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.
ހުރާގެ މައްޗަށް މަހިބަދޫން ކުރިހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ