އިންޑިއާ ކަނޑު ކުރިއެރުމުގެ މަޝްވަރާއަކަށް ނަޝީދު 3 ދުވަހަށް އިންޑިއާއަށް

އިންޑިއާ ކަނޑުގެ ގައުމުތަކުގެ ކުރިއެރުމާ ގުޅޭ ގޮތުން އިންޑިއާގައި ބާއްވާ ޑައިލޮގަކަށް ތިން ދުވަހަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުރާވަޑައިގެންފި އެވެ.
ވީކިހިނެއް؟ - ނަޝީދު ތިން ދުވަހުގެ މުއްދަތަކަށް ރާއްޖޭން ބޭރަށް މި ވަޑައިގަންނަވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވައިފަ އެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ތިން ދުވަސް ފަހުން އަންނަ ހޮނިހިރު ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ތަފްސީލް - ނަޝީދުގެ ޕޯސްޓްގައި ހިމަނުއްވާފައިވާ އެ މަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުގައި، މި އަހަރުގެ ޑައިލޮގުގެ ޝިއާރަކީ 'އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޯމިން މައިންޑް' އެވެ. ޝިއާރުގެ ދަށުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންކަމަކީ:
ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން
ނޫ އިގުތިސޯދު
ޑިޒާސްޓާ ރިސްކް މެނޭޖުމަންޓް ނުވަތަ ކާރިސާތަކުން އަރައިގަންނާނެ ގޮތްތައް
އިންވެސްޓްމަންޓާއި އިގުތިސޯދުގެ ހަރަކާތްތެރިކަން
ސައިންސާއި ޓެކްނޮލޮޖީ
އަންހެނުން ބާރުވެރިކުރުން
މި ކަންކަމުގެ ތެރެއިން ނަޝީދު ވާހަކަފުޅު ދައްކަވާނީ ޑިޒާސްޓާ ރިސްކް މެނޭޖުމަންޓުގެ މައުލޫގައި ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ. އެ ގޮތުން، އެ މަނިކުފާނު އަލިއަޅުއްވައިލައްވާނީ:
އިންޑިއާ ކަނޑުގެ ސަރަހައްދުގައި ރާއްޖެއަށް އަދާކުރެވޭނެ މުހިންމު ދައުރު
ފަހިކުރެވެން އޮތް އިގުތިސޯދާއި ވިޔަފާރިތަކުގެ ފުރުސަތުތައް
މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ނަޝީދު ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެނގުން މުހިންމު - އިންޑިއަން އޯޝަން ޑައިލޮގުގައި ބައިވެރިވަނީ އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގައިވާ ދެކުނު އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާގެ ގައުމުތައް ހިމެނޭ ގޮތަށް މެންބަރު ގައުމުތަކުގެ ގޮތުގައި 23 ގައުމަކާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން ޑައިލޮގު ޕާޓްނާސްގެ ގޮތުގައި 12 ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ