މީޑިއާ ކޮންޓްރޯލް ގާނޫނު އުވައިލަން ގޮވައިލައި ޕެޓިޝަނެއް
މިހާރު އޮތް މީޑިއާ ކޮންޓްރޯލް ގާނޫނު، ނުވަތަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު އުވާލުމަށްފަހު، މީޑިއާ ރެގިއުލޭޓުކޮށް، މީޑިއާތަކުގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކުރާނެ ގާނޫނީ ހަމަތައް ހިމަނައި އައު ބިލެއް ހުށަހެޅުމަށް ގޮވައިލައި އީ ޕެޓިޝަނެއް ހުށަހަޅައިފިއެވެ. ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްޖޭއޭގެ އެކްސްކޯ މެންބަރު މުޙައްމަދު ޢުސާމް ޢުބައިދުالله ހުށަހެޅި ޕެޓިޝަންގައިވަނީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މިދިޔަ ސެޕްޓެންބަރު މަހު ފާސްކުރީ، އެ ބިލުގެ މާއްދާތަކާ ގުޅޭގޮތުން ގިނަ ނޫސްވެރިންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކަމަށެވެ. އެ ބިލު ފާސްކުރީ، ބިލު ފާސްކޮށް ގާނޫނަކަށް ހެދުމުގެ ކުރިން އޭރު އަމަލުކުރަމުން ދިޔަ މީޑިއާއާއި ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުތަކުގެ ދިރާސާއެއް އެކުލަވައިލައި ހުށަހެޅުމަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެމްޖޭއޭއިން އެދިފައިވަނިކޮށް ކަމަށް، ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ. ޕެޓިޝަންގައިވަނީ، މިހާރު އަމަލުކުރަމުންދާ ގާނޫނު ފަރުމާކޮށްފައި އޮތް ގޮތުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމުގެ ހައްގާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދުމާއި ދިނުމުގެ މިނިވަންކަމުގެ ހައްގާއި މަސައްކަތްކުރުމުގެ ހައްގާއި އަދުލުވެރިކަމާއެކު ފިޔަވަޅު އެޅުމުގެ ހައްގު ނެތިގެންދާ ކަމަށެވެ. 19 ސެޕްޓެންބަރު 2025: ނޫސްވެރިން އުސްފަސްގަނޑުގައި އިހުތިޖާޖުކުރުން -- ސަން ފޮޓޯ: މޫސާ ނަދީމް ހަމަ އެއާއެކު، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު އެކުލަވައިލައިފައިވަނީ، ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމުގައިވާ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގައި ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގާއި މަސައްކަތްކުރުމުގެ ހައްގު ގާނޫނަކުން ހަނިކުރަން ބަޔާންކޮށްފައިވާ ޝަރުތުތަކާ ޚިލާފަށް ކަމަށްވެސް، އެ ޕެޓިޝަންގައިވެއެވެ. މީގެ އިތުރުން، އެ ޕެޓިޝަންގައިވަނީ މީޑިއާތަކުން ކޮންޓެންޓުތަކުގެ މައްސަލަ ބަލަމުންދާއިރު، އަދި މައްސަލައާ މެދު ގޮތެއް ނުނިންމައި، ކޮންޓެންޓް ހިމެނޭ ސެގްމަންޓު ހުއްޓައިލުމާއި، ނޫހާއި ޗެނަލްގެ ލައިސެންސް ހިފެހެއްޓުން ފަދަ ބޮޑެތި މުތުލަގު ބާރުތަކެއް، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދީފައިވާ ކަމަށެވެ. އެހެންކަމުން، މީޑިއާތަކާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާކުރުމަށްފަހު، މީޑިއާ ރެގިއުލޭޓުކުރުމާއި މީޑިއާގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކުރާނެ ގާނޫނީ ހަމަތައް ހިމަނައި، އައު ބިލެއް ފަރުމާކޮށް ހުށަހެޅުމަށް، އެ ޕެޓިޝަންގައިވަނީ ގޮވައިލައިފައެވެ. މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި މި ޕެޓިޝަނަށް މިހާތަނަށް 15 ސޮއި ލިބިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލުން ދައްކައެވެ. ޕެޓިޝަނުގައި ސޮއިކުރުމަށް އަންނަ ޖޫން މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ. މީޑިއާތައް ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދިފާއުގައި މަސައްކަތް ކުރާ މީހުން އަޑުއުފުލުން --- ސަން ފޮޓޯ: އަޙްމަދު ފިރްޔާލް ފާހަގަކުރެވޭ ގޮތުގައި، އެމްޖޭއޭއިން ވަނީ، މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލައި، ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަގުތުން ފެށުން ހިމެނޭހެން، ސަރުކާރަށް ނުވަ ކަމެއް ހުށަހަޅައިފައެވެ. https://sun.mv/221448 މިމަހުގެ ތިންވަނަ ދުވަހު އެމްޖޭއޭއިން ނެރުނު ބަޔާނެއްގައިވަނީ، ޕޯޓާސް ވިތުއައުޓް ބޯޑާސް (އާރުއެސްއެފް)އިން ނެރުނު މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެއް ކަަމަށް، އެމްޖޭއޭއިން ބުންޏެވެ. އާރްއެސްއެފްއިން އާންމުކޮށްފައިވާ މި އަހަރުގެ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި ދިވެހިރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެކެވެ. https://sun.mv/221330 އެހެންކަމުން ރާއްޖެ އަދިވެސް މިއޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އެއީ، ހިތްހަމަޖެހޭ މިންވަރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގެ ލިސްޓެވެ. އެކަމަކު، 2023 ވަނަ އަހަރު ރާއްޖެ ވަނީ 100 ވަނައަށް ވެއްޓިފައެވެ. އެއީ، ނޫސްވެރިކަން ކުރަން ކޮންމެ ވެސް ވަރަކަށް ދަތިތައް ހުރި ގައުމުތަކުގެ ލިސްޓެވެ. އެ ފަހުން 2024 ވަނަ އަހަރު އިތުރު ހަ ދަރަޖަ ވެއްޓުމާއެކު މިހާރު ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން ދަތި ގައުމުތަކުގެ ލިސްޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ