ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމި އީޝާ މިއަދު ވެސް ފުލުހަށް ހާޒިރު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އޮންލައިން ނޫސް "އަދަދު" އިން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް މިއަދު ހަވީރު އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. ރޭގެ ވަގުތެއްގައިވެސް އޭނާ ފުލުހަށް ހާޒިރުކޮށްފައިވާއިރު، މިއަދު ހާޒިރުވާން އަންގާފައިވަނީ ހަވީރު 4:00 އަށެވެ. މިއީ މި މައްސަލައިގެ ތަހުގީގަށް އޭނާ ފުލުހަށް ހާޒިރުކުރާ ދެވަނަ ފަހަރެވެ. ރޭ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރިއިރު މިއަދު އީޝާ ހާޒިރުވާން އަންގާފައިވަނީ މާލޭގައި، ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށެވެ. https://x.com/sunbrk/status/2051728647153995843/video/1 ރޭ ހާޒިރު ކުރަން, ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސް މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ. ރޭ ފުލުހަށް ހާޒިރުވުމަށްފަހު އީޝާގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މީޑިއާއާ ވާހަކަދައްކަވާފައެވެ. އީޝާގެ އިސް ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި، އީޝާއަކީ މި މައްސަލައިގައި “ވިކްޓިމް” އެއް ކަމަށާއި، އޭނާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން ކަން ހިނގައިދިޔަ ގޮތް ފެށުނީއްސުރެ ނިމެންދެން ފުލުހުންނަށް ކިޔައިދީ، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން، ވަޒީފާގެ މާހައުލުގައި މިފަދަ ކަންކަން ހިނގުމަކީ އާންމު ކަމެއް ކަމަށާއި، ނަމަވެސް މިއީ އެއްގޮތަކަށްވެސް ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދިފާއީ ވަކީލުންގެ އެންމެ ބޮޑު ޒިންމާއަކީ މުވައްކިލަށް އިންސާފުވެރި ތަހުގީގެއް ކަށަވަރުކޮށްދިނުން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އީޝާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފަރީދު ވިދާޅުވީ، ޑޮކިއުމެންޓްރީން ފެންނަނީ އީޝާކަން އެނގޭ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ހެއްކެއްކަން ފުލުހުން ހާމަކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އީޝާގެ ފަރާތުން ފުލުހުންނަށް ދޭންޖެހޭ ބަޔާން ދިނުމަށްފަހު، އޭނާ ވިކްޓިމްއަކަށް ވީގޮތުގެ ތަފްސީލުތައް މީޑިއާއާ ހިއްސާކުރާނެ ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ. https://www.sun.mv/221576 އީޝާ މީގެ ކުރިން ވަނީ ރައީސް އޮފީހުގެ އިތުރުން ދެ ވުޒާރާއެއްގައިވެސް މަސައްކަތްކޮށްފައެވެ. ފަހުން އޭނާ ވަނީ ސިޔާސީ މަގާމުން ވަކިކޮށްފައެވެ. މި މައްސަލައަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ މައްސަލައެކެވެ. މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު "އަދަދު" ނޫހުން އާންމުކުރި މި ޑޮކިއުމެންޓްރީއާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީހަށް ވަދެ، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، އީޝާގެ ޕާސްޕޯޓުގެ އިތުރުން، "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓުވެސް ވަނީ ތިން މަސްދުވަހަށް ހިފަހައްޓާފައެވެ. ފިޔާޒާއި ހަސަންވެސް މީގެ ކުރިން ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެ ދެ ބޭފުޅުން ވަނީ މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން ހަނުހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ. ރައީސް ޑރ. މުއިއްޒު ވަނީ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވައި، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ