ޚިދުމަތް ދިނުމުގައި އިންސާފުވެރި، ދެފުށް ފެންނަ ނިޒާމެއް މުހިއްމު: ބަންޑާރަނައިބު

ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ވަރުގަދަކުރުމާއި އެނިޒާމުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަކީ މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަނޑާރަނައިބު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން، އިސާގެ ޓެކްނިކަލް ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީއަށް އަންނަ ބަދަލުތަކާއި، ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާއި، އިގްތިސާދީ ނުތަނަވަސްކަމުގެ އިތުރުން ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ.
އުޝާމް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ ފައިދާ އާއި ދެމެހެއްޓެނިވިކަން ބިނާވެފައިވަނީ ހަމައެކަނި މާލީ ތަނަވަސްކަމުގެ މައްޗަށް ނޫން ކަމަށެވެ. މިއާއެކު ވަރުގަދަ މުއައްސަސާތަކާއި، ހަރުދަނާ ގާނޫނީ އޮނިގަނޑުތަކާއި، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ގަވަރނަންސް އޮނިގަނޑުތަކެއްގެ ބޭނުންވާކަމަށެވެ.
"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ބިނާވާންޖެހޭނީ ހަރުދަނާ ގާނޫނީ އޮނިގަނޑުތަކާއި، ކުރިމަގަށް އަމާޒުކޮށްފައިވާ ސިޔާސަތުތަކުގެ މައްޗަށް،" ބަނޑާރަނައިބު ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، މުއައްސަސާތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި ގާބިލުކަން އިތުރުކުރުމަކީ ހަމައެކަނި އިދާރީ ނުވަތަ ޓެކްނިކަލް ކަމެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އޮތް މުހިންމު ބަހާއެއް ކަމަށެވެ. އަދި މިއީ ގާނޫނީ ގޮތުން ވަރުގަދަ އަދި ހިންގުންތެރި މުއައްސަސާތަކަށް ކުރިމަތިވާ ނުރައްކާތަކަށް ފައިދާހުރި ގޮތެއްގައި އިޖާބަދެވޭނެ ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ބަނޑާރަނައިބުގެ ވާހަކަފުޅުގައި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންސާފުވެރި، ދެފުށް ފެންނަ، އަދި ޖަވާބުދާރީވާ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ނިޒާމެއްގެ ސަބަބުން މުއައްސަސާތަކަށް އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމަ އިތުބާރާއި ނަޒާހަތްތެރިކަމާއެކު އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ