20 އަހަރު ތެރޭގައި، ފުރަތަމަ ފަހަރަށް އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް 20 އަހަރަށްފަހު އާސެނަލް އިން ހޯދައިފި އެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް އާސެނަލް އިން ހޯދާފައިވަނީ ރޭ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭގެ ނަތީޖާ އާއިއެކު އާސެނަލް އަށް ކުރި ލިބިފައިވަނީ 2-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
އާސެނަލް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައިވަނީ 2006 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި އާސެނަލް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ބާސެލޯނާ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އާސެނަލްގެ ބުކަޔޯ ސަކާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެތްލެޓިކޯ މެޑްރިޑްގެ ޖިއުލިއާނޯ ސިމިއޯނީ އަށް ލުބުނު ހުސް ފުރުސަތު ގޯލަށް ބަދަލު ކުރުމުގެ ކުރިން ޑެކްލަން ރައިސް ވަނީ ޓެކްލްކޮށް އެ ފުރުސަތު ގެއްލުވާލާފަ އެވެ.
އާސެނަލް އަށް މެޗުގެ ދެވަނަ ހާފުގައި ލީޑު ފުޅާ ކުރަން ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް ވިކްޓަރ ޔޯކޭރޭސް އަށް ވަނީ އެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭ ގޮތް ނުވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އާސެނަލް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ ކުޅޭ މެޗަށްފަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ