"800 ފާމަސީއިން، 3000 ބޭސް ދޫކުރާއިރު ބޭސްނުލިބޭ މައްސަލަ ބަލަންޖެހޭ"

ރާއްޖޭގެ 800 ފާމަސީއަށް އާސަންދައިން، ޒަރޫރީ ބޭސް ލިސްޓުން 3000 އަށްވުރެ ގިނަ ބޭސް ދޫކުރާއިރު ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމެއްކަމަށް އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާވަނީ އާސަންދައިގެ ދަށުން ބޭސް ފޯރުކޮށްދިނުމަށް ހުރި ގިނަ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.
އާސަންދައިގެ ދަށުން ބޭސް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށްވަނީ ބޭހުގެ ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ދައުލަތުގެ ހުރިހާ އިދާރާއެއް ހާޒިރުކޮށްފައެވެ. މިކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ ބޭހުގެ މައްސަލައިގައި އެކި މަރުޙަލާތަކުގައި ހައްލު ނުކުރެވިގެން އުޅޭ އެތައް މައްސަލަތަކެއް އެބަހުރިކަމަށެވެ.
ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ކުރާ ޚަރަދުގެ 60 އިންސައްތައަކީ ފާމަސީތަކަށް ކުރާ ޚަރަދުކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި 800 އަށްވުރެ ގިނަ ފާމަސީއަށް އާސަންދައިގެ ދަށުން ބޭސް ލިސްޓުން 3000 އަށްވުރެ ގިނަ ބޭސް ދޫކުރާއިރު ރައްޔިތުން ބޭސް ނުލިބޭކަމުގެ ޝަކުވާއަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމެއްކަމަށް ޒީނިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕޭއަބްލްސްގެ ގާތްގަނޑަކަށް ސްކީމްގެ 60 އިންސައްތަ ހޭދަކުރަނީ ފާމަސީތަކަށް، އެހެންވީމަ މިހާބޮޑު ޚަރަދެއްކުރާއިރުވެސް ސްކީމްގެ ތެރެއިން މީހުންނަށް ބޭސްލިބުމުގައި ދަތިތައް އެބަހުރި. އެހެންވީމަ އެބަޖެހޭ ބަލަން މިވަނީ ކިހިނެތްކަން." ޒީނިޔާ ވިދާޅުވިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެކުލަވާލާފައި އޮންނަ ޑްރަގް ލިސްޓަކަށް ބޭސް އެތެރެކުރާއިރު، އެސެންޝިއަލް މެޑިސިން ލިސްޓު ނުވަތަ ޒަރޫރީ ބޭސް ލިސްޓުގައި ހިމެނޭ ބޭސްތައް ރާއްޖޭގެ ކޮންމެ ފާމަސީއަކުން ލިބެންޖެހޭކަމަށް ކަނޑައަޅާފައިއޮތްނަމަވެސް އެކަން ކަށަވަރު ނުކުރެވޭކަން ޒީނިޔާ ފާހަގަކުރެއްވިއެވެ. އަދި އެމްއެފްޑީއޭއިން ފާމަސީ ރަޖިސްޓްރީކުރުމުގެ ހުއްދަ ދިނުމުން، ޒަރޫރީ ބޭސް ލިސްޓުގައި ހުންނަ ބޭސްތައް ލިބެންޖެހޭނެކަމަށް އޮތްނަމަވެސް ފާމަސީތަކުން އެގޮތަށް ޢަމަލު ނުކުރާކަމަށާއި އެކަން ބެލޭނެ ނިޒާމެއްވެސް ޤާއިމުވެފައި ނެތްކަމުގެ ކަންބޮޑުވުން ޒީނިޔާވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި އޮންނަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ވަރަށް ގިނަ ބޭސްތައް ރާއްޖެއަށް މިހާރު އެތެރެނުކުރާކަމަށް ޒީނިޔާ ވިދާޅުވިއެވެ. އަދި އިމްޕޯޓު ނުކުރާ ބޭސްތައް ލިސްޓުގައި ހުރިއިރު، އެކަން ބެލޭނެ ނިޒާމެއް ނެތްކަންވެސް ޒީނިޔާވަނީ ފާހަގަކުރައްވާފައެވެ. ޒީނިޔާ ވިދާޅުވީ ރާއްޖޭގެ ފާމަސީތަކުގައި ބޭސްތަކުގެ ބްރޭންޑްތައް ވަރަށް ގިނައިން ބަދަލުވާކަމަށާއި އެކަމުގައިވެސް އެއްވެސް ކޮންޓްރޯލެއް ނެތްކަމަށެވެ. މިކަމުގައި ފާމަސީތަކުގެ ޒިންމާއެއްވެސް އޮންނަންޖެހޭކަމަށާއި ބޭހުގެ ބްރޭންޑްތައް އެހާ އަވަހަށް ބަދަލުވަމުންދާއިރު އެކަން ބޭހުގެ އަގާއެކު ޑްރަގް ލިސްޓުން އަޕްޑޭޓުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
އާސަންދައަށް ހުށައަޅާ ޝަކުވާތަކުގެ ތެރޭގައި އާސަންދައިގެ ދަށުން ބޭސް ނުލިބޭކަމާއި ކޮލިޓީ ދަށް ބޭސް ވިއްކާކަމުގެ ޝަކުވާކަމަށެވެ. އަދި ޤައުމީ ފެންވަރުގައި ރާއްޖޭގެ ހޯލްސޭލް ރޭޓު ކޮންޓްރޯލްކުރާނެ ގޮތެއް ނެތްކަމުގެ ކަންބޮޑުވުންވަނީ ފާޅުކޮށްފައެވެ. ވޭތުވެދިޔަ 2 އަހަރު ކުރިން ބެލި އިރުވެސް 500 އަދި 600 އިންސައްތައިގެ އަގު އެއްކޮށްގެން ފާމަސީތަކުން ވިއްކަމުންދިޔަކަން ޒީނިޔާ ފާހަގަކުރެއްވިއެވެ. ސަރުކާރުން ކުރިއަށްގެންދާ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން މިކަމަށް ހައްލެއް ގެނައުމަށް ފެށި މަސައްކަތުން އަދި ގެނެވެނީ މަދު ބޭހެއްކަމަށާއި އެކަމުގައިވެސް އަގުހެޔޮކޮށް އާސަންދަ ރޭޓުގައި ވިއްކުމުގައި އެކި ފަރާތްތަކުން ޝަކުވާކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ