ވޯލްޑްކަޕް: ބްރެޒިލްގެ މަގުތަކަށް ވޯލްޑްކަޕްގެ ފޯރި ގެންނަން ފަށައިފި

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު މަތިން ހޯދާފައިވާ ބްރެޒިލްގެ މަގުތަކަށް ވޯލްޑްކަޕްގެ ފޯރި ގެންނަން ފަށައިފި އެވެ.
އަންނަ މަހު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑްކަޕް ފެށެން ވަގުތު ކުޑަތަން ވެފައިވާއިރު, ބްރެޒިލްގެ މަގުތައް އެ ގައުމުގެ ދިދަ އާއި ކުޅުންތެރިންގެ ފޮޓޯއިން ވަނީ ކުރަހަން ފަށާފަ އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ ވޯލްޑްކަޕާއި ދިމާކޮށް ބްރެޒިލްގެ މަގުތަކާއި އާންމު ޕާކުތަކަށް ފުޓްބޯޅައި ފޯރި ގެނައުމަކީ އެ ގައުމުގައި ގިނަ ދުވަސްތަކަކަށް ދިގުދެމިގެން ގޮސްފައިވާ ސަގާފަތެކެވެ.
ފަސް ފަހަރު މަތިން ބްރެޒިލް އިން ވޯލްޑްކަޕް ކާމިޔާބުކޮށްފައިވީ ނަމަވެސް ފަހަކަށް އައިސް އެ ޓީމަށް ވަނީ އެންމެ އެދެވޭ ނަތީޖާތައް ނުހޯދިފަ އެވެ.
ބްރެޒިލް އިން އެންމެ ފަހުން ވޯލްޑްކަޕް ކާމިޔާބުކޮށްފައިވަނީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕްގަ އެވެ.
ބްރެޒިލްގެ ކޯޗު ކަމާއި އިޓަލީގެ މަޝްހޫރު ކޯޗު ކާލޯ އެންޗެލޮއްޓީ ހަވާލުވުމަށްފަހު މިއީ އެ ގައުމުން ވޯލްޑްކަޕާއި ކުރިމަތިލާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ