ގަމުގެ އާ ކައުންސިލް ހުވާކުރި ގޮތަށް ނިންމީ ރަށުން ރުއް ބޭރުކުރުން މެދުކަނޑާލަން

ލ. ގަމުން ރުއް ބޭރުކުރުމުގެ ހުއްދަތައް އެ ރަށު ކައުންސިލުން މިއަދު ބާތިލުކޮށްފި އެވެ. 
ގަމުގެ އާ ކައުންސިލް ހުވާކުރުމާ އެކު، ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ސޮއިކުރައްވައި މިއަދު ނެރުއްވި ސިޓީގައި ވިދާޅުވީ އެ ރަށުން ރުއް ބޭރުކުރުމުގެ ކަންކަން ހަރުދަނާކޮށް، އެ މަސައްކަތްތައް މޮނިޓާކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ނިންމާފައިވާ ކަމަށެވެ. 
އެގޮތުގެ މަތިން މިއަދުން ފެށިގެން އެ ރަށުން ރުއް ބޭރުކުރުން ވަނީ މެދުކަނޑާލައިފަ އެވެ. 
"މި ރަށުން ރުއް ބޭރުކުރުމަށްޓަކައި މިހާތަނަށް މި ކައުންސިލުން ދޫކޮށްފައިވާ އެންމެހާ ހުއްދަތައް، މި އިއުލާނު ނެރޭ ތާރީހުން ފެށިގެން ބާތިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ،" އެ އިއުލާނުގައިވެ އެވެ. 
މީގެ ފަހުން އެ ރަށުން ރުއް ބޭރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ، އެ ކައުންސިލުން އެކަމަށްޓަކާ އަލަށް އެކުލަވާލާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަލުން ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ގަމާއި އެ ރަށާއި ގުޅިފައިވާ ވިލިނގިލި އަދި މާންދޫ ހިމެނޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ރުއް ހުރެ އެވެ.
ވިޔަފާރި އާއި އެހެނިހެން ބޭނުންތަކަށް ގަމުން ވަރަށް ގިނައިން ރުއް ބޭރުކުރެ އެވެ. އަދި ރަށުގެ ބަންޑާރަ ބިންތަކުގައި ހުންނަ ރުއްގަސް ނެގުމުގެ ސަބަބުން ރަށުގެ ފެހިކަން ގެއްލޭ މައްސަލައިގައި އެ ރަށު ރައްޔިތުންގެ ކަންބޮޑުވުން ވެސް އޮވެ އެވެ. 
ރިސޯޓުތައް ފެހިކުރަން ވެސް ރަށްރަށުން ގިނަ އަދަދަކަށް ރުއްގަސް ނަގައިގެން ގެންދެ އެވެ.  ރަށްރަށުން ގިނަ އަދަދަށް ރުއްގަސް އެގޮތަށް ނެގުމުން ތިމާވެއްޓަށް ގެއްލުންވެ، ރަށުގެ ފެން ފަށަލައަށް ނޭދެވޭ އަސަރުކުރުމުގެ އިތުރުން ރަށް ގިރުން ކަހަލަ ކަންކަން ދިމާވާ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ