މިސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތަރައްޤީއާއި ތިމާވެށި ގުޅިލާމެހިގެންދާނެ ގޮތަކަށް ކަމަށާއި، މީގެ ސަބަބުން ތިމާވެށި ޙިމާޔަތްކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ދައްކާނެ ޤައުމަކަށް ރާއްޖެވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެވަގުތެއްގައި ރައްޔިތުންގެ ވިންދު އެކަމަކާ ގުޅިފައިވާ ދާއިރާއަކަށް ޚާއްސަކޮށްގެން، "ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރިއަށް އޮތް 2 އަހަރު ތެރޭގައި ހާސިލުކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ޤާއިމުކުރުމާއި، ހުރިހާ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަކީ އަމާޒެއް ކަމަށެވެ. އަދި ރާއްޖެ ފެހިކުރުމުގެ ބޮޑު މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމުމާއި، އިޔާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ގިނަ ބައެއްގެ މެދުގައި ބަހުސް ކުރެވޭ ކަމެއް ކަމަށާއި، ނަމަވެސް ބިން ހިއްކުމަކީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށެވެ.
"އަޅުގަނޑު ދެންނެވި ގޮތަށް ބިން ހިއްކުމަކީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރިއަށްގެންދާ ކަމެއް. ތަރައްޤީއާއެކީގައި ތިމާވެށި ޙިމާޔަތްވާން ޖެހޭ. މިސާލަކަށް އަޅުގަނޑުމެން ރަސްމާލެ ހިއްކާއިރުގައި އަޅުގަނޑުމެން އެބަ ހިންގަން މުރަކަ އާލާކުރުމުގެ ޕްރޮގްރާމުތައް އަދި އެހެންތަނެއްގައި މުރަކަ އިންދުމާއި، އެހެންގޮސް ތަރައްޤީއާއި ތިމާވެއްޓާއި އެކުއެކީގައި ގުޅިލާމެހިގެންދާނެ ގޮތަކަށް އަޅުގަނޑުމެން މި މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވަނީ." ރައީސް ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ މައިގަނޑު ސިނާޢަތްތަކަށް، ޚާއްޞަކޮށް މަސްވެރިކަމަށްކުރާ އަސަރުތަކަށްވެސް ރައީސް ބައްލަވާލެއްވިއެވެ. އެގޮތުން ބިން ހިއްކުމުގެ ސަބަބުން އެންވެރިކަމަށް އަސަރުކުރާކަން ފާހަގަކުރައްވައި، އެންވެރިކަން ނުގެއްލޭނެ ފަދަ ގޮތަކަށް އިޔާދަ ކުރެވޭނެ ޕްރޮގްރާމުތައް ހިންގުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ތިމާވެށީގެ ވާހަކަ ދައްކަނީ، ނަތީޖާ ނެރެވޭނެ އަދި ވަށާޖެހޭ ގޮތައްކަމަށެވެ.
"ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ އަޅުގަނޑު ދައްކަނީ، މިސަރުކާރުން ވަރަށް ޕްރެކްޓިކަލްކޮށް ނަތީޖާ ނެރެވޭނެ ގޮތަށް ވަށާޖެހޭ ގޮތަކަށް. މީގެ ކުރީގައި އެސަމާލުކަން އެގޮތަށް ދެވިފައި ނެތީ. ހަމައެކަނި ތަރައްޤީގެ މަސައްކަތްތަކަށް ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް، މީގެންވެސް އެއްބައި ކުރިއަށް ގެންދެވެނީ. ވަށާޖެހޭ ގޮތަކަށް އެކަންތައްތައް ކުރިއަށް ގެންދެވިފައެއް ނުއެއް ނެތީމަ އެކަން އެއޮތީ ނުވެފައި." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރައްވާނެ ކަމަށާއި، ތިމާވެށި ޙިމާޔަތްކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ދައްކާނެ ޤައުމަކަށް ރާއްޖެވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ހުރިހާ މަސައްކަތެއްވެސް ބައްޓަން ކޮށްފައިވަނީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި، ތިމާވެއްޓާއި ތަރައްޤީ އެކުއެކީގައި ކުރިއަށްދާނެ ފަދަ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތްކުރުމުގައި ޤައުމުތަކަށް ނަމޫނާއަކަށް ރާއްޖެވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ