ފަގީރު، ނިކަމެތި ހާލަތުގައި އޮވެ ދަރަނި ދެއްކުމުގެ ބަދަލުގައި ދަރަނި ދައްކަންވީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ނަޝީދު ހުޅުމާލޭގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ދުނިޔޭގެ މިހާރުގެ އާދައަކީ އޮސްޓެރިޓީ، ނުވަތަ ނިކަމެތި ހާލަތުގައި ތިބެ ދަރަނި ދެއްކުން ކަމަށެވެ.
"ރައްޔިތުން ނިކަމެތިނުކޮށް އެބަ ދަރަނި ދައްކާންޖެހޭ. އޮސްޓަރެޓީގައި ދައްކުރަމުން، ކަނޑަމުން، މަދުކުރަމުން، އުނިކުރަމުންނެއް ނޫން ދަރަނި ދައްކާން އަޅުގަނޑުމެން ބުއްދީގައި ވަނީ. ތަނަވަސްކަން އިތުރުކޮށްގެން، ރައްޔިތުންނަށް ލިބޭ އެއްޗެއް ގިނަކޮށްގެން އެ ލިބޭ ގިނަ މިންވަރުން ޓެކްސް ބޭސް ބޮޑުކޮށްގެން އަޅުގަނޑުމެން ދަރަނި އަނބުރާ ދައްކާން ބޭނުންވަނީ،" ނަޝީދު ވިދާޅުވި އެވެ.
ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވައި އެފްރިކާގައި ކުރެއްވި މަސައްކަތަށް ވެސް ރޭ ނަޝީދު އަލިއަޅުވައިލެއްވި އެވެ.
"ޕްރޮސްޕެރިޓީގައި ދަރަނި ދެއްކުން ދުނިޔޭގައި އާންމުވާންވެއްޖެ. އައިއެމްއެފް މި މަގަށް ހޭލާންވެއްޖެ. އަޅުގަނޑު މި އައީ ދުނިޔޭގެ 74 ގައުމުގައި ދެ އަހަރާއި ބައި ވަންދެން މި ވަކާލާތުކޮށްފައި. ހިތަށް ތަދުވާ މިންވަރަށް އެފްރިކާގެ ގައުމުތައް ބިކަވަމުން ނިކަމެތިވަމުންދާ ތަން އެބަ ފެނޭ ދަރަނީގެ ދަންތުރައިގައި ޖެހި،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންނާއި ގައުމު ތަނަވަސްކޮށްގެން ދަރަނި ދެއްކޭނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެމަނިކުފާނު ވާދަ ކުރެއްވުމުގެ އެއް ބޭނުމަކީ އެއީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރާއްޖެއިން ދަރަނި ދެއްކޭނީ އަޅުގަނޑުމެން ތަނަވަސްވެގެން. އަޅުގަނޑުމެން ފަގީރުވެގެނެއް ނޫން. އެމްޑީޕީއަކީ މި މަސައްކަތް ކުރާން އޮތް ޕާޓީ. އަޅުގަނޑަށް އެނގޭ މި ޕާޓީ މެދުވެރިކޮށްގެން އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވޭނެކަން. އަޅުގަނޑަށް ވަރަށް ސާފު މި މަސައްކަތްނުކޮށް އަޅުގަނޑުމެން ދިވެހީންނަކަށް މުސްތަގުބަލެއް ހޯދޭކަށެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބު އޮންނާނީ ޖޫން 12، ގަ އެވެ. އެއީ މުޅި ރާއްޖޭގައި ބާއްވާނެ ބޮޑު އިންތިހާބެކެވެ. އެ އިންތިހާބުގައި ނަޝީދާއެކު ވާދަ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
ދަރަނި ދައްކަންވީ ރައްޔިތުން ނިކަމެތިނުކޮށް، ތަނަވަސްކަން އިތުރުކޮށްގެން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ